ލަންޑަން (އޮގަސްޓް 4) - ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާއިރު ލިވަޕޫލަކީ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަނަށް ވުމަކީ އޮތް އިތުރު ޕްރެޝަރެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
މިދިޔަ ޖޫން މަހު ކުޅުނު ފައިނަލުގައި ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން ވަނީ ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މި ފަހަރުގެ އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު (ޗެރިޓީ ޝީލްޑް މެޗު) ގައި މިރޭ ލިވަޕޫލް ނުކުންނާނީ އެންމެ ފަހުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
ކްލޮޕް ބުނީ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަކީ ކުރިއަށްދާން ހުޅުވުނު ދޮރެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.
"ޗެމްޕިއަނަކަށްވުމުން ދަސްކޮށްގެން ކުރިއަށް ދިއުން އޮތީ. އެ އިތުރުކުރާނެ ގޮތެއް ހޯދުން. އެކަމަކު އެއްވެސް މީހަކު ފޮތެއްގައި ލިޔެފައި ނުދޭނެ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަށް ފަހު ދެން އަމަލުކުރާނެ ގޮތެއް. އެކަން ކުރަން ޖެހޭނެ ގޮތަކީ އަމިއްލަ އަށް. އަހަރެމެން އެކަން ކުރާނަން. ޕްރެޝަރެއް ނެތް،" މިރޭގެ ޗެރިޓީ ޝީލްޑް މެޗު ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ގެނައީ ޒުވާން ދެ ކުޅުންތެރިންނެވެ. ކްލޮޕް ބުނީ ކޮންމެ އަހަރަކު ބޮޑު އަގުގައި ކުޅުންތެރިން ގަތުމަކީ އޭނާގެ ވިސްނުމެއް ނޫން ކަމަށާއި ޑިވެލޮޕްމަންޓަށް ވިސްނައި އާ ކުޅުންތެރިން ނެރެވޭނެ ގޮތެއް ނޫނީ ތިބި ކުޅުންތެރިން އިތުރަށް ރަނގަޅު ކުރަން ފުރުސަތު ދިނުން ވެސް އޮންނަ ކަމަށެވެ.
"އަހަރެން ޓްރާންސްފާތަކެއް ކޮށްފިން. އަހަރެމެން އަމިއްލަ ފައިތިލަ މަތީގައި ތިބެ ބޭނުންވީ މި ޓީމު އިތުރަށް ތަރައްގީކުރަން. ބޭނުންވެއްޖެނަމަ އެހެން ކުޅުންތެރިއަކު ގެންނަންވީ،" ކްލޮޕް ބުންޏެވެ.
މިދިޔަ ދެ އަހަރު ޕްރިމިއާ ލީގު ގެންދިއުމުން އެ ޓީމަކީ ކުރިއަށް އޮތް ސީޒަނުގެ ވެސް ފޭވަރިޓް ކަމަށާއި ލިވަޕޫލުން ދެން ވެސް ސާބިތުކޮށްދޭން ޖެހޭނީ އެ ޓީމުން ކުރީގެ ލެވެލްގައި ކުޅެވޭނެކަން ކަމުގައި ކްލޮޕް ބުންޏެވެ.
ސިޓީން މިރޭގެ މެޗުގައި ކުޅޭނީ އެ ޓީމުގެ އެއް ނަމްބަރު ކީޕަރު އެޑަސަން އާއި މިޑްފީލްޑަރު ފެނާންޑީނިއޯ ނުލަ އެވެ. އެއީ އެ ކުޅުންތެރިން ޕްރީ ސީޒަނާ ގުޅުނީ ފަހުން ކަމަށްވާތީ އެވެ. އަނެއްކޮޅުން ލިވަޕޫލުން ނުކުންނާނީ އެ ޓީމުގެ މުހިއްމު ފޯވާޑް ސަޑިއޯ މާނޭ ނެތި އެވެ. މާނޭ ޕްރެކްޓިހަށް ނުކުންނާނީ މާދަމާ އެވެ.
މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުން ސިޓީ ވަނީ ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ. މިރޭ ލިވަޕޫލާއި ސިޓީ ކުޅޭ މެޗު ފަށާނީ ހަތެއް ޖަހާއިރު އެވެ.