ޕެރިސިޗްގެ ބަދަލުގައި އިންޓައިން ބޭނުންވަނީ މާޝިއަލް

މިލާން (ޖުލައި 17) - އިންޓަ އަށް ކުޅޭ ކްރޮއޭޝިއާގެ ވިންގް އިވާން ޕެރިސިޗް މެންޗެސްޓާ ޔުނައިޓެޑަށް ދޫކޮށްލާނީ ބަދަލުގައި އެ ޓީމަށް ކުޅޭ ފްރާންސްގެ އެންތަނީ މާޝިއަލް ލިބޭގޮތަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޕެރިސިޗް ގެންދަން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ބޮޑަށް ބޭނުންވެ އެވެ. އަދި ދެ ފަހަރެއްގެ މަތިން ޔުނައިޓެޑުން ވަނީ ޕެރިސިޗަށް ބިޑް ކޮށްފަ އެވެ. އިންޓަ އިން ކުރިން ޕެރިސިޗް ވިއްކަން ކިޔާ އަގަކީ 50 މިލިޔަން ޔޫރޯ އެވެ. އެހެން ނަމަވެސް މިހާރު އެ ޓީމުން ވަނީ ވިސްނުން ބަދަލުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންޓަ އިން ހުށަހަޅާފައިވަނީ ޕެރިސިޗާއި މާޝިއަލްއާ ބަދަލުކުރުމަށެވެ. އެހެން ނޫން ނަމަ 25 މިލިއަން ޔޫރޯއާ އެކު މާޝިއަލް ދެ އަހަރުގެ ލޯނަކަށް ދޫކޮށްލުމަށެވެ.

ޔުނައިޓެޑްގެ ކޯޗުކަމާއި މޮރީނިއޯ މިދިޔަ އަހަރު ހަވާލުވި ފަހުން އެ ޓީމުގެ ފުރަތަމަ އެގާރައިން މާޝިއަލް އަށް ގިނަ މެޗުތަކުގައި ފުރުސަތު ނުދެ އެވެ. މިދިޔަ ސީޒަނުގެ ގިނަ މެޗުތަކުގައި މާޝިއަލް ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އަންނަ އަހަރަކީ ވޯލްޑް ކަޕް އަހަރެއް ކަމަށްވުމުން ފްރާންސް ގައުމީ ޓީމުން ޖާގަ ހޯދަން ކްލަބް ލެވެލްގައި ގަވާއިދުން ކުޅެން ބޭނުންވާތީ އެ ގައުމަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އަންނަނީ ޓީމު ބަދަލު ކުރަމުންނެވެ. ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ގެނެސްފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުގައި ޒަލަޓަން އިބްރަހިމޮވިޗް ވެސް އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ވެއްޖެނަމަ މާޝިއަލް އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވާނެ އެވެ.

މާޝިއަލް ޔުނައިޓެޑަށް ސޮއިކުރީ 2015 ވަނަ އަހަރު އެވެ. ލުއީ ވެން ހާލް ޔުނައިޓެޑަށް އޭނާ ގަތީ މޮނާކޯ އަށް 36 މިލިއަން ޕައުންޑްގެ ފީއެއް ދެއްކުމަށް ފަހު އެވެ. އަދި ތިން ސީޒަނަށް ބަހާލައިގެން ޔުނައިޓެޑްގައި މާޝިއަލް ދައްކާ ކުޅުމަށް ބަލާފައި އިތުރު 18 މިލިއަން ޕައުންޑް ދޭން ޔުނައިޓެޑުން އޭރު އެއްބަސްވި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މާޝިއަލް ހޯދަން ޕީއެސްޖީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.