ފުރަތަމަ ލެގުގައި ސެވިއްޔާ އިން ބާސެލޯނާ ބަލިކޮށްފި

ސެވިލް، ސްޕެއިން (ޖެނުއަރީ 24) - ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު ސެވިއްޔާ އިން 2-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.


އެންމެ ފަހުން ހަތަރު ފަހަރު މި މުބާރާތުގެ ތަށި އުފުލާލި ބާސެލޯނާ އަށް މިހާރު ޖެހިފައިވަނީ އަންނަ ހަފްތާގައި ކުޅޭ ދެ ވަނަ ލެގުގައި ސެވިއްޔާ އަތުން އަމިއްލަ ދަނޑުގައި ތިން ގޯލުގެ ތަފާތަކުން މޮޅުވާށެވެ. މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލުގައި ބާސެލޯނާ ވަނީ ސެވިއްޔާ އަތުން 5-0 އިން މޮޅުވެފަ އެވެ.

ސެވިއްޔާ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 58 ވަނަ މިނިޓްގައި ޕަބްލޯ ސަރަބިއާ އެވެ. މެޗު ނިމެން 14 މިނިޓަށް ވެފައި ހުއްޓައި ސެވިއްޔާގެ ދެ ވަނަ ގޯލު ޖެހީ ވިސާމް ބެން ޔެޑާ އެވެ.

ބެން ޔެޑާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ވަނީ ގެއްލިގެން ހޯދަމުން އަންނަ ކާޑިފް ސިޓީގެ ކުޅުންތެރިއާ އެމިލިއާނޯ ސަލާ އަށް މެސެޖެއް ހިއްސާކޮށްފަ އެވެ. ފްރާންސްގެ ނޯންޓެސް އިން ކާޑިފަށް ދާން ސަލާ ދަތުރުކުރަމުން ދިޔަ ޖެޓް ގެއްލުނީ ގޯންސީ ޗެނަލް އައިލެންޑުގެ ލައިޓް ހައުސް ކައިރިންނެވެ. ސަލާ އާއި އެ ބޯޓު ދުއްވަން އިން ޕައިލެޓް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ރޭގެ މެޗުގައި ބެން ޔެޑާ ދިން މެސެޖުގައި ބުނެފައިވަނީ "އަހަރެންގެ އެކުވެރިޔާ އަށް، ހިތްވަރުކުރޭ،" މިހެނެވެ.

ސެވިއްޔާގެ ކޯޗު ޕަބްލޯ މަޗީން ބުނީ ލިބުނު ފުރުސަތުތަކާ ބަލާއިރު އިތުރު ލަނޑެއް ޖެހެން ޖެހޭނެ ކަމަށެވެ. އަދި މި ވަގުތު ލީޑެއްގައި އޮތަސް މިއީ ސެމީ ފައިނަލުގެ ޖާގައެއް ޔަގީންވުން ކަމުގައި ނުދެކޭނެކަމަށާއި މި އަށް ވުރެ ބޮޑެތި ލީޑުތައް ވެސް ބާސެލޯނާ އިން ވަނީ އަމިއްލަ ދަނޑުގައި ކުޅެގެން އެ ޓީމު ކޮޅަށް އަނބުރާލައިފައި ކަމަށެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ލިއޮނަލް މެސީގެ ބޭނުމެއް ނުކުރެ އެވެ. އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އެންމެ ކުރިއަށް ކުޅެމުންދިޔައީ ދާދި ފަހުން އެ ޓީމާ ގުޅުނު ކެވިން ޕްރިންސް ބޯޓެން އެެވެ. އޭނާ އަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މެސީ އާއި ސާޖިއޯ ބުސްކެޓްސް ނުލައި މި މެޗު ކުޅެން ނިންމީ ރިސްކެއް ނެގުމުގެ ގޮތުން ކަމަށާއި އޭގެ ފައިދާ މި މެޗުގައި ނުފެނުނު ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ނަތީޖާ އަނބުރާލެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.