ލީގު ބުރާއި ސެމީ ފައިނަލުގައި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުގެ އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފައި ފައިނަލުގައި އެ ޓީމުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައި ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ރޭ ހޯދައިފި އެވެ.

ފުވައްމުލަކުގައި ކުރިއަށްދާ މުބާރާތުގެ އެންމެ ވަރުގަދަ ޓީމަކީ އަދި ފައިނަލުގައި ހުރިހާ ގޮތަކުން ވެސް ފޭވަރިޓަކީ މިސްކިތްމަގެވެ. ލީގު ބުރުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވިއިރު ފައިނަލަށް ދަތުކުކުރީ ފުރަތަމަ ސެމީން ޕޮލިސް އަތުން މޮޅުވެގެންނެވެ. އެކަމަކު ރޭ އެ ޓީމަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ވަނީ 25-16 އިން ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ސެޓު ވާދަވެރިކޮށް ދިޔަ ނަމަވެސް މި ސެޓު ވެސް ޕޮލިސް ވަނީ 25-23 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ތިން ވަނަ ސެޓު 25-20 އިން މިސްކިތްމަގު ކާމިޔާބުކޮށް އުއްމީދު އާކުރި އެވެ. ނަމަވެސް ޕޮލިސް ވަނީ ހަތަރު ވަނަ ސެޓު 25-19 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ މަރިޔަމް އަޒީފާ އެވެ.

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތްމަގު ޓީމުގެ އައިމިނަތު އަރީޝާ އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ދަ ފޭދޫގެ ޝާނިޔާ އަހުމަދު ނިޒާމެވެ.

އެންމެ މޮޅު ލިބެރޯއަކަށް މިސްކިތްމަގު ޓީމުގެ މަރިޔަމް ހަލީމް ހޮވުނުއިރު އެންމެ މޮޅު ސެޓަރަކީ ޕޮލިހުގެ ޖޫޒަން ޒަރީރެވެ. އެންމެ މޮޅު މިޑްލް ޕްލެޔަރުގެ މަގާމް މިސްކިތްމަގުގެ ހައްވާ ސަހާ ހޯދިއިރު ދެ ވަނަ އަށް އެންމެ މޮޅު މިޑްލް ކުޅުންތެރިއަކީ ޕޮލިހުގެ ހަމްނާ ހުސެއިން އަލިދީދީ އެވެ.

އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކީ ޕޮލިހުގެ ހައްވާ ރާޝިދާ އެވެ. ދެ ވަނަ އަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ޕޮލިހުގެ އަޒީފާ ހޮވުނުއިރު ތިން ވަނަ އަށް ދިޔައީ މިސްކިތްމަގުގެ އައިޝަތު މާޖިދާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިހުގެ މައުމޫރް މުހައްމަދެވެ.