ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށާއި އެ ކްލަބުން މާލީ އެހީތެރިކަމަށް އެދިފައިވާތީ އެކަމާ މަޝްވަރާކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމުން މިދިޔަ ޖެނުއަރީ މަހު ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު ނިއު އިން ބުނީ އެއީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭތީ ޒާތީގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ އެކަމުގައި ހަގީގަތެއް ނެތް ކަމަށާއި އެ ކްލަބް ސަސްޕެންޑްކުރީ ކުޅުންތެރިން ހުށަހެޅި މައްސަލަތައް ޕްލޭޔާ ސްޓޭޓަސް ކޮމިޓީއަށް ހައްލު ނުކުރެވިގެން އެކްސްކޯއާ ކުރި މަޝްވަރާތަކަށް ފަހު އެކްސްކޯ އަށް އަސާސީ ގަވާއިދުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
"(ނިއު އިން) އެއް ދުވަހު އައިސް ޖަލްސާގައި ބުނެދާނެ ތިމަންނަމެންގެ އަތުގައި ފައިސާއެއް ނެތޭ ދެވޭކަށް. ދެން ކޮބައިތޯ މީގައި ހައްލަކީ؟ މިކަންތައް އޮންނައިރުގައި ވެސް އެހެން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ (ނިއު އިން). އެހެންވީމާ ނިއު ރޭޑިއަންޓަށް ނެތް އޭރަކު މީގެން ގެއްލުންވާގޮތަށް. ކުޅުންތެރިންނަށް ގެއްލުން މިވަނީ. އަޅުގަނޑުމެންގެ މެންޑޭޓޭއް ކުޅުންތެރިން ޕްރޮކެޓްކުރުމަކީ ވެސް. ޓެމްޕަރަރީ ސަސްޕެންޝަނަކީ ނިއު ރޭޑިއަންޓަށް ކުޅުންތެރިންނަށް ޕޭ ކުރުމުގެ ނިޔަތުގައި އަޅުގަނޑުމެން ގެނައި ސަސްޕެންޝަނެއް،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ވެސް ނިއު އިން ކުޅުންތެރިންނަށް މުސާރަ ދީފިއްޔާ ނުވަތަ ކުޅުންތެރިން ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެންގޮސްފި ނަމަ ސަސްޕެންޝަން އުވިގެންދާނެ ކަމަށެވެ. ނިއު އިން އެންމެ ބޮޑަށް ހިތްހަމަނުޖެހުމަކީ އެހެން ޓީމުތަކުގައި ވެސް އެފަދަ މައްސަލަތައް އޮއްވާ އަދަބުނުދީ ހަމައެކަނި އެ ކްލަބަށް އަދަބުދިނުމެވެ.
ބައްސާމް ވިދާޅުވީ ކިތަންމެ ގިނަ ކްލަބެއްގައި އެ މައްސަލަ ހުއްޓަސް އެފްއޭއެމް އަށް ހުށަނާޅަންޏާ އެ މައްސަލަ ބެލޭނެ ގޮތެއް ނޯންނާނެ ކަމަށާއި ހުށަހެޅުނު މައްސަލަތައް ވެސް ކްލަބްތަކުން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ ކޮންމެ ކްލަބަކަށް ވިޔަސް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ނިއުގެ އިނާމް ފައިސާ ވެސް ހިފެހެއްޓީ ކުޅުންތެރިންނަށް މުސާރަ ނުދީއޮތުމުން ކަމަށާއި ޕްލޭޔާ ސްޓޭޓަސް ކޮމިޓީގެ ނިންމުމަކާ އެއްގޮތަށް އެ ފައިސާ ދެނީ މުސާރަ ނުދީ ހުރި ކުޅުންތެރިންނަށް ކަމަށެވެ. އެހެންވެ ނިއުގެ އެއްވެސް ފައިސާއެއް އެފްއޭއެމްގައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
ވިކްޓްރީ އަށް މިދިޔަ އަހަރު ދިމާވި މައްސަލަތަކާ އެކު އެ ކްލަބަށް އެފްއޭއެމުން ލޯނެއް ދިނެވެ. ބައްސާމް ވިދާޅުވީ ކޮންމެ ކްލަބަކުން އެދުނަސް އެފްއޭއެމްގައި މާލީ ފުދުންތެރިކަން ހުރިއްޔާ އެހީ ދޭނެ ކަމަށެވެ.
"ނިއު ރޭޑިއަންޓުން ވަރަށް ފަހަކާ ޖެހެންދެއް ވެސް އަޅުގަނޑުމެންނާ ހަމަޔަކަށް އެ ރިކުއެސްޓް އައިސްފައި ނެތް. މިހާރު އެބައޮތް އަޅުގަނޑުމެންނަށް ރިކުއެސްޓެއް އައިސްފައި. އޭގައި އަޅުގަނޑުމެންނަށް މި އަހަރު އިތުރުކަމެއް ކުރެވޭނީ ކޮންގްރެސްގައި އަޅުގަނޑުމެންގެ ބަޖެޓް ފާސްކުރުމަށް ފަހު. އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީގައި ގައި މި މަޝްވަރާތައް އިރާދަކުރެވިއްޔާ ކުރިއަށް އޮތްތަނުގައި ކުރާނަން. ކޮށްފައި އަޅުގަނޑުމެންނަށް ނިއު ރޭޑިއަންޓަށް ހޯދައިދޭވެވޭނީ ކޮން ހައްލުތަކެއްތޯ އަޅުގަނޑުމެން ޑިސްކަސްކޮށްފައި ނިއު ރޭޑިއަންޓާ އެ މަޝްވަރާކުރާނަން،" ބައްސާމް ވިދާޅުވި އެވެ.