ޓީސީ އަށް ވުރެ ވިކްޓަރީ އަށް އެޑްވާންޓޭޖް ބޮޑު: ސުޒޭން

ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދުމަށް މިރޭ ވިކްޓަރީ އާއި ޓީސީ މުހިއްމު މެޗަކަށް ނުކުންނައިރު އެޑްވާންޓޭޖް ބޮޑީ ވިކްޓަރީ އަށް ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


މިރޭގެ މެޗުން މޮޅުވެގެން ވިކްޓަރީ އަށް ޕްރިމިއާ ލީގުން ޖާގައެއް ކަށަވަރުވާނެ އެވެ. ޓީސީ އަށް ފުރުސަތު ލިބޭނީ މިރޭ މޮޅުވެ އަދި މާދަމާ ހަވީރު ކްލަބް އީގަލްސް އަތުން ގްރީން ސްޓްރީޓްސް މޮޅުވެއްޖެ ނަމަ އެވެ. ޓީސީ ބަލިވިޔަސް ނުވަތަ އެއްވަރުވިޔަސް އެ ޓީމު ކަޓާއިރު މެޗު އެއްވަރުވިޔަސް ވިކްޓަރީ އަށް އަދި ފުރުސަތު އޮންނާނެ އެވެ.

"މެޗަށް ނުކުންނައިރު ވިކްޓަރީ އަށް އެއް ކަމެއް ޔަގީން. އެއީ ތިން ޕޮއިންޓް ހޯދައިފިއްޔާ ކޮލިފައިވާނެކަން. ޓީސީ އެބަޖެހޭ މޮޅުވިޔަސް އެހެން މެޗަކަށް ޑިޕެންޑްވާން. ވިކްޓަރީ އަށް މެޗުން ސީދާ ޓާގެޓެއް އިނީމާ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވާނެ. އެ އެޑްވާންޓޭޖް ވިކްޓްރީ އަށް އޮންނާނެ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މި މެޗަކީ ސީޒަނުގެ އެންމެ އުނދަގޫ މެޗަށް ވާނެ ކަމަށާއި ސަބަބަކީ މެޗުގެ މުހިއްމުކަން ދެ ޓީމަށް ވެސް އިންތިހާ އަށް ބޮޑުވުން ކަމަށެވެ. ޓީސީ އަކީ ވެސް ހާއްސަކޮށް މިފަދަ މެޗުތަކުގައި ތަފާތު ދައްކާ ޓީމެއް ކަމަށާއި އެހެންވެ މެޗު އިތުރަށް އުނދަގޫވާނެ ކަމަށް ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މެޗަށް ނުކުންނައިރު ކޮންމެ ކުޅުންތެރިއަކަށް ވެސް ޕްރެޝަރު އޮންނާނެ ކަމަށާއި ސަބަބަކީ އެ ކުޅުންތެރިއާ އަށް ވެސް ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ލިބުމާ ނުލިބުން މި މެޗާ ގުޅިފައި އޮތުން ކަމަށެވެ.

"އެގޮތަށް ޕްރެޝަރުގައި ކުޅޭއިރު ހާސްވާނެ. އެ ހާސްކަން ވީހާ ވެސް ކުޑަކުރުން އަޅުގަނޑުގެ ޒިންމާ އަކީ،" ސުޒޭން ބުންޏެވެ.

އެކަމަކު ސުޒޭން ބުނީ އޭނާ އަށް އިންވިޖުއަލީ ޕްރެޝަރެއް ނެތް ކަމަށާއި ސަބަބަކީ ވިކްޓަރީ މި އަހަރު ނުކުތީ 2012 ވަނަ އަހަރު ވެއްޓުނު އަޑިގަނޑުން ރަނގަޅަށް ނޭރި އަދި އަލަށް ޓީމެއް ހަދައިގެން ކަމަށްވާތީ ކަމަށެވެ.

"އަޅުގަނޑު މި ޓީމާ އެކު ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން މިކަން ނުވެއްޖެއްޔާ ޕްރެޝަރު އަންނާނެ. އެކަމަކު 2012 ވަނަ އަހަރު ވެއްޓުނު އަޑިގަނޑަކުން ނޭރިގެން އުޅޭއިރު އަދި އަލަށް ޓީމެއް ހަދައިގެން އުޅޭއިރު އެ ޕްރެޝަރެއް ނެތް. ދެން އަޅުގަނޑު އަމިއްލަ އަށް ކާމިޔާބެއް ނުހޯދިގެން ޕްރެޝަރަށް ދާކަށް ނުޖެހޭ. އެއަށް ވުރެ މާޒީ ރަނގަޅު އަޅުގަނޑުގެ. އެންމެ ފަހުން މިދިޔަ އަހަރު ޕްރިމިއާ ލީގު ހޯދީ ވެސް އަޅުގަނޑު،" ސުޒޭން ބުންޏެވެ.