ވެޓްރަންސް ކަޕް: މާޒިޔާ އުއްމީދު ބޮޑުކޮށްފި

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ޕޮލިހުގެ މައްޗަށް 2-1 އިން ކުރިހޯދައި މާޒިޔާ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.


މި މެޗުން ލިބުނު ތިން ޕޮޮއިންޓާ އެކު މާޒިޔާ ވަނީ ދެ ވަނަ ބުރުގެ ތާވަލްގެ އެއް ވަނައިގައި އޮތް ވެލެންސިއާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ދެ ޓީމަށް ވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޕޮލިހާއި އެންމެ ފުލުގައި އޮތް ސިފައިންނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި ބުރުގައި މާޒިޔާ އަށް ދެން އޮތީ ވެލެންސިއާ އާއި ސިފައިންނާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

ދެ ވަނަ ބުރުގައި ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭއިރު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ އަށްދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު އަބްދުﷲ އައ އިސްމާއިލް މުހައްމަދު އެވެ. ޕޮލިހުގެ ހަމައެކަނި ލަނޑު ޖެހީ އަބްދުﷲ އިބްރާހިމް މަނިކް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް މާޒިޔާގެ އިސްމާއިލް ހޮވުނުއިރު، 45 އަަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުހައްމަދު ނާޒިމް (ފަންތޮށި) އެވެ.

މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމެވެ. އެއީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ނިއު އާއި މި މުބާރާތުގެ ތަށި ހަތަރު ފަހަރަށް އުފުލާލައިފާވާ ވެލެންސިއާ އެވެ. މި މެޗުން މޮޅުވެގެން ވެލެންސިއާ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

ކުރީގެ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ރޯދަ މަހު ބާއްވަމުން އަންނަ މި މުބާރާތުގެ ވާދަވެރިކަން އަންނަނީ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންނެވެ.