ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު އެއް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކުޅިވަރު ދޫކޮށް ސިޔާސީ ދަނޑަށް ނުކުމެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ނިޒާމް ވަނީ އޭނާގެ އުފަން ރަށް ސ. ފޭދޫގެ ދެކުނު ދާއިރާއަށް ވާދަކޮށްފަ އެވެ.
ފުޓްބޯޅަ ކުޅުންތެރިޔެއްގެ އަދި ފަހުން ކޯޗެއްގެ ގޮތުގައި ގިނަ ތަށިތަކާއި ކާމިޔާބުތަކެއް ހޯދި ނިޒާމުގެ ސިޔާސީ ދާއިރާގެ ފުރަތަމަ ކުރިމަތިލުމުން ވީ ބައްޔެވެ.
ސިޔާސީ ދަނޑުގައި ދެ ކޯޗުންގެ ކުރިމަތިލުން؛ ނިޒާމްގެ މައްޗަށް ބެންޖޯއަށް ގޮނޑި ކާމިޔާބު!
ނިޒާމްއާ ވާދަކޮށް ފޭދޫގެ އެ ގޮނޑި ކާމިޔާބު ކުރީ އީގަލްސްގެ މިހާރުގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
ނާކާމިޔާބާ ކުރިމަތިވި ނަމަވެސް، ނިޒާމް ބުނީ ސިޔާސީ ދާއިރާގެ ފުރަތަމަ ޗެލެންޖުން އޭނާ އަށް ގިނަ ކަންކަން ދަސްވިކަމަށެވެ.
"މިއީ ބައްޔެއް ނޫން، މިއީ އަގުހުރި ފިލާވަޅެއް އަދި އާ ފެށުމެއް،" ސޯޝަލް މީޑިއާގައި ނިޒާމް ލިޔެފައިވެ އެވެ.
"މި އިންތިހާބުގައި އަޅުގަނޑަށް ގޮނޑިއެއް ކާމިޔާބު ނުކުރެވުނު ނަމަވެސް މި ދަތުރަކީ ވަރަށް ގިނަ ގޮތްގޮތުން ކާމިޔާބު ދަތުރެއް ކަމުގައި އަޅުގަނޑު ދެކެން."
ބުރު ސްޕޯޓްސްގައި ދެ އަހަރު ހޭދަކުރުމަށް ފަހު މިދިޔަ ސީޒަނަށް ފަހު ނިޒާމް ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. އެ މަގާމުން އޭރު އޭނާ އަތް ދޫކޮށްލީ ފުޓްބޯޅައިގެ މަސައްކަތުން ދުރައްޖެހިލަން އުޅޭކަމުގެ އިޝާރާތެއް ދެމުންނެވެ.
އެއަށް ފަހު އޭނާ ގުޅުނީ ސިޔާސީ ދާއިރާ އަށެވެ. އަލުން ފުޓްބޯޅަ ދަނޑަށް ފެންނާނެ ތޯ، "މިހާރު" އިން ކުރި ސުވާލަށް އޭނާ ސާފު ޖަވާބެއް ނުދެ އެވެ.
އޭނާ ބުނީ ސިޔާސީ ދާއިރާގައި މަސައްކަތް ފެށީ، ކުޅިވަރު ދާއިރާއަށް ބަދަލެއް ގެނެވޭނީ ވެސް ސިޔާސަތުތަކުގެ ތެރެއިން ކަމަށެވެ.
"ސިޔާސީ ދާއިރާއަށް ޝައުގުވެރިވީ، ދެން ކުޅިވަރަށް ކަމެއްކޮށްދެވެން އޮތީ ޕޮލިސީ ލެވަލްކަމަށް ވިސްނޭތީ. (އެހެންވެ) އެކަމަށް މި ތައްޔާރު ވަނީ،" ނިޒާމް ބުންޏެވެ.