ކުޅިވަރު

ކީޕަރު ހުސެއިން އަށް ރަނުގެ ފުުރުސަތެއް!

މާޒިޔާ ފަރިތަކުރުންތަކުގެ ތެރެއިން ކީޕަރު ހުސެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާޒިޔާ އިން އިޓަލީ ގޯލްކީޕަރު މައުރޯ ބޮއެޗިއޯ ދޫކޮށްލުމާ އެކު އެ ޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ އެޅިފައިވަނީ މިހާތަނަށް ސީނިއާ ޓީމަށް މެޗެއް ނުކުޅެހުރި ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފްގެ ބޮލުގަ އެވެ. ހީނުކޮށް ހުއްޓައި ހުސެއިން އަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އޭނާ ހުރީ މި ފުރުސަތުގެ ބޭނުން ހިފަން އަޒުމް ކަނޑައަޅައިގެންނެވެ. މާޒިޔާ ޖާޒީގައި ހުސެން މިރޭ ފުރަތަމަ ފަހަރަށް ނުކުންނާނީ އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

"ހީވެސް ނުކުރަން އަސްލު މި ކަހަލަ ގޮތެއް ވާނެ ކަމަށް. އެކަމު މި ލިބުނީ ހަމަ ވަރަށް ރަނގަޅު ފުރުސަތެއް. އޭގެ ބޭނުން ހިފާނަން އިރާދަކުރެއްވިއްޔާ. އެންމެ ބެސްޓް ދޭނަން،" އުމުރުން 19 އަހަރުގެ ހުސެއިން "މިހާރަ"ށް ބުންޏެވެ.

ތ.ކިިނބިދު އަށް އުފަން ހުސެއިން މާޒިޔާއާ ގުޅުނީ 2015 ވަނަ އަހަރު އެވެ. ފާއިތުވި އަހަރުތަކުގައި ހުސެއިންގެ ކުޅުން ފެނުނީ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގަ އެވެ. އޭނާ ވަނީ އެ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ހުސެއިން އަށް މާޒިޔާގެ ސީނިއާ ޓީމުގެ ގޯލުން ޖާގަ އަދި ލިބިފައިނުވިއިރު، އެ ޓީމުގެ ގޯލު ބަލަހައްޓާފައިވަނީ އެކި ޓީމުތަކުގެ ގައުމީ ޓީމުގެ ގޯލްކީޕަރުންނެވެ. އެއީ ރާއްޖޭގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު، ކިރްގިސްތާންގެ ގޯލްކީޕަރު ޕަވެލް މަޓިއަޝް އަދި ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް އެވެ.

ހުސެއިން ބުނީ މި ކީޕަރުންނާ ވާދަކޮށް ފުރަތަމަ އެގާރަ އަށް އެރުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމަކު އަބަދުވެސް އެ ކީޕަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާ ދަސްކޮށްދިން އެއްޗެހީގެ ބޭނުން ހިފާ ކަމަށެވެ.

"އެ ކީޕަރުން އަސްލު ވަރަށް ގިނަ އެއްޗެހި ބުނެދިން. ވަރަށް ގިނަ އެއްޗެހި ދަސްވި. އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ،" ހުސެއިން ބުންޏެވެ.

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން ހުސެއިން (ކ) އާއި އެ ޓީމުން ދޫކޮށްލި ކީޕަރު މައުރޯ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެޗެއް ކުޅެލަން ނުލިބުނަސް ހުސެއިންގެ ފޯމު ދަމަހައްޓައި ކުޅުން ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ފަރާތަކީ މާޒިޔާގެ ގޯލްކީޕަރު ޓްރެއިނަރު/ އެސިސްޓަންޓް ކޯޗު މުހައްމަދު ސުވައިދު (ސްވެޓޯ) އެވެ. ހުސެއިން ބުނީ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ސްވެޓޯގެ ފަރާތުން ކަމަށެވެ.

"މީގެ އެންމެ ބޮޑު ހިތްވަރެއްދޭ އެކަކަށްވާނެ ސްވެޓޯ. އޭނަ އަބަދުވެސް ހިތްވަރުދޭނެ،" ހުސެއިން ބުންޏެވެ.

ގައުމީ ޓީމުން އެންމެ ފަހުން ނެގި ސްކޮޑުގައި ވެސް ކީޕަރު ހުސެއިން ހިމެނުނެވެ. މެޗެއް ނުކުޅެ ވެސް ހުސެއިން ސްކޮޑުގައި ހިމަނާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް އޭނާގެ ދިފާއުގައި ވާހަކަ ދައްކަނީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް އެވެ. އަސްލަމް ވަނީ މީގެ ކުރިން ހުސެއިން އަކީ ރާއްޖޭގައި ހުރި އެންމެ އުއްމީދީ އެއް ކީޕަރު ކަމަށް ބުނެފަ އެވެ.

"އަސްލަމް ކޯޗު ވެސް ވަރަށް ރަނގަޅު. ގައުމީ ޓީމު ޕްރެކްޓިސް ކުރާއިރު ވެސް ނޭނގޭ ވަރަށް ގިނަ އެއްޗެހި ބުނެދޭނެ. ހިތްވަރު އެލުވާނުލާ ކުޅެން ހިތްވަރުދޭނެ." އަސްލަމްގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް ހުސެއިން ބުންޏެވެ.

މި އަހަރަކީ ގައުމީ ޓީމުގެ މުބާރާތްތައް ގިނަ އަހަރެކެވެ. އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސް އަށްދާ 23 އަހަރުން ދަށުގެ ގައުމީ ސްކޮޑުގައި ހުސެއިން އަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވޭއިރު، ސެޕްޓެމްބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ވެސް ހުސެއިން އަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން ގައުމީ ޓީމަށް އެފްއޭއެމުން އިން ބާއްވާ ބައިނަލްއަގްވާމީ މުބާރާތް ވެސް އޮންނާނެ އެވެ.

"އަސްލު މާޒިޔާގައި މި ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައިފިއްޔާ ކޮންފިޑެންސަށް މިއީ ވަރަށް މުހިއްމުކަމެއް. އެއީ ގައުމީ ޓީމުގެ މުހިއްމު އަހަރެއް މިއީ. އޭޝިއަން ގޭމްސްގެ ކުރިން މި މެޗުތައް ލިބުނީތީ ވަރަށް އުފާކުރަން،" އުއްމީދުގައި ހުރެ ހުސެއިން ބުންޏެވެ.

މާޒިޔާއިން މީގެ ކުރިން ވިސްނާފައި އޮތީ އަންނަ އަހަރު ހުސެއިން އަށް ޓީމުން ފުރުސަތު ދޭށެވެ. އެކަމަކު ކަންދިމާކުރި ގޮތުން އޭގެ ކުރިން ހުސެއިން އަށް މި އޮތީ ފުރުސަތު ލިބިފަ އެވެ. ރާއްޖޭގައި ފެންވަރު ރަނގަޅު ގޯލުކީޕަރުން ނެތުމުގެ ޝަކުވާ އެކި ސިފަސިފައިގައި ދައްކަމުން އައި ދަނޑިވަޅެއްގައި އުއްމީދީ ކީޕަރަކަށް މިވަނީ ރަނގަޅު ފުރުސަތެއް ފަހިވެފަ އެވެ. ކީޕަރު ހުސެއިންގެ އުއްމީދަކީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި މާޒިޔާގެ އެއް ވަނަ ކީޕަރުގެ ގޮތުގައި މަގާމް ދެމެހެއްޓުމެވެ.

"ބޭނުންވަނީ މާޒިޔާގެ އެއް ވަނަ ކީޕަރު ގޮތުގައި ހުންނަން." ހުސެއިން ބުންޏެވެ.

އެކަމަށްޓަކައި ހުސެއިން އަށް ހިތްވަރު ވެސް ހޯދެން އެބައޮތެވެ. އެއީ ޓީސީގެ ގޯލަށް ގެނައި ބިދޭސީ ކީޕަރަށް އަނިޔާވުމުން ބަދަލުގައި އެރި ޒުވާން ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) ރަނގަޅު ކުޅުމެއް ދައްކަމުން އައުމެވެ.

4 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާމިރު ބޭ

28 May 2018

މެޗްގެ ކުރިން ބާންވުން އައި ނޫސްކޮންފަރެސް މިހާރު ނުބާންވަނީ ކީއްވެ. އެފްއޭމްގަ ތިބި ރޯނު އެދުރުންތައް މާ ބިޒީ ވީބާ

The name is already taken The name is available. Register?

އަހުމަދުބެ

28 May 2018

ރަނގަޅަށް ކުޅެވޭނަމަ މުސާރަ ބޮޑު ކޮށްދިނުމަށް އެދެމެވެ. ބޭރު މީހުންގެ މުސާރަވެސް ބޮޑެވެ.

The name is already taken The name is available. Register?

ލޫތް

28 May 2018

ޗާންސް ދީން ރަގަޅުވާނި. ބެންޗްގަ އިދެގެން ފާފޯމެންސް ނުދެއްކޭނެ ދޯ.

The name is already taken The name is available. Register?

އާރީ

28 May 2018

ރަގަޅު ބަދަލަކަށް ވެދާނެ. ޓީސީ ކީފަރ ވެސް ކިހާ ރަގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454