ނެގި ވިލާގަނޑުން ފެންފޮދެއް ނުލިބުނު: ސުޒޭން

ވިކްޓަރީ ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލެއް ނުލިބޭ ކަމަށާއި އެހެންވެ އެ ވާހަކަތައް ދެން އިތުރަށް ނުދައްކައި ބޭނުންވަނީ އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗަށް ހުރިހާ ސަމާލުކަމެއްދޭން ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ސުޒޭން ވަނީ ޓީމަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް ދާދި ފަހުން ބުނެފަ އެވެ. އެކަމަކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ "ކަޅު ވިލާގަނޑެއް ނަގައި ވާރޭ ވެހިދާނެ ކަމަށް ހީވިޔަސް ވައި އަންނަ ގޮތުން ވިލާގަނޑު ކެހި ފެންފޮދެއް ނުލިބި ހިނގައިދާނެ" ކަމަށެވެ.

"މި ދައްކަނީ ކުދި ކުދި މައްސަލަތަކެއްގެ ވާހަކައެއް ނޫން. ބޮޑެތި އިޝޫތަކެއް އެބަހުރި. އެ ހުރިހާ ވާހަކައެއް މި ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަން ވެއްޖެއްޔާ ވަރަށް ވަގުތު ނަގާނެ،" ސުޒޭން ބުންޏެވެ. "އެ ވާހަކަތައް ދައްކައިގެން ހައްލެއް އައިތަނެއް މިހާތަނަށް ވެސް ނުފެނުނު. އެހެންވެ މާ ރަނގަޅުވާނެ މެޗުން މޮޅުވާ ވާހަކަ ދެއްކިއްޔާ."

ސުޒޭން ބުނީ ވެލެންސިއާ މެޗަކީ ގަދަ ހަތަރަކަށް ވަނުމަށް މޮޅުވުން މަޖުބޫރު މެޗެއް ކަމަށާއި މިފަދަ ޕްރެޝަރު މެޗެއްގައި ވެލެންސިއާއާ ވާދަކުރަން ޖެހުމަކީ ވިކްޓަރީއަށް ރަނގަޅެއް ކަމަށެވެ.

"ވެލެންސިއާ އަކީ ފުޓްބޯޅަ ހަލާކުކޮށްލާ ޓެކްޓިކްސް އަށް ކުޅޭ ބައެއް ނޫން. ވެލެންސިއާ އަކީ ރީތި ބޯޅައެއް ކުޅޭ ޓީމެއް. އޭގެ ސަބަބުން ވިކްޓަރީ ފަދަ ކުޅެން އުޅޭ ޓީމަކަށް ފައިދާތަކެއްވާނެ. އެހެން ނޫނީ ކުޅުންތެރިއާ ދަނޑުމަތީގައި އޮށޯންނަން ނުވަތަ ބޯޅަ ބޭރަށް ޖަހަން ހަދައިގެން ގެއްލުންތަކެއް ވާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ޓީމަށް ދިމާވެފައިވާ މާލީ މައްސަލަތަކާ އެކު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި އެއީ އޭނާ އަށް ވެސް އުނދަގުލެއް ކަމަށެވެ.

"އަޅުގަނޑަށް ކޮށްދޭން ޖެހޭ ކަންތައްތައް ނުކޮށްދިނަސް، އަތޮޅުތަކުން އައިސް ތިބި ކުދިންނަށް ވަރަށް އުނދަގޫވާނެ އެކަންކަން ހަމަނުޖެހެންޏާ. އެ ކުޅުންތެރިންނަށް ވާ އުނދަގޫތަކަކީ އަޅުގަނޑަށް ވެސް ވާނެ އުނދަގުލެއް. އަޅުގަނޑަކީ ވެސް އެހާ މޮޅު މީހެއް ނޫން އެ ހުރިހާ ޕްރެޝަރުތަކާ އެކު ކާމިޔާބު ހޯދަން،" ސުޒޭން ބުންޏެވެ.

ވިކްޓަރީގެ ކުޅުންތެރިންތަކެއް ވެސް ވަނީ މުސާރައިގެ މައްސަލަ ޖެހި އަދި ބައެއް ކުޅުންތެރިންނަށް އެޕާޓްމަންޓް ކުލި ނުލިބި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ. އެ ކުޅުންތެރިން ބުނީ ކޯޗު ސުޒޭން ނެތް ނަމަ ވިކްޓަރީގެ ނަމެއް ނުވެސް އޮންނާނެ ކަމަށާއި ކުޅުންތެރިން ޕްރެކްޓިހަށް ދަނީ ވެސް ސުޒޭނަށް ކުރާ އިހުތިރާމެއްގެ ސަބަބުން ކަމަށާއި ޓީމު މިހާރު އެއޮތީ ސުޒޭނުގެ ހިތްވަރުން ކަމަށެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ގަދަ ހަތަރަކުން ޖާގަ ގެއްލިފައި ވިޔަސް ވެލެންސިއާ އިން މެޗު ފަސޭހަނުކުރާނެ ކަމަށާއި ފަހަކަށް އައިސް އެ ޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށެވެ.

"ވެލެންސިއާ އިން އަންނަނީ ރަނގަޅަށް ޕާފޯމްކުރަމުން. އެގޮތަށް ގޮސް އެންމެ ފަހުން ކުޅުނު މާޒިޔާ މެޗުން ނަތީޖާ ނެރެފައި މިވަނީ. ވެލެންސިއާ އަކީ އަބަދުވެސް މޮޅުވާން މަސައްކަތްކުރާނެ ޓީމެއް. ކޮންމެ ހާލަތެއްގައި އޮތަސް. ވިކްޓަރީ މެޗުގައި ވެސް އެގޮތަށް ނުކުންނާނީ،" ފެސްކޯ ބުންޏެވެ.