ކާޑިފްގެ މެޗެއްގެ ތެރެއިން އެތެރިޖް.-- ފޮޓޯ: އޭއެފްޕީ
27 އެޕްރީލް 2019 - 08:55
ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕަށް ފިލިޕީންސްއާ އެކު މިހާރު އިނގިރޭސި ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ އަށް ކުޅެމުން އަންނަ ނީލް އެތެރިޖް އައީ ޓީމުގެ އެއް ވަނަ ކީޕަރުގެ ގޮތުގަ އެވެ. އޭރު އެތެރިޖް ހުރީ އޯލްޑްހަމް ޔުނައިޓެޑްގެ ދެ ވަނަ ކީޕަރުގެ ގޮތުގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެތެރިޖަށް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް ދެން ހުންނަން ޖެހުނީ ކުޅިބަލާށެވެ. ތަފާތު ސަބަބުތަކާ ހުރެ ފުރުސަތު ނުލިބުނުއިރު، އޭނާ ދެކޭގޮތުގައި ކުރި ހިތި ތަޖުރިބާއިން ގިނަ ފިލާވަޅުތަކެއް ލިބުނެވެ.
އައްޑޫ ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފިލިޕީންސް ވަނީ އަފްގާނިސްތާނާ އެކު ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެ މެޗުގައި އޭރު 24 އަހަރުގެ އެތެރިޖް ވަނީ ގިނަ ބޯޅަތަކެއް ހުއްޓުވައިފަ އެވެ. އޭނާގެ ނަޒަރުގައި އެއީ ގައުމީ ޓީމަށް ކުޅުނު އެންމެ މޮޅު އެއް މެޗެވެ.
"ދިރިއުޅުމުގައި އެއްވެސް ކަމެއް ޔަގީނެއް ނުވާނެ. ފިލިޕީންސާ އެކު އަހަރެން ރާއްޖޭގައި މުބާރާތެއް ކުޅުނުއިރު ފުރަތަމަ މެޗުގައި އަހަރެން އެއްވަނަ ކީޕަރެއްގެ ގޮތުގައި ހުރެގެން ވަރަށް މޮޅަށް ކުޅުނިން. ދެން އަހަންނަށް އަނިޔާގެ މައްސަަލަ ދިމާވި. އެހެން ނަމަވެސް އަލުން ފިޓްވުމުން ވެސް ޓީމުން ފުރުސަތެއް ނުދިން. ހަގީގަތުގައި އެއީ އަހަރެންގެ ކެރިއަރުގައި ރަނގަޅު ފިލާވަޅެއް ލިބުނު ފަހަރެއް،" ޕްރިމިއާ ލީގު ޓީވީ އަށް އެތެރިޖް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އޭޝިއަން ކަޕްގައި ފިލިޕީންސް ކުޅުނު މެޗެއްގެ ތެރެއިން އެތެރިޖް އެ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު.
"ފިޓްކޮށް ހުއްޓަސް ޓްރެއިނިންގައި ޖެހޭނެ މަސައްކަތްކުރަން. މަސައްކަތްކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި. އެ ފަހަރު ގައުމީ ޓީމުގައި (ޗެލެންޖް ކަޕްގައި) އަހަންނަށް ޓީމުން ފުރުސަތު ގެއްލުނީ އަމިއްލަ އަށް އުޅުނީމަ."
އިންގްލެންޑަށް އުފަން އަދި އިނގިރޭސި 16 އަހަރުން ދަށުގެ ގައުމީ ޓީމަށް އެއް ފަހަރު ކުޅުނު އެތެރިޖް ފިލިޕީންސަށް ކުޅެން ނިންމީ އޭނާގެ މަންމަ އުފަން ގައުމަށް ވެފައި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ. އެތެރިޖް 2008 ވަނަ އަހަރު ފިލިޕީންސް ފުޓްބޯޅަ ފެޑެރޭޝަނުން އެ ގައުމަށް ކުޅެދެން ދިން ދައުވަތު ގަބޫލުކުރީ އޭނާއާ އެކު ޗެލްސީ ޔޫތު ޓީމަށް ކުޅުނު ފިލިޕް ޔަންގްހަޒްބަންޑާ ވެސް މަޝްވަރާކުރުމަށްފަހު އެވެ.
ފިލިޕީންސް ގައުމީ ޓީމަށް މިހާތަނަށް 60 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ އެތެރިޖް މިހާރު ކުޅެމުން އަންނަ ކާޑިފާ 2017 ވަނަ އަހަރު ހިލޭ ޓްރާންސްފާ އަކަށް ގުޅުމުގެ ކުރިން އިނގިރޭސި ހަތް ޓީމަށް ކުޅުނެެވެ. އޭގެ ތެރޭގައި ފުލަމް އާއި ޗާލްޓަން އެތުލެޓިކް ހިމެނެ އެވެ.
ފުލަމް އިން 2014 ވަަނަ އަހަރު އެތެރިޖަށް އެއްބަސްވުމެއް ނުދީ އޭނާ ރިލީސްކޮށްލުމުން އެތެރިޖް ނިންމީ ފިލިޕީންސް ލީގުގައި ކުޅެން ދިއުމަށެވެ. އެ ގޮތަށް ނިންމައި އޭނާ ފިލިޕީންސް އަށް ދާން ޓިކެޓް ވެސް ނަގައިގެން ހުއްޓައި އެންމެ ފަހު ވަގުތު އޭނާ ގެންދިޔައީ އޯލްޑްހަމް އިންނެވެ. އެ ޓީމުގައި އޭނާ ހޯދި ކުރިއެރުމުން ވޯލްސޯލް އިން އޭނާ ގަތެވެ. އޭގެ ފަހުން އޭނާ ގުޅުނީ މިހާރުގެ ޓީމް ކާޑިފާ އެވެ.
ކެރިއަރުގައި މިހާތަނަށް ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ އެތެރިޖް މިހާރު އަންނަނީ އަންނަ ސީޒަނުގައި ކާޑިފް ޕްރިމިއާ ލީގުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
ކާޑިފް މި ވަގުތު ރެލިގޭޝަނުގައި އޮތްއިރު، އެތެރިޖްގެ އުއްމީދަކީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމެވެ. އަދި ކާޑިފްގައި މިހާރު އޮތް ޓީމަށް ބަލާއިރު އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެތެރިޖް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމޭ
27 April 2019
މީނަ ކޮޅައްދޯ ދަގޭ ހާކާފަ ގޯލް ޖެހީ. މިކީޕަރު ކއިރިން ނައްޓާފަ ޑިފެންޑަރ ކައިރިން ނައްޓާފަ ދަގޭ ލަސްކުރުމުން ދެން އިން ގޯލް ނުޖެހުނީ. އެއީ ރާއްޖޭގެ ލެވެލް ކުރީގަ. މިހާރު ބަލާލަބަލަ.
ނޫވިލު
27 April 2019
އާޓިކަލް ކިޔާ ނިމުމުންވެެސް މަށަކަށް އެއްޗެއް ދޭހައެއް ނުވި. މީ ހަމަ މަށަށް ވާވަރު. އަހަރެންގެ ކުށް އަހަރެން ގަބޫލުކުރަން.
ދިލް
29 April 2019
ތި ކުށުގައި އަހަރެންވެސް ބައިވެރިވަން.