މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ ދިފާއުކޮށްފި

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ދިފާއުކޮށްފި އެވެ.


ފުޓްބޯޅަ ވެބްސައިޓް މޯލްޑިވްސް ފުޓްބޯލް.ކޮމް އާއި އެފްއޭއެމް ގުޅިގެންދޭ މި އެވޯޑްގެ މި އަހަރުގެ ހަފުލާ މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވިއިރު، ހަފްލާ ޝަރަފްވެރިކޮށްދިނީ ސްޕެއިނާއި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސެންޓޭ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެ އެވެ. މި ފަހަރު އޭނާ އެ ކާމިޔާބީ ތަކުރާރުކުރީ ނިއު އަށް ދެއްކި މޮޅު ކުޅުމާ އެކު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމާ އެކު ސެންޓޭ ވަނީ މި ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްދޭ ރަން ބޫޓު ވެސް ދިފާއު ކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ސެންޓޭ ރަން ބޫޓު ހާސިލްކުރީ 34 ގޯލު ޖަހައިގެންނެވެ. މި ފަހަރު އޭނާ ރަން ބޫޓު ދިފާއުކުރީ 24 ގޯލު ޖަަހައިގެންނެވެ.

ސެންޓޭ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މާޒިޔާގެ މުހައްމަދު އުމެއިރު، ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ނާއިޒު ހަސަން (ދާދު)އާ ވާދަކޮށެވެ.

ބާސެލޯނާގެ ކުރީގެ ކެޕްޓަން ޕުޔޯލް (ވ) ދާދުއާ އެވޯޑް ހަވާލުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދާދު އެވެ. އޭނާ މި މަގާމު ހޯދީ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ)އާ ވާދަކޮށެވެ. އެންމެ ރީތި ގޯލަށްދޭ ޖޫލޭ އެވޯޑް ހޯދީ ފޭދޫ އިއްބެ އެވެ. އެންމެ ރީތި ގޯލަކަށް ހޮވިފައިވަނީ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ކޮޅަށް ފޭދޫ އިއްބެ ޖެހި ގޯލަށެވެ. އެންމެ މޮޅު ގޯލު ހޮވީ ސަޕޯޓަރުންގެ މެދުގައި އެސްއެމްއެސް މެދުވެރިކޮށް ނެގުނު ވޯޓުންނެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ނިއު އަށް ކުޅުނު ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. އެންމެ މޮޅު ކީޕަރަކަށް ނިއުގެ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ނިއު އަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އެވެ. އޮސްކާ މި އެވޯޑް ހޯދީ މިދިޔަ އަހަރުގެ މޮޅު ކޯޗުގެ މަގާމު ހޯދި ޓީސީގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މާޒިޔާ އަށް އެސްޓީއޯ މާލޭ ލީގު ކާމިޔާބު ކޮށްދިން މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީއާ ވާދަކޮށެވެ.

ގައުމީ ޓީމުގެ މިޑްފީލްޑަރު އުމެއިރު (ވ) ޕުޔޯލްއާ އެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެންމެ ރަނގަޅަށް ޓީމަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އއ. މާޅޮހަށެވެ. ރެފްރީންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެ ރެފްރީ އަކަށް އެވޯޑް ދިނެވެ. އެއީ މުހައްމަދު ޖާވިޒާއި އަބްދުﷲ ސާތިރަށެވެ.

މީގެ އިތުރުން އެފްއޭއެމުން ވަނީ ފުޓްބޯޅަ އަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ފަރާތްތަކަށް އޮނޮރަރީ އެވޯޑް ދެއްވައިފަ އެވެ. މި އެވޯޑް ހާސިލްކުރެއްވީ ނިއުގެ ފައުންޑަ އަހުމަދު ވަހީދު (ކުއީން ވަހީދު) އާއި ވިކްޓަރީގެ ހިދުމަތްތެރިޔާ މުހައްމަދު ނާސިރުގެ އިތުރުން ވެލެންސިއާގެ ކުރީގެ މައްސޫލުވެރިޔާ އަދި މިހާރުގެ ޗެއާމަން އަދީލް ޖަލީލް އެވެ.

މީގެ އިތުރުން މި އަހަރު ފުޓްބޯޅަ ސީޒަނުގައި އެކި ގޮތްގޮތުން ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކަށް އެވޯޑް ދިނެވެ.