ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ކެޕްޓަންގެ ގޮތުން އައްސަދު އަބްދުލްގަނީ ތަށި އުފުލާލިއިރު އޭނާގެ ކޮއްކޮ އަކްރަމް އަބްދުލްގަނީ ވެސް ޓީމުގައި ހިމެނުނެވެ. އެކަމަކު ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ. އޭގެ 10 އަހަރު ފަހުން އަކްރަމް މިވަނީ ހުރިހާ މެޗެއް ކުޅެ ކާމިޔާބީގައި ހުރިހާ ގޮތަކުން ހިއްސާވެ ރާއްޖެ އަށް ކެޕްޓަންގެ ގޮތުން ތަށި ހޯދައިދީ ބޭބެގެ ރަން ކާމިޔާބީ ތަކުރާރުކޮށްދީފަ އެވެ.
އައްސަދާއި އަކްރަމްގެ ނަން ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ލިޔެވޭނީ ރަން އަކުރުންނެވެ. އެކަމަކު އަކްރަމްގެ އެ ކާމިޔާބީ ހާއްސަވާ މުހިއްމު ސަބަބެއް އޮތެވެ. އައްސަދު ތަށި އުފުލާލިއިރު ޓީމުގައި ތަޖުރިބާކާރު ވަރަށް ގިނަ ކުޅުންތެރިން ތިއްބެވެ. އެކަމަކު އަކްރަމް އެ ޒިންމާ ނެގީ ތަޖުރިބާކާރު ކުޅުންތެރިން މަދުވެ، ލީޑަރަކަށް ޓީމު އިންތިހާއަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގަ އެވެ. އިންޑިއާ އަތުން ރޭ 2-1 އިން ރާއްޖެ މޮޅުވި މެޗުގައި އަނިޔާ ވެގެން ފުރަތަމަ ހާފުގައި ފައިބަން ޖެހުނު ނަމަވެސް ބެންޗުގައި ހުރެ އޭނާ ޓީމަށް އިރުޝާދުދިނެވެ.
މި ފަހަރުގެ މުބާރާތް ފެށުމުގެ ކުރިން އައްސަދު ދިން އިންޓަވިއުއެއްގައި ބުނީ 2008ގެ ކާމިޔާބީ ތަކުރާރު ކުރެވިދާނެ ކަމަށާއި އެކަން ކުރުމުގައި ޓީމު ތެރޭގައި އެންމެ މުހިއްމު ރޯލެއް އަދާކުރަން ޖެހޭނީ ކެޕްޓަން ކަމަށެވެ. ބޭބެގެ ނަސޭހަތް އަކްރަމް އަޑުއެހި އެވެ.
"އަޅުގަނޑު ފުޓްބޯޅައިގެ ތެރެއަށް ނެރުނީ އަޅުގަނޑުގެ ބޭބެ އައްސަދު. އެ ހިސާބުން އަޅުގަނޑުގެ ހުވަފެނަކަށްވީ ބޭބެ ހުރި މަގާމަށް އަޅުގަނޑު އައުން. މިއަދު މާތް ﷲ އިރާދަކުރެއްވީތީ ބޭބެ ހުރިމަ މަގާމަށް އަޅުގަނޑަށް މި ހުރީ އާދެވިފައި. އެއީ އަޅުގަނޑަށް މި ހުރިހާ އަޅުގަނޑުގެ އެކުވެރިންނާ އާއިލާ އާއި ހުރިހާ އެންމެން ދެއްވި ސަޕޯޓް މިއީ. މި ފުރުސަތުގައި ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު އަދާކުރަން،" ރޭގެ މެޗަށް ފަހު އަކްރަމް ބުންޏެވެ.
ނިއު ރޭޑިއަންޓުގެ ޑިފެންޑަރު ބުނީ އޭނާ އަށް ފުޓްބޯޅައިން މިއަށް ވުރެ ބޮޑު ކާމިޔާބެއް ދެން ނުލިބޭނެ ކަމަށާއި މިއަދު ހަގީގަތަށްވީ ދުވަސްވީ ހުވަފެނެއް ކަމަށެވެ.
މި ކާމިޔާބީގައި ވަކި ބަޔެއްގެ ނަން ހާއްސަ ކުރުމަށް ވުރެން ބޮޑަށް މިއީ ދިވެހި ހުރިހާ އެންމެންގެ ހެޔޮ ދުއާގެ ނަތީޖާކަމަށް އަކޫ ގަބޫލުކުރެ އެވެ.
"ފާހަގަކުރަން ވަރަށް އުނދަގޫވާނެ ކަންނޭނގެ (ނަންތައް). އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންނާއި މި ކުޅުންތެރިންނާއި ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް ހުރިހާ އެންމެން ކުރި ދުއާގެ ގަބޫލުކުރައްވައިފި،" އޭނާ ބުންޏެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުން ދެ މެޗުން މޮޅެއް ނުލިބުނުއިރު ލަނޑެއް ވެސް ނުޖެހެ އެވެ. ސްރީލަންކާ އާއި ލަނޑެއް ނުޖެހި އެއްވަރުވިއިރު، އިންޑިއާ އަތުން 2-0 އިން ބަލިވި އެވެ. ސެމީ ފައިނަލުން ރާއްޖެ އަށް ފުރުސަތު ލިބުނީ ގުރުއަތުލައިގެންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ގުރުއަތުލައިގެން ޓީމެއް ސެމީ އަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
"ފެށުން ވަރަށް އުނދަގޫކޮށް ދިޔައީ. އަޅުގަނޑުމެން އެންމެން ހީކުރި މިކަން ނުވާނެއޭ. އެކަމަކު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކެތްތެރިކަމާ އެކު އަޅުގަނޑުމެންގެ ގައުމު ކުރި މަސައްކަތް މިއީ. އެ މަސައްކަތުގެ ހުރިހާ ވެސް ފޮނިކަމެއް މި ފަަހަރު ﷲ އިރާދަކުރެއްވީތީ ލިބިގެން މިދިޔައި،" އަކްރަމް ބުންޏެވެ.
މުބާރާތުގެ ކުރިން އައްސަދު ބުނީ ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ހޯދޭނީ އެކުގައި މަސައްކަތްކޮށްގެންނެވެ. އިންޑިވިޖުއަލީ ކިތަންމެ މޮޅު ކުޅުންތެރިން ގިނަ ކަމުގައި ވިޔަސް ޓީމެއްގެ ގޮތުގައި ނުކުޅެވޭނަމަ ބޭނުންވާ މަންޒިލާ ހަަމަ އަށް ނުދެވޭނެ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމު ކާމިޔާބު ހޯދުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ޒުވާން ކުޅުންތެރިންގެ މެދުގައި އޮންނަ ބަދަހި ގުޅުމެވެ. މިއީ މުޅި ރާއްޖޭގެ އިތުރުން އަކްރަމްގެ އާއިލާ އަށް ލިބިގެން ދިޔަ ހާއްސަ ކާމިޔާބެކެވެ. ސާފް ޗެމްޕިއަންޝިޕުގައި އަތްނުލެވުނު ނަމަވެސް އެ އާއިލާގައި ހިމެނޭ އަންވަރު އަބްދުލްގަނީ އަކީ ވެސް ފުޓްބޯޅައިގައި ހާއްސަ ނަމެކެވެ. ރާއްޖޭން 2004 ވަނަ އަހަރު ވަރުގަދަ ކޮރެއާއާ ލަނޑެއް ނުޖެހި އެއްވަރުވި ކުރި މެޗުގައި އަންވަރުގެ ހިއްސާ ބޮޑެވެ. ގައުމީ ޖާޒީގައި އެއްކޮށް ކުޅެން ފުރުސަތު ނުލިބުނަސް ތިން ބެއިން ވަނީ އެކުގައި އޭއެފްސީ ކަޕް މެޗެއް 2007 ވަނަ އަހަރު ނިއުގެ ޖާޒީގައި ކުޅެފަ އެވެ.