މިއުނިކް (އޮގަސްޓް 3) - މެންޗެސްޓާ ޔުނައިޓެޑުން ޖަރުމަނުގެ މިޑްފީލްޑަރު ބަސްޓިއަން ޝްވައިސްޓައިގާ އެ ކްލަބްގައި ބަހައްޓަން ބޭނުންނުވާ ނަމަ އޭނާ ގެންނަން ތައްޔާރަށް އޮތް ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ.
ބަޔާނަށް 15 އަހަރު ކުޅެދިނުމަށް ފަހު ޝްވައިންސްޓައިގާ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ޔުނައިޓެޑާ އެކު އުމުރުން 32 އަހަރުގެ ޝްވައިންސްޓައިގާ ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މިދިޔަ ސީޒަނަށް ފަހު ލުއީ ވެން ހާލް ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވެފައިވާއިރު، އެ ޓީމުގެ އާ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި ޝްވައިންސްޓައިގާ އަށް މާ ބޮޑު ރޯލެއް ނެތް ކަމަށާއި އެ ޓީމުން އޭނާ ވިއްކާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބަޔާނުން ބުނީ ޝްވައިންސްޓައިގާ އަކީ އެ ކްލަބަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދިން އެ ޓީމުގެ މީހެއް ކަމަށެވެ.
"ޝްވައިންސްޓައިގާ އަކީ ބަޔާން މީހެއް. އެހެން ކްލަބަކަށް ކުޅުނަސް އަބަދުވެސް އޭނާއާ ބަޔާނާ ދެމެދު ހާއްސަ ގުޅުމެއްވޭ. ޝްވައިންސްޓައިގާ ބޭނުން ވެއްޖެނަމަ އޭނާ އަށް މި ކްލަބުން އަބަދުވެސް މަރުހަބާ ކިޔާނެ،" ބަޔާނުގެ ޗީފް އެގްޒެކްޓިވް ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ޝްވައިންސްޓައިގާ އަށް އަންގާފައި ވަނީ މި ވަގުތު އެ ޓީމުގެ ރިޒާވް ޓީމާ އެކު ފަރިތަކުރުމަށެވެ. އަދި ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ޔުނައިޓެޑަށް ބަދަލުވުމާ އެކު ޝްވައިންސްޓައިގާ ވިއްކާލާނެ ކަމަށެވެ.