އިއްޔެ އަމަލީ މަސައްކަތް ފެށި ރާއްޖޭގެ ފުރަތަމަ އިންޑޯ ފުޓްސަލް އެރީނާ ނިމުމުން، އެ ތަން ވެގެންދާނީ ދެކުނު އޭޝިއާގެ ވެސް އެންމެ ފެންވަރު ރަނގަޅު ފުޓްސަލް ކޮމްޕްލެކްސްއަށް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ތިން ވަނަ ފޭސްގައި އިމާރާތްކުރަން ފެށި އިންޑޯ އެރީނާގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާގައި، މިނިސްޓަރު ރާފިއު ވިދާޅުވީ އިންޑޯ ފުޓްސަލް އެރީނާއަކީ ފުޓްސަލް ކުޅުންތެރިންނާއި އެ ކުޅުންތެރިންނަށް މަދަދުވެރިވާ ހުރިހާ ފަރާތްތަކުގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފުޓްސަލަށް އޮތް އެންމެ ބޮޑު ގެންޖެހުމަކީ މުބާރާތްތައް ބާއްވާނެ އިންޑޯގެ ވަސީލަތްތައް ހުރި ތަނެއް ނުލިބުން ކަމަށެވެ. 

"އެހެންވީމާ އިންޑޯ އެރީނާއެއްގެ ހުވަފެން ފުޓްސަލް ކުޅުންތެރިންނާއި އަދި އެ ކުޅުންތެރިންނަށް މަދުދުވެރިވާ ހުރިހާ ބޭފުޅުން ވެސް ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން، އެކަމަށްޓަކައި ހުވަފެން ދެކެން ފަށާފައި،" ރާފިއު ވިދާޅުވި އެވެ. 

"ﷲ ގެ އިރާދަފުޅުން  މިއަދު [އިއްޔެ] އަޅުގަނޑުމެންނަށް މިވަނީ އެ ހުވަފެން ސީދާވުމަށްޓަކައި ފުރަތަމަ މަރުހަލާ (ފެށިފައި). ބިންގާ އެޅުމުން ފެށިގެން މަސައްކަތް ފެށުން. އުއްމީދުކުރަނީ 18 މަސް ދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ ވެސް އަވަހަށް މި މަސައްކަތް ނިންމަވައި ދެއްވާނެކަމަށް."

ރާފިއު ވިދާޅުވީ ދެކުނު އޭޝިއާގައި ފުޓްސަލްއަށް އެހާ ފެންވަރު މަތި ތަނެއް ހުރިިކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. 

މި ސަރަހައްދުގައި އިންޓަނޭޝަނަލް މުބާރާތް ބޭއްވޭވަރުގެ ފުޓްސަލް ކޮމްޕްލެކްސް އެއް ނެތުމުން، ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް، މިއަހަރު ކުރީކޮޅު ބޭއްވީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. 

"އަޅުގަނޑަކަށް ވެސް ހީއެއްނުވޭ މި ރީޖަންގައި ވެސް ފުޓްސަލްއަށް ހާއްސަ މިކަހަލަ  ކޮމްޕްލެކްސްއެއް ގާއިމުކޮށްފައި ހުރިހެނެއް. އެހެންވީމަ މިއީ އަޅުގަނޑުމެންނަށް ނެގޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނީ މި ކުޅިވަރު އިތުރަށް އާލާކޮށް އެތުލީޓުންގެ ހުނަރު އިތުރަށް ކުރިއަރުވައި މިހާރު ޕާފޯމްކުރަމުންދާ ލެވަލް ޑިފެންޑްކުރަން،" ރާފިއު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އިންޑޯ މަޝްރޫއު، ނިމުމުން އިންޓަނޭޝަނަލް ފުޓްސަލް މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ފުޓްސަލް އެރީނާ ވެގެންދާނީ މި ސަރަހައްދުގައި ރާއްޖޭގެ ފުޓްސަލް ޕްރޮމޯޓް ކުރުމަށް މަގުފަހިވާނެ ސެންޓަރަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

"މިތަން ވެގެންދާނީ މުޅި ރީޖަންގައި ވެސް އަޅުގަނޑުމެންނަށް އިސްތިހާރު ކުރެވޭނެ އަދި މި ރީޖަންގައި ބާއްވާ ފުޓްސަލް މުބާރާތްތައް ބޭއްވޭނެ ތަނަކަށް،" ރާފިއު ވިދާޅުވި އެވެ. 

އިންޑޯ ފުޓްސަލް އެރީނާގެ މަސައްކަތް، ސްޕޯޓްސް މިނިސްޓްރީން ހަވާލުކުރީ ލިއޯ ޓްރޭޑިން ކުންފުންޏާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް ދެ އަހަރު ތެރޭ ނިންމަން ޖެހޭގޮތަށެވެ. 

ސްޕޯޓްސް މިނިސްޓްރީން ބުނީ އިންޑޯ ފުޓްސަލް އެރީނާގައި ފީފާގެ މިންގަނޑަށް ފެތޭ ފަސް ކޯޓު ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ގްރައުންޑް ފްލޯގައި އޮންނަ މަލްޓި ސްޕޯޓްސް މެޗު ޕިޗަކާއި ތަމްރީނުތަކަށް ހާއްސަ ހަތަރު ޕްރެކްޓިސް ޕިޗު ހިމެނޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

ރަސްމީ މެޗުތައް ކުޅޭ މައި ކޯޓުގައި ހަދާ ސަޕޯޓަރުންގެ ޖާގައިގައި އެއްފަހަރާ 900 މީހުންނަށް ތިބެވޭ ސީޓިން ކެޕޭސިޓީ ހިމެނޭނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައިވެ އެވެ.

ސަޕޯޓަރުންގެ ސްޓޭންޑްގެ އިތުރުން  ޓިކެޓް ކައުންޓަރުތަކާއި ކޮފީ އާއި ލުއިބުއިންތަކާއި ކެއުންތައް ވިއްކާ ސްޓޭންޑްތައް ހުންނާނެ ކަމަށް އެ މިނިސްޓްރީގެ ވެބްސައިޓްގައި ވާ މައުލޫމާތުތަކުގައި ބުންޏެވެ.  އެރީނާގެ ދެ ވަނަ ފަންގިފިލާގައި ވީއައިޕީ ލައުންޖަކާއި ކޯޕަރޭޓް ބޮކްސް ވެސް ހިމެނޭނެ އެވެ.