ވެޓްރަންސް ކަޕް: ވެލެންސިއާ ފައިނަލާ ގާތަށް

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ވެޓްރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވެ ވެލެންސިއާ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.


މި މެޗާ އެކު ވެލެންސިއާ އިން ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ. ދެ މި ބުރުގައި އެ ޓީމަށް ބާކީ އޮތީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކާމިޔާބުކޮށް ފައިނަލުގެ ސީދާ ޖާގައެއް ވެލެންސިއާ އަށް ލިބޭނެ އެވެ. ފައިނަލުގެ ސީދާ ޖާގަ ލިބޭނީ އެއް ވަނައަށްދާ ޓީމަކަށެވެ. އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނައިގެ މެދުގައި ކުޅޭ ސެމީ މެޗުން މޮޅުވާ ޓީމަކަށެވެ.

ދެ ވަނަ ބުރުގެ ލީގު ތާވަލްގެ އެއް ވަނައިގައި ވެލެންސިއާ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އެއް މެޗު މަދުންކުޅެ ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ނިއު އޮތީ ތިން ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ޕޮލިހާއި އެންމެ ފުލުގައި އޮތް ސިފައިންނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި މެޗުން ބަލިވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ނިއު ވަނީ ދެ ވަނަ ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ. އެ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތު ގެއްލިފައިވާއިރު، ފައިނަލަށް ދިއުމުގެ ފުރުސަތު ދެން އެ ޓީމަށް ލިބޭނީ ދެ ވަނަ ނޫނީ ތިން ވަނަ ޓީމުގެ ގޮތުގައި މި ބުރު ނިންމައި ސެމީ މެޗުން މޮޅުވެގެންނެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ވެލެންސިއާ އިން ލީޑުނެގީ މުހުތާރް ނަސީރު (ޓޫކިލޯ) ޖެހި ޕެނަލްޓީންނެވެ. އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ޓޫކިލޯ ހޮވުނުއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކީ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިހާއި ސިފައިންނެވެ. މި މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ މި ދެ ޓީމަށް ވެސް މި މެޗުން މޮޅެއް ހޯދުން މުހިއްމެވެ. މި ބުރުގައި މި ދެ ޓީމަށް ވެސް އަދި ޕޮއިންޓެއް ލިބިފައިނެތެވެ.