ފައިނަލަށް ގޮސް ރާއްޖޭން މާޔޫސްކަން ފިލުވާލައިފި

ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި މިރޭ ނޭޕާލް އަތުން 3-0 އިން މޮޅުވެ ދިވެހިރާއްޖޭން ނުވަ އަހަރަށް ފަހުމުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފަސް ވަނަ ފަހަރެވެ.


ރާއްޖެ އެންމެ ފަހުން ފައިނަލުގައި ކުޅުނީ މީގެ ނުވަ އަހަރު ކުރިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގަ އެވެ. އެ ފަހަރު ރާއްޖެ ބަލިވީ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެންނެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ފުރުސަތު ހޯދީ ހުރިހާ ގޮތަކުން ސްރީލަންކާއާ އެއްވަރުވެ ގުރުއަތުލައިގެންނެވެ. މިދިޔަ ތިން ފަހަރު ރާއްޖެ ސެމީން ބަލިވީ އިންޑިއާ އަތުންނެވެ.

ރާއްޖޭގެ މި މޮޅަކީ އެންމެ ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު ދެ މެޗުން ބަލިވި ބަލިވުމުގެ ބަދަލު ހިފުމެކެވެ. ރާއްޖެ އަތުން ނޭޕާލް ފުރަތަމަ މޮޅުވީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕްގެ ސެމީ ފައިނަލުގައި 4-1 އިންނެވެ. އަދި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޒުވާން ޓީމު އަތުން ފަހު ވަގުތު ނޭޕާލް މޮޅުވީ 4-3 އިންނެވެ. އެކަމަކު މިހާތަނަށް ސާފްގައި ކުޅުނު އެއްވެސް މެޗަކުން ނޭޕާލަށް އަދި ރާއްޖެ ބަލިކުރެވިފައިނުވެ އެވެ. ހަތް މެޗު ކުޅުނުއިރު، ރާއްޖެ ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގެ ކުރީކޮޅު އަކްރަމް އަބްދުލްގަނީ ޖެހި ލަނޑުން ރާއްޖޭން ލީޑު ނެގިއިރު އޭގެ ފަހުން، ވިދާ ގުގުރަން ފެށުމުން މެޗު މެދުކަނޑާލި އެވެ. އަލުން ފަށައިގެން ނޭޕާލުން ކޮންޓްރޯލްކޮށް ރާއްޖެ އަށް ނުރައްކާކުރި ނަމަވެސް ރާއްޖޭން ވަނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ ދެ ގޯލުން ފަހުކޮޅު ލީޑު ތަފާތުކޮށްލައިފަ އެވެ. ރާއްޖޭން މި މެޗަށް ނުކުތީ ގްރޫޕްގެ ފަހު މެޗުގައި އިންޑިއާ މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން ފުރަތަމަ ދެ މެޗުގައި ކުޅުނު މުހައްމަދު އިރުފާން (އިރޭ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) އަދި މުހައްމަދު އާރިފް (ބަކާ) ފުރަތަމަ އެގާރައިގައި ނުހިމެނެ އެވެ. އޭގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) އާއި އަލީ ސަމްދޫހު މުހައްމަދު އަށް މި މުބާރާތުގައި ވަނީ ފުރަތަމަ ފަހަރަށް ފުރުސަތު ދީފަ އެވެ. އަދި އަލުން އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒު ހަަސަން (ދާދު) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ޓީމުގައި ހިމަނައިފަ އެވެ.

ނޭޕާލުން މި މެޗަށް ނުކުތީ ގްރޫޕް ސްޓޭޖު ފަހު މެޗުގައި މުބާރާތް ބާއްވާ ބަންގްލަދޭޝް އަތުން މޮޅުވި ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އެވެ.

ނޭޕާލް ކޮޅަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އިމޭޖަސް،އެމްވީ

ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ރާއްޖޭން ދިޔައީ ކުރިއަށް ޖެހިގެން ކުޅެމުންނެެވެ. އޭގެ ނަތީޖާ އަކަށްވީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޓީމުގެ ކެޕްޓަން އަކްރަމް ޓީމަށް ލީޑުނަގައިދިނުމެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަކޫ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުވީ ކުޅުންތެރިއަކު ފައިގައި ނުޖެހި ގޮހެވެ. އެ ބޯޅަ ނޭޕާލްގެ ގޯލުގައި ހުރި ރާއްޖޭގެ ޓީސީ އަށް ކުޅޭ ކިރަން ކުމާރަށް މަތަކުރެވޭނެ އެއްވެސް ގޮތެއްނެތެވެ.

ނޭޕާލުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ކެޕްޓަން ބާރަތު ހަވާސް އޭރިއާ ބޭރުން ޖެހި ބޯޅަ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ފަސޭހައިން ބޯޅަ އަތަށް ނަގައިފަ އެވެ.

ބޯ ވިއްސާރައިގެ ތެރޭގައި މެޗު ކުޅެމުންދިޔައިރު މެޗުގެ 20 މިނިޓްގައި ރާއްޖެ އަށް ލީޑުފުޅާކޮށްދޭން ފޭދޫ އިއްބެ އަށް ލިބުނު ފުރުސަތުން އޭނަ ފޮނުވާލި ބޯޅަ ނޭޕާލްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން ސެންޓޭ އަށް ލިބުނު ފުރުސަތުން އޭނާ އަށް އެންމެ ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މެޗުގެ 26 ކުޅުނު ފަހުން ވިއްސާރަ ބޯކޮށްލައި ވިދާފައި ބާރަށް ގުގުރަމުންދާތީ މެޗު ކޮމިޝަނަރާއި ރެފްރީ މަޝްވަރާ ކުރުމަށް ފަހު މެޗުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. އަލުން ކުޅުން ފެށީ 30 މިނިޓް ފަހުންނެވެ. އަލުން ކުޅުން ފެށި ފަހުން ނޭޕާލުން ކުރިއަށް ޖެހިގެން ރާއްޖޭގެ ފަހަތަށް ބާރު ބޮޑުކުރަން ފެށި އެވެ.

ނޭޕާލުން ގިނަ ކޯނަރުތަކެއް ހޯދިއިރު، އެ ބޯޅަތައް ހުއްޓުވުމުގައި ކީޕަރު ފައިސަލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ނޭޕާލަށް ނަތީޖާ ހަމަހަމަ ކޮށްދޭން ބާރަތަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ނޭޕާލުގެ ބިމަލް ގާތީ މަގަރު ޖެހި ބޯޅަ ކީޕަރު ފައިސަލް އަތުގައި ޖެހިފައި އޭރިއާ ތެެރެއިން ހުސްކޮށް ބާރަތަށް ލިބުނު ބޯޅަ އޭނާ ފޮނުވި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި ރާއްޖޭން އުފެއްދި ކައުންޓަ އެޓޭކެއްގައި ފޭދޫ އިއްބެ ޖައްސާލި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ހުސްކޮށްވަދެ ދާދު ޖެހި ބޯޅަ ނޭޕާލްގެ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.

ނޭޕާލުން ވަނީ މެޗުގެ ފަހު 30 މިނިޓަށް އަންޖަން ބިސްޓާ އާއި ނަވާޔުގް ޝްރެސްތާ ކުޅެން އަރުވައިފަ އެވެ. އަދި ރާއްޖޭން ވަނީ ނިހާޓްގެ ބަދަލުގައި އިރޭ ކުޅެން އަރުވައިފަ އެވެ. ދަ ބަދަލަށް ފަހު ނޭޕާލުން ކުރި ފުރަތަމަ އެޓޭކުގައި އޭރިއާ ތެރެއިން ބިމަލް ޖެހި ބޯޅައެއް ކީޕަރު ފައިސަލް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން އޭރިއާ ބޭރުން ނޭޕާލްގެ ސުނިލް ބާލް ޖެހި ބާރު ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ 77 ވަނަ މިނިޓްގައި ރާއްޖެ އަށް ލިބުނު ކޯނަރަކުން އިރޭ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ރާއްޖެ ވަނީ ބަދަލެއް ގެނެސްފަ އެވެ. ދާދުގެ ބަދަލުގައި އަސަދުﷲ ކުޅެން އެރުވި އެވެ. އެ ހިސާބުން ރާއްޖޭގެ ކުރީގައި ގިނަ ބޯޅަތަކެއް ހިފަހައްޓައި ނޭޕާލް ފަހަތަށް ބާރުބޮޑުކުރި އެވެ.

ރާއްޖެ އަށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދިން ދެ ލަނޑު އިއްބެ ޖެހީ މެޗުގެ ފަހު ބައިގަ އެވެ. މެޗުގެ 84 ވަނަ މިނިޓްގައި އަސަދުﷲގެ މަސައްކަތުން އޭރިއާ ތެރެއިން ބޯޅަ ހޯދައި އޭނާގެ ނެގި ހުރަސް އޭރިއާ ތެރެެއިން ލިބުނީ އިއްބެ އަށެވެ. ހަމަޖެހިލާފައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ދެ މިނިޓް ފަހުން އަސަދުﷲ އޭރިއާ ތެެރެއިން ކުޅުންތެރިއަކު ކައިރިން ނައްޓާލި ބޯޅަ އޭރިއާ ތެރެއިން ލިބުނީ އިއްބެ އަށެވެ. އޭނާ ވަނީ އެ ބޯޅަ ވެސް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.