މަހިބަދޫ ސްޕޯޓްސް ކްލަބުން ރަށުގައި ޓާފް ދަނޑެއް އަޅައިފި

ހުނަރުވެރި އެތައް ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފައްދާފައިވާ އދ. މަހިބަދޫގައި ބައިނަލްއަގްވާމީ ފެންވަރުގެ ފުލް ސައިޒުގެ ޓާފް ފުޓްބޯޅަ ޕިޗެއް އަޅައިފި އެވެ.


މަހިބަދޫ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން ޓޫރިޒަމް ދާއިރާގެ އެހީގައި އެޅި މި ދަނޑުގެ މަސައްކަތްކޮށްފައިވަނީ ޓާފް އެޅުމަށް ފީފާގެ ރުހުން ދީފައިވާ ނުވަ ކުންފުނީގެ ތެރޭގައި ހިމެނޭ ގްރީން ފީލްޑުންނެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ވެސް ކުޅެވޭ ފެންވަރުގެ މި ޕިޗް އިންސްޓާލްކޮށް މިހާރު ނިމިފައިވާއިރު ދަނޑާ ގުޅޭ އިތުރު ޕްރޮޖެކްޓްތަކެއް ވެސް ކްލަބުން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ލައިޓިން ސިސްޓަމް ހަރުކުރުމާއި ސިޑި ބަރި އާއި ޗޭންޖިން ރޫމްތައް ހެދުން ހިމެނެ އެވެ.

މި ދަނޑުގެ މަސައްކަތް ރާއްވަވައި މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި ދާއިރާގެ މަޖިލިސް މެމްބަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ މި ދަނޑު އެޅުމުގެ ބޭނުމަކީ މަހިބަދޫ ފުޓްބޯޅަ އިތުރަށް ކުރިއެރުވުން ކަމަށެވެ.

"އުއްމީދަކީ އަބަދުވެސް ގައުމީޓީމަށް މަހިބަދޫގެ ކުޅުންތެރިން ނެރުން. މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ގައުމީ ޓީމަށް އިތުރު ކުޅުންތެރިން މަހިބަދޫން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް،" ޖަމިއްޔާގެ މަސްއޫލުވެރިޔާ ޓޮމް ވިދާޅުވި އެވެ.

މަހިބަދޫގައި އަޅާފައިވާ ޓާފް ދަނޑު.

ޓޮމްގެ އިތުރުން މަޝްހޫރު ގޯލްކީޕަރު އިމްރާން މުހައްމަދަކީ މަހިބަދޫ އަށް އުފަން އެންމެ ހުނަރުވެރި ދެ ކުޅުންތެރިންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާނާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޓޮމް ވަނީ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި 2003 އާއި 2009 ވަނަ އަހަރު މި މުބާރާތުގެ ދެ ވަނަ ހޯދިއިރު ވެސް ދެ ކުޅުންތެރިން ހިމެނުނެވެ.

އެފްއޭއެމްގެ ރައީސްކަން ވެސް ކޮށްފައިވާ ޓޮމް ވަނީ ނިއު ރޭޑިއަންޓުގައި ހޭދަކުރި ކްލަބް ކެރިއަރުގެ ވަކި ހިސާބަކުން، މަހިބަދޫ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެފަ އެވެ. މަތީ ތައުލީމު ހާސިލްކުރަން މެލޭޝިއާގައި ހުރެފައި ސީދާ މެޗަށް އައިސް ޓޮމް ވަނީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ނިއު ރޭޑިއަންޓަށް ހޯދައިދިނުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ