ގައުމީ ޓީމާ ދޭތެރޭ މާ ގިނަ ބައެއްގެ އުއްމީދެއް ނެތް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ އެންމެން ޓީމަށް ހިތްވަރު ދިނުމަށް އެދޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ގައުމުގައި މި ވަގުތު އުއްމީދެއް ނެތް. އެއީ އަޅުގަނޑު ބުނާގޮތް. އެހެން މީހެއްގެ ވިސްނުން ތަފާތުވެދާނެ. އަޅުގަނޑު ދެކޭގޮތުގައި މާ ގިނަ ބައެއްގެ އުއްމީދެއް މި ޓީމާ ދޭތެރޭ ނެތް،" އަކްރަމް ބުންޏެވެ.
އެކަމަކު އޭނާ ބުނީ ގަތަރު ކޭމްޕަށް ގޮސް ކުޅުންތެރިން އެކުވީމަ ޓީމުގައި ހުރި ފެންވަރު އެނގިއްޖެ ކަމަށެވެ. އަދި އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން 4-3 އިން މޮޅުވި ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބަކީ ކޮންމެ ލެވެލެއްގެ ޓީމަކަށް ވިޔަސް އޭނާ ދެކޭގޮތުގައި އެއީ ރަނގަޅު މެޗެއް ކަމަށައި ކުޅެގެން ކާމިޔާބު ކުރުމަކީ ރަނގަޅަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށް ބުންޏެވެ.
"އެ މޮޅަކީ ވަރަށް ބޮޑު މޯޓިވޭޝަނަށް." އަކްރަމް ބުންޏެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ރަނގަޅު ފޯމެއްގައި ހުއްޓާ އޭނާ ޓީމަށް ނުނެގުމުން ކޯޗު ޕީޓާ ސެގާޓަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަކްރަމް ބުނީ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލީ ވަރަށް އުނދަގޫ ހާލަތްތަކެއްގެ ތެރެއިން ކަމަށާއި އެ ހުރިހާ ކަމެއް ވެސް ހަނދާނުން ފޮހެލުމަށް ފަހު އެންމެން އަމާޒުހިފަންވީ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ގައުމީ ޓީމަށް އަންނާނެ އެންމެ މުހިއްމު މުބާރާތް މިއީ އަޅުގަނޑު ދެކޭގޮތުގައި. މިކަން ކުރަން ބޭނުންވަންޏާ ހުރިހާ ޕްލޭޔަރުންނާއި ހުރިހާ ސްޓާފުން އެކަމަށް ފޯކަސް ކޮށްގެން މަސައްކަތް ކޮށްފިއްޔާ ﷲ އިރާދަކުރެއްވިއްޔާ ވަރަށް އުއްމީދު ބޮޑު،" އަކްރަމް ބުންޏެވެ.
އޭނާ ބުނީ ގަތަރަށް އައިސް މަހެއްހާ ދުވަސް ވަންދެއް މި ކުރާ މަސައްކަތަކީ ހަމައެކަނި ކުޅުންތެރިންނަށް ލިބޭ އެއްޗަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި މިއީ. ދިވެހިރާއްޖެ އަށް ރީތި ނަމެއް ހޯދައިދޭން ކުރާ މަސައްކަތެއް ކަމަށެވެ.
"މި ކުޅިވަރުން މި ލިބޭ ހިތްހަމަޖެހުމާއި ކާމިޔާބީ އަކީ އެންމެނަށް ލިބޭ ކާމިޔާބެއް. އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުން އަޅުގަނޑުމެންގެ ފަހަތަށް ވަދެ ހެޔޮދުއާ ކޮށްދީ މި ތަށި ހޯދަން ކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް ސަޕޯޓްކޮށްދެއްވުން،" އަކްރަމް ބުންޏެވެ.
މި މަހުގެ 6 ވަނަ ދުވަހު ގައުމީ ޓީމު ގަތަރަށް ކޭމްޕް ދިޔައިރު އަކްރަމް ހުރީ އަނިޔާގަ އެވެ. އެކަމަކު އޭނާގެ މުހިއްމުކަން ބޮޑުވުމުން ކޯޗު ސެގާޓް ފުރުސަތު ދިނީ އެވެ. މިހާރު އޭނާ ފިޓްވަމުން އަންނަ ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ. އަލް-މަރްޚިޔާ މެޗުގައި ނުކުޅުނު ނަމަވެސް އަންނަ ހޯމަ ދުވަހު ޕާކިސްތާނާ ދެކޮޅަށް އަކްރަމް ކުޅޭނެ އެވެ.
އަކްރަމް ބުނީ ޓްރެއިނިން ކޭމްޕް ވަރަށް ފުރިހަމަ ކަމަށާއި އޭގެ ފައިދާ ހުރިހާ ކުޅުންތެރިންނަށް ވެސް ކުރާ ކަމަށެވެ. އަދި ހާއްސަ ޓްރެއިނަރެއްގެ ބެލުމުގެ ދަށުން ކަންތައްތައް ދާތީ ކުޅުންތެރިންނަށް ވެސް ފެންނަ ބަދަލު އިހުސާސް ކުރެވޭ ކަމަށް ބުންޏެވެ.
"އަބަދުވެސް ނެޝަނަލް ޓީމަށް އަންނަ ކޯޗަކު ބުނަނީ ކްލަބްތަކުގައި ކުޅުންތެރިން ކުޅެފައި އަންނައިރު ފިޓްނަސް މައްސަލަ އުޅޭކަމަށް. މި ފަހަރު ވަރަށް ދުރާލާ އަޅުގަނޑުމެންނަށް ވަގުތު ލިބިގެން މިއައީ. ކުރިއަށް ވުރެން ރަނގަޅަށް ތައްޔާރުވެގެން އަޅުގަނޑުމެންދާނީ. ޓީމު ކުރިއަށް ވުރެން ފިޓްވާނެ،" އަކްރަމް ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު އޮކްޓޫބަރު މަހު ގަތަރާ އެކު ކުޅުނު މެޗަށް ފަހު އަކްރަމް އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ޖޫން މަހުގަ އެވެ. އެންމެ ފަހުން އިންޑިއާގައި އޮތް ސާފް ސުޒުކީ ކަޕްގައި އަކްރަމް ނުކުޅެ އެވެ. އެކަމަކު އޭނާ އަކީ 2008 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށާ މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. ސާފްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. ދެ ވަނަ މެޗުގައި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.