ޔުވްރާޖާއި ހަރްބަޖަން ހާއްސަ މެޗަކަށް ރާއްޖެ އަންނަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެޕްޓަންކުރައްވާ ޓީމަކާއި ގައުމީ ކްރިކެޓް ޓީމާ އެކު ހުކުރު ދުވަހު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން، އިންޑިއާގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ޔުވްރާޖް ސިންގާއި ހަރްބަޖަން ސިންގް ހިމެނިގެން އެއާ އިންޑިއާގެ ކްރިކެޓް ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.


މިއީ އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ ސީރީސްގެ ފެށުމެވެ.

އިންޑިއާއާ އެކު 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ޔުވްރާޖާއި ހަރަބަޖަން ވެގެންދާނީ، ރާއްޖޭގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް މެޗެއް ކުޅޭ އެންމެ މަތީ ފެންވަރުގެ ދެ ކުޅުންތެރިންނަށެވެ. މީގެ ކުރިން ސްރީ ލަންކާގެ މަޝްހޫރު ބައެއް ކުޅުންތެރިން ރާއްޖޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވެ އެވެ.

ކުޅިވަރު އެކުވެނީ އެއް ނަމްބަރު ދަނޑުގައި ހުކުރު ދުވަހު ހެނދުނު ކުޅޭނީ ރައީސްގެ ޓީމާއި އިންޑިއާގެ ޓީމުގެ މެޗެވެ. ސްކޫލް ދައުރުގައި މޮޅަށް ކްރިކެޓް ކުޅުއްވި ރައީސް ސޯލިހު ކެޕްޓަންކަންކުރައްވާ މި ޓީމަށް ސަރުކާރުގެ އިސްވެރިންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިން ވެސް ކުޅޭނެ އެވެ. އޭގެ ތެރޭގައި ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް (އަފޫ) އާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ މޫސާ ކަލީމް ހިމެނެ އެވެ. މީގެ އިތުރުން ޗަމްޕާ ހުސެއިން އަފީފާއި ކެރަފާ އަހުމަދު ނަސީމާއި އިބްރާހިމް އިބްރާހިމް ނޫރައްދީން ވެސް މި މެޗުގައި ކުޅުއްވާނެ އެވެ. އިންޑިއާ ޓީމާއި ގައުމީ ޓީމުގެ މެޗު އޮންނާނީ އެ ދުވަހުގެ މެންދުރުފަހު އެވެ.

ދިހަ އޯވަރަށް ކުޅޭ މި ދެ މެޗު ކުޅުމަށް އެއާ އިންޑިއާ ޓީމު ރާއްޖެ އަންނާނީ ބުރާސްފަތި ދުވަހު އެވެ. އެއާ އިންޑިއާ ޓީމުގައި ކުރީގެ ކުޅުންތެރިންގެ އިތުރުން އިންޑިއާ ގައުމީ ޓީމަށް ކުޅެފައިވާ ފަސް ކުޅުންތެރިއެއްގެ އިތުރުން މިހާރު ވެސް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ކުޅޭ ފަސް ކުޅުންތެރިން ހިމެނޭނެ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިޔާ ކަމަށްވާ އުމުރުން 37 އަހަރުގެ ޔުވްރާޖަކީ އިންޑިއާ ގައުމީ ޓީމަށް 247 ޓެސްޓް މެޗު ކުޅެދީފައިވާ ކުޅުންތެރިޔެކެވެ. އައިޕީއެލްގައި މި އަހަރު ވެސް މުމްބާއީ އިންޑިއަންސް އަށް ކުޅެން ނިންމާފައިވާ ޔުވްރާޖަކީ، ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގެ ތާރީހުގައި ވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.

އުމުރުން 38 އަހަރުގެ ހަރަބަޖަން އަކީ ސްޕިން ބޯލިންގެ ސްޕެޝަލިސްޓެކެވެ. އައިޕީއެލްގައި ޗެންނާއި ސުޕަ ކިންގްސް އަށް ކުޅޭ ހަރަބަޖަން ވަނީ އިންޑިއާ އަށް 214 ޓެސްޓް މެޗު ކުޅެދީފަ އެވެ. އޭނާ އަކީ ޓެސްޓް ކްރިކެޓުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ވިކެޓް ނަގާފައިވާ އޮފް ސްޕިނާ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މި މެޗަކީ އާ ސަރުކާރުން ރާއްޖޭގައި ކުޅިވަރު ދިރުވައި ޕްރޮމޯޓްކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން ރޭވޭ ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ. މި ސީރީސްގެ ހުރިހާ ހަރަދެއް ވެސް ކުރަނީ އިންޑިއާ ސަރުކާރުން ކަމަށާއި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށްގެންދަވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

ކްރިކެޓް ބޯޑުގެ ރައީސް އަފްލާހް ވިދާޅުވީ މިއީ ކްރިކެޓުގެ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްވަރެއް ކަމަށާއި މި ފުރުސަތު މަގުފަހިކޮށްދިނީތީ މިނިސްޓްރީ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.