އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އިސްތިއުފާ ދިނީ އެ އެސޯސިއޭޝަނުގެ ކަންކަން ބޮއްސުންލައިގެން ގޮސް، ކެތްނުކުރެވޭ ހިސާބަށް ގޮސް އަދި މަޝްވަރާކޮށްގެން ކަންކަން ރަނގަޅުކުރުމުގެ ނިޔަތެއް ރައީސް އަހުމަދު ތޯރިގް (ޓޮމް) ގެ ނެތުމުން ކަމަށް އިސްތިއުފާ ދެއްވި ފަސް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފަސް މެމްބަރުންގެ އިސްތިއުފާއާ އެކު، އެފްއޭއެމްގެ އެކްސްކޯ ވަނީ އުވިފަ އެވެ. އެ ހާލަތަށް ދިއުމުން އަލުން އިންތިހާބެއް ބާއްވަން އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާއިރު، މިކަމާ ގުޅޭ ގޮތުން ފީފާ އާއި އޭއެފްސީން މާދަމާގެ ވަގުތެއްގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

އިސްތިއުފާ ދެއްވި މެމްބަރުން މިއަދު ހަވީރު ސިޓީ ގާޑެން ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނައިބް ރައީސް އަލީ އުމަރު ވިދާޅުވީ އެފްއޭއެމްގެ ކަންކަން ނިންމަމުން ދިޔައީ އެކްސްކޯ އަށް ނޭނގި ކަމަށާއި އެސޯސިއޭޝަނުގެ ތެރޭގައި އޮތީ ވަކި ބައެއްގެ ނުފޫޒު ކަމަށެވެ.

"މީގެ ތިން މަސް ކުރިން އާ އެކްސްކޯ އިންތިހާބުކުރީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ފޮނި އުއްމީދާ އެކު. ކްލަބްތަކުން ގަބޫލުކުރި ފުޓްބޯޅައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް. އެކަމަކު ތިން މަސް ވެގެން ދިޔައިރު އެފްއޭއެމްގެ ތެރޭގައި އޮތީ ވަކި ބައެއްގެ ނުފޫޒު. އެކްސްކޯގެ ބަހެއް ނެތި ކަންކަން ނިންމަމުން ދިޔައީ. އަސާސީ ގަވާއިދުގައި ހުރި މާއްދާތަކާ ހިލާފަށް ބައެއް ކަންކަން ކުރަމުން ދިޔައީ،" ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އަދި ތޯރިގާ އެކު ގައުމީ ޓީމާއި ނިއު ރޭޑިއަންޓަށް ކުޅުއްވި އަލީ އުމަރު ވިދާޅުވީ ކަންކަން ރަނގަޅުކުރައްވަން ތޯރިގަށް ހުށަހެޅުއްވި ކަމަށާއި އެކަމަކު އިޖާބަނުދެއްވި ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ބައްދަލުވުމަށް އޭނާ އަށް ދައުވަތު ވެސް ނުދޭ ކަމަށާއި އޭނާގެ އެފްއޭއެމް އީ-މެއިލް އެޑްރެސް ބަންދުކޮށް މަސައްކަތް ނުކުރެވޭ ފަދަ ހާލަތަކަށް ގެންދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

"ފުރަތަމަ ވެސް މަސައްކަތްކުރީ މަޝްވަރާކުރަން. އެކަމަކު އެ ފުރުސަތެއް ނުލިބުނު،" އަލީ އުމަރު ވިދާޅުވި އެވެ.

"އެފްއޭއެމުން ކުރާ ކަންކަމުގެ ޒިންމާ އަޅުގަނޑުމެން ވެސް ނަގަން ޖެހޭނެ. އެހެންވެ އަޅުގަނޑުމެންނަށް ނާންގާ ކަންކަން ނިންމައި އޭގެ ޒިންމާ އެންމެ ފަހުން އަޅުގަނޑުމެން ނަގަން ޖެހޭ ހިސާބަށް ދިއުމުން މަޖުބޫރުވީ އިސްތިއުފާ ދޭން."

އަލީ އުމަރު ވިދާޅުވީ މިއީ ފުޓްބޯޅައަށް ދެރައެއް ދޭން ކުރެއްވި ކަމެއް ނޫން ކަމަށާއި ހެޔޮ ނިޔަތުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އިސްތިއުފާ އަކީ ފުޓްބޯޅަ ކުރިއެރުވުމަށް ލިބުނު ނަސްރެއް ކަމަށް ދެކެނީ،" އަލީ އުމަރު ވިދާޅުވި އެވެ.

އެކްސްކޯ މެމްބަރު އަދި އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުގެ އިސް ވެރިޔާ އަހުމަދު ޝަކީބް (ޑޮކް) ވިދާޅުވީ އެފްއޭއެމްގެ ބައެއް ނިންމުންތައް އޭނާ އަށް އެނގިވަޑައިގަންނަވަނީ ނޫހުން ކަމަށެވެ. އަދި ގިނަ ކަންކަމުގައި މަޝްވަރާކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ބޮޑު އުއްމީދަކާ އެކު ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދިއުމުގެ އުއްމީދުގައި ހަވާލުވީ. ވަރަށް ރަނގަޅަށް މަސައްކަތް ފެށީ ވެސް. އެކަމަކު ދެ ހަފުތާ ފަހުން ފާހަގަވީ އެކްސްކޯގެ ބޭނުމެއް ނެތްކަން،" ޝަކީބް ވިދާޅުވި އެވެ.

"ނޫހުން އަޅުގަނޑަށް ފެންނަނީ އެފްއޭއެމްގެ ނިންމުންތައް. ގައުމީ ޓީމަށް ކޯޗެއް ހަމަޖެއްސިކަން ވެސް އަޅުގަނޑަކަށް ނޭނގޭ."

ގައުމީ ޓީމުގެ މެޑިކަލް ކަންތައް މިދިޔަ 20 އަހަރު ބެލެހެއްޓެވި ޝަކީބް ވިދާޅުވީ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި، އޭނާ އަށް ބެންޗަށް ނުދެވޭނެ ކަމަށް ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) ނިންމެވީ އޭނާއާ މަޝްވަރާ ވެސް ނުކޮށް ކަމަށެވެ.

"އަޅުގަނޑުގެ ނަން ގައުމީ ޓީމުގައި ނުޖަހަން ޓެކްނިކަލް ޑިރެކްޓަރު އެންގީ މެނޭޖަރަށް. ދެން ޖެނެރަލް ސެކްރެޓަރީ އޭރު ވެސް ވިދާޅުވީ މެޑިކަލް ހެޑަކީ ޝަކީބޭ. އޭނާއާ މަޝްވަރާކޮށްފައޭ އެކަން ނިންމަން ޖެހޭނީ،" ޝަކީބް ވިދާޅުވި އެވެ.

"އޭގެ ފަހުން ވެސް އަޅުގަނޑު މެޗަށް ދާން ވެގެން ގުޅީމާ، އެފްއޭއެމުން ބުނީ މެނޭޖާސް މީޓިންގައި ޓެކްނިކަލް ޑިރެކްޓަރު ބުނެފައޭ އޮތީ ޝަކީބް ދެން ބެންޗަކަށް ނުދާނެޔޭ. އޭނާ އެއަށް ވުރެ ހައި ޕްރޮފައިލް މަގާމެއްގައޭ މިހާރު ހުރީ. އަޅުގަނޑު 20 އަހަރު ހިދުމަތްކުރީމަ އެގޮތަށްތޯ އަޅުގަނޑަށް، ބެންޗަށް ނުދާން އަންގަން ޖެހޭނީ؟"

އެކްސްކޯ އެހެން މެމްބަރެއް ކަމަށްވާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ ވިދާޅުވީ މަގާމް ގަބޫލުކުރެއްވީ ފޮނި އުއްމީދަކާ އެކު ކަމަށާއި ނަމަވެސް ޒިންމާ އަދާކުރައްވާނެ ފުރުސަތެއް ނުދިން ކަމަށެވެ.

"އެ ކޮމިޓީގެ ކޮންމެ މީހެއްގެ ބޮލުގައި ޒިންމާއެއްވޭ. އެކަމަކު އެ ޒިންމާ އަދާކުރާނެ ފުރުސަތެއް ނުދޭ. އެހެންވެ ޒިންމާ އަދާނުކޮށް، ގޯސްކޮށް ދާ ކަންކަމުގެ ޒިންމާ ނަގަން އެތަނުގައި ހުރުމުގެ ބޭނުމެއް ނެތް،" އައްސަދު ވިދާޅުވި އެވެ.