ޒިއުރިކް (ސެޕްޓެމްބަރު 8) - ވޯލްޑް ކަޕް ކޮލިފައިންގައި ސްލޮވާކިއާ އަތުން 2-1 އިން އިންގްލެންޑް މޮޅުވި މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު ޑެލެ އަލީގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކުގެ ތަހުގީގު ފީފާ އިން ފަށައިފި އެވެ.

އަލީ ވަނީ އެ މެޗުގެ ރެފްރީ ކްލެމެންޓް ޓާޕިންއާ ދިމާލަށް އަތުގެ އިޝާރާތުން ހުތުރު އެއްޗެއް ބުނެފަ އެވެ. އެކަމަކު އެ މެޗަށް ފަހު އޭނާ ބުނެފައިވަނީ އެއީ އިންގްލެންޑުގެ ޑިފެންޑަރު ކައިލް ވޯކާއާ ދިމާލަށް ޖެއްސި ވައްތަރެއް ކަމަށެވެ. އަދި އޭނާ ވަނީ ސޯޝަލް މީޑިއާގައި އެކަމަށް މައާފަށް އެދިފަ އެވެ.

ފީފާގެ އޮފިޝަލަކު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަލީގެ މައްސަލަ މިހާރު ފީފާއިން ބަލަން ފަށާފައިވާ ކަމަށެވެ.

"ފީފާއިން އަންނަނީ އެ މެޗުގައި ހިނގާދިޔަ ކަންތައްތައް ތަހުގީގުކުރަމުން. މި މައްސަލައިގައި އިތުރު ވާހަކަތަކެއް އަހަރެން ދައްކަން ނެތިން،" އޭނާ ބުންޏެވެ.

އިންގްލެންޑް ކޯޗު ގަރެތު ސައުތުގޭޓް ބުނީ އަލީގެ އެހެން ކަންތައްކުރީ ސަމާސާ ކުރުމުގެ ގަސްދުގައި އެ ޓީމުގެ ވޯކާއާ ދިމާ އަށް ކަމަށާއި އެއީ އެއްވެސް ބަޔަކަށް ނުރުހުން ފާޅުކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

"އަހަންނަށް ޔަގީން އަލީ އެކަން ކުރީ އެހެން މީހަކަށް ނުރުހުން ފާޅުކުރުމުގެ ގަސްދުގައެއް ނޫން. އަހަރެން އެ މަންޒަރެއް ނުދެކެން. އެކަމަކު އަހަންނަށް އެއްވެސް ކުޅުންތެރިއަކު އޮޅުވައެއް ނުލާނެ. އެއީ އެއަށް ވުރެ ޕްރޮފެޝަނަލް ކުޅުންތެރިން،" ސައުތުގޭޓް ބުންޏެވެ.

ކޮލިފައިންގައި އިންގްލެންޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ނުކުންނާނީ ސްލޮވީނިއާއާ ދެކޮޅަށެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދަން ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗުން އިންގްލެންޑަށް ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ.

އިންގްލެންޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގެ ކުރިން ފީފާއިން އަލީގެ މައްސަލައިގެ ތަހުގީގު ނިންމާނެ އެވެ.