ވެލެންސިއާ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ނިއު އަށް

ވެޓެރަންސް ކަޕްގައި އިއްޔެ 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ދެ ވަަނަ ބުރުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ނިއު ރޭޑިއަންޓް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.


މި ދެ ޓީމު މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާ ވަނީ 3-0 އިން މޮޅުވެފަ އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުން ވެލެންސިއާ ކޮޅަށް ނިއުގެ ލަނޑުތައް ކާމިޔާބުކުރީ ހުސްނީ އަބްދުލް ރަހުމާން އާއި އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ނިއުގެ ކޮޔަރު އައްޔަ އަށް ލިބުނުއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިއްޝާގް މުހައްމަދު އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއް ވަނަ ދިޔަ މާޒިޔާ ނުކުންނާނީ ގްރޫޕް ބީގެ އެއް ވަނަ ނިއުއާ ދެކޮޅަށެވެ. ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ ފައިނަލަށެވެ. ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ދިޔަ ސިފައިންނާއި ގްރޫޕް ބީގެ ދެ ވަނަ ވެލެންސިއާ ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ.

ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ރޯދަ މަހު ބާއްވާ ވެޓެރަންސް ކަޕުގައި ކުޅެނީ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ކާމިޔާބުކުރި ވެލެންސިއާ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލެންސިއާ ބަލިކޮށް ތަށި އުފުލާލީ ނިއު އިންނެވެ. އެއީ ނިއު އިން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.

މާޒިޔާ އާއި ނިއު ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗު އޮންނާނީ މަދާމާ ހަވީރު 16:15 ގަ އެވެ.