ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށާއި މި އަހަރު އެންމެ ބޮޑު އަމާޒަކީ އަންހެން ފުޓްބޯޅަ ލީގެއް ބޭއްވުން ކަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ފަހަކަށް އައިސް އަންހެން ފުޓްބޯޅަ ޓީމު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ކުޅެފައިވީ ނަމަވެސް އެ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އެ ކުޅުންތެރިން ކުޅޭނެ ލޯކަލް މުބާރާތްތަކެއް ނެތުމެވެ. ފުޓްސަލް މުބާރާތްތަކުގައި ކުޅުމުގެ އިތުރުން މާލޭގައި ކުރަން ޖެހެނީ ޕްރެކްޓިހެވެ. މެޗު މަދުވުމުގެ މައްސަލަ މުބާރާތްތަކުގައި ކުޅޭއިރު، ކުރިމަތިވި ނަމަވެސް މިހާތަނަށް ވެސް ލޯކަލް މުބާރާތްތައް ބޭއްވުމުގައި އޮތީ ހައްލެއް ނުލިބި އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ފާސްކުރި ބަޖެޓުގައި އަންހެން ފުޓްބޯޅަ ތަރައްގީކުރުމަށް ވަނީ 3.7 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އެންމެ އިސްކަމެއްގެ ގޮތުގައި މި އަހަރު އަންހެން ފުޓްބޯޅަ މުބާރާތެއް ކުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭނެ ކަމަށެވެ.

"މި އަހަރު އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް ވިމެންސް ލީގެއް އުފައްދައި ޓޯނަމަަންޓަކަށް ދިއުން. އަޅުގަނޑުމެން ފީފާއާ ވެސް މަޝްވަރާކޮށްފިން އަޅުގަނޑުމެން މި އުޅެނީ އެއިޓް އަ ސައިޑް ޓޯނަމެންޓެއް ކުޅެން. އަދި މި ވަގުތު ގިނަ ކްލަބްތަކެއް ހެދޭ ވަރަށް ފުޓްބޯޅަ ކުޅޭ އަންހެން ކުޅުންތެރިން މަދު،" އެފްއޭއެމްގެ ކޮންގްރެސަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން އެ އިދާރާގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން އެ އިދާރާގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުން އެފްއޭއެމުން އަންހެން ފުޓްބޯޅަ މުބާރާތެއް ބޭއްވީ މީގެ ތިން ވަރަަކަށް އަހަރު ކުރިންނެވެ. އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. އެ މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެހެން ޓީމުތަކުން ބައިވެރިނުވި އެއް ސަބަބަކީ ވަގުތު ކުޑަތަންވެފައި އޮއްވައި އެފްއޭއެމުން މި މުބާރާތް އިއުލާން ކުރުން ކަމަށް އޭރު ކްލަބްތަކުން ބުންޏެވެ.

އަންހެން ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން ކުރެވޭ މަސައްކަތުގައި އެފްއޭއެމުން މިދިޔަ އަހަރު 19 އަހަރުން ދަށުގެ އަންހެން ޓީމެއް ވެސް އެކުލަވާލި އެވެ. އަދި ދާދި ފަހުން ވަނީ އަންހެން ފުޓްބޯޅަ އެކެޑަމީއެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ. ބައްސާމް ވިދާޅުވީ ވަރަށް އަވަހަށް ރަސްމީކޮށް އެ އެކަޑަމީގެ މަސައްކަތްތައް އެއްކޮށް ފެށިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް އާއި އޮލިމްޕިކް ކޮލިފައިންނާއި ސިންގަޕޫރު އިންވިޓޭޝަނަލް މުބާރާތުގައި އަންހެން ޓީމު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެކަމަކު މިދިޔަ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ މުހިއްމު ބައެއް ކުޅުންތެރިންނަށް އަނިޔާވުމެވެ.

ބައްސާމް ވިދާޅުވީ ސާފަށް ކަނޑައެޅި ޓާގަޓަކީ ފައިނަލް ކަމަށާއި އެކަމަކު އެކަން ހާސިލްނުވީ ވެސް ސަބަބުތަކެއް ހުރުމުން ކަމަށް ބެލެވޭ ކަމަށެވެ.

"މިދިޔަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތައް ނެރެމުން އައިސް ސާފް ޗެމްޕިއަންޝިޕްގައި އަޅުގަނޑުމެން ބޭނުންވި ނަތީޖާއެއް ނޫން ނުކުތީ. ބައިވަރު ކަންތައްތައް ދިމާވި. އަޅުގަނޑުމެން ބޭނުންވީ ފައިނަލް ކުޅެން. ބައެއް ފަހަރު އެކަމަކު އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންތައްތައް ދިމައެއްނުވޭ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް އެފްއޭއެމްގެ ޓާގެޓަކީ ގިނަ ކަންތައްތަކެއް އަންހެން ފުޓްބޯޅަ ޑިވެލޮޕްމަންޓަށް ކުރުން ކަމަށާާއި އޭގެ ތެރޭގައި މިހާރު މި ހޯދަމުންދާ ނަތީޖާތަކަށް ވުރެ ރަނގަޅު ނަތީޖާތަކެއް ހޯދޭނެ ވަސީލަތްތަކެއް ގާއިމްކުރުން ވެސް ހިމެނޭ ކަމަށެވެ.

އެފްއޭއެމުން ފީފާގެ އެހީއާ އެކު މުޅި ރާއްޖޭގެ ބައިވެރިވުން ބޮޑުކޮށް ފަށާފައިވާ "އަތޮޅު ފުޓްބޯޅަ" ޕްރޮގްރާމްގެ ތެރެއިން ވެސް ގިނަ އަންހެން ފުޓްބޯޅަ ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން އުމުރުފުރާ ތަަކަށް ބަހާލައިގެން އަންހެން ފުޓްބޯޅަ ރަށްރަށުގައި ވެސް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ.