ބައްސާމް އާއި އަލީ އުމަރު މިއަދު ޝަރީއަތުގެ މަޖިލީހުގައި --
29 ޖޫން 2025 - 15:35
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު މިއަދު ހެކިބަސް ދީފި އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އަށް ބައްސާމް ވަނީ އިންކާރު ކޮށްފަ އެވެ. އެހެންވެ، އެ މައްސަލަގައި މިހާރު ކުރިއަށް ދަނީ އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަލީ އުމަރު ހެކިބަސް ދެމުން ބުނީ، އޭނާއަކީ އެފްއޭއެމްގެ ޗެކްތަކުގައި ސޮއިކުރުމުގެ ބާރު އޮތް މީހެއް ކަމަށާއި އެކި ޗެކްތަކުގައި ސޮއިކޮށްފައި ވާނެ ކަމަށެވެ. އެފްއޭއެމަށް ޑޮލަރުން ލިބޭ ފައިސާ މާރުކުރުމަށް ވެސް ޗެކްތަކުގައި ސޮއިކޮށްފައިވާނެ ކަމަށާއި ޗެކްގައި ސޮއިކުރަނީ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަތޯ ބެލުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް، އެފްއޭއެމްގެ ވަކި ޓްރާންސްސެކްޝަނަކާ ގުޅޭ ގޮތުން ދައުލަތުން ސުވާލުކުރުމުން އޭގެ ހަނދާން މިހާރަކު ނެތް ކަމަށް އަލީ އުމަރު ބުންޏެވެ. އެކަމަކު، ފުލުހުންގެ ތަހުގީގުގައި އޭނާއާ އެފަދަ ޓްރާންސްސެކްޝަންތަކަކާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި އެ ތަހުގީގަށް އެކަމާ ގުޅޭ ގޮތުން އޭނާ ދީފައިވާނީ ތެދު މައުލޫމާތު ކަމަށް ބުންޏެވެ.
އަލީ އުމަރު ބުނިގޮތުގައި، އެފްއޭއެމްގެ ދުވަހުން ދުވަހުގެ މަސައްކަތުގައި އެ އިދާރާގެ ރައީސް އަދި ނައިބު ރައީސްގެ މާބޮޑު ދައުރެއް ނޯންނާނެ އެވެ. އެކަމުގެ ތެރޭގައި ނުވެސް އުޅޭ ކަމަށް ޝަރީއަތުގެ މަޖިލިހުގައި ބުންޏެވެ. އެފްއޭއެމް ދުވަހުން ދުވަހަށް ހިންގުމުގެ ހުރިހާ ޒިންމާއެއް އޮންނާނީ ޖެނަރަލް ސެކެޓްރީއަށް ކަމަށް އޭނާ ބުންޏެވެ.
ބައްސާމްގެ ވަކީލް ކުރި ސުވާލަކަށް ޖަވާބު ދެމުން އަލީ އުމަރު ބުނިގޮތުގައި، އެފްއޭއެމްގެ ރައީސް ބައްސާމަށް 5،000 ޑޮލަރުގެ އެލަވެންސެއް އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ އެލަވެންސް ނެގި ކަމެއް ނުވަތަ ނޫންކަމެއް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ. އެކަމާ ގުޅޭ ލިޔުންތައް އެފްއޭއެމްގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި އެފްއޭއެމްގެ އޮފީސް އަދި ބައްސާމް ދިރިއުޅޭ ގެ ބަލައިފާސްކުރި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހަކު ވެސް ހެކިބަސް ދީފައިވެ އެވެ. އޭނާ ހެކިބަސް ދެމުން ބުނީ، ހެކި ފޮރުވަން ނުވަތަ ލިޔެކިޔުންތައް ނުދޭން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
މި މަހުގެ 21 ވަނަ ދުވަހަށް ވެސް ވަނީ މި މައްސަލައިގައި ހެކިބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދަައުވާ ވެސް ކުރި އެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އެހެން ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޒަން
30 June 2025
މުޅިންވެސް ހިޔާނާތެރިން ، އަހަރެމެންގެ މައިންބަފައިން މިކުދިންނައް ދީފައިވަނީ މިގޮތައް ކަންކަންކުރާން ބާއޭ ހިތައް އަރާ....
ޖާނޭ
30 June 2025
ހަދާން މިހާރު ނުވިޔަސް ހަނދާން ވާނެ ދުވަހެެއް އަންނާނެ ކަން ޔަގީން
އަންކަލް
30 June 2025
ބައްސާމަށް ރައީސްކަމަށް ކުރިމަތި ލެވެންޖެހޭ!
ވަގުން
29 June 2025
ފުޓްބޯޅަ ތަރައްގީނުވެ މިމީސްމީހުންގެ ވިޔަފާރިތަށް އަދި ދިރިއުޅުން ވަރަށް ތަރައްގީވިތާ. އެކަމުގެ ދައުވާވެސް ކުރަންފެނޭ، މަސްއޫލިއްޔަތަށް ޚިޔާނާތްތެރިވިކަމުގެ ދައުވާ!
ރައުސީ
29 June 2025
އިސްލާމީ ސަރީއަތުގަ އޮންނަނީ ވައްކަންކުރާމީހުން އަތްކަނޑަން ޖޫރިމަނާއާއި ޖަލުހުކުމަކީ ވަރަށްލުއި އަދަބެއް ކިޔަވާގެންތިބޭ ގާޒީންނަށް ޖެހިލުމެއްނެތި އިސްލާމީޝަރީއަތް އެއްފަރާތްކޮށް ތިޔަކުރާ ހުކުމްތަކާމެދު ސުވާލުކުރެވޭނެ.
މރ.ކާޕެޓް
01 July 2025
ޥައްކަމާ ޚިޔާނާތް ވަކިނުވާ މީހުން ދީނުގައި ކަނޑައަޅާފައިވާ ޙައްދުތަކާއި އުގޫބާތުގެ ވާހަކަ ދެއްކީމަ ވާނީ ބޭޒާރު.
ރޯނުއެދުރު؟
01 July 2025
މާ ބޮޑަށް އިސްލާމީ ޝަރީޢަތް ތިޔަ އެނގެނީ. ދައުލަތުގެ ނުވަތަ ހަވާލުވެ ހުންނަ އޮފީހެއްގެ ފައިސާގަ ޖެހިގެން އިސްލާމީ ޝަރީޢަތުގަ އަތެއް ނުކެނޑޭނެ. އަތް ކެނޑޭނީ ވަކި ޝަރުޠުތަކެއް ހަމަވާ ހާލަތުގައި އެކަނި. ކޮމެންޓު ކުރާތި ތަނެއް ފެންނަ އިރަށް.
ދދދދދދދދދ
01 July 2025
ބުރޯ އަހަރެމެން މިދަނީ ސިންގަޕޫރު ނަމޫނާ އަކަށް ބަލައިގެން.. ޝުކުރިއްުޔާ........
ބޯއުމަރު
29 June 2025
ހަމަ ހުސް ދޮގޭ އައްޔާ ތިޔަ ހަދަނީ ލެޖެންޑް ވެގެން. ރާއްޖެއިން ފުޓުބޯޅަ ދިރުވާލައިގެން ދެމީހުން ތިތިބީ މިކަމުން އެރައިގަނެވޭނެ ދުވަސް ނޭނގޭ.
މާލު
30 June 2025
އަސްލުވެސް، އަލީ އުމަރުމެންނަކީ އަހަރެމެން ވަރަށް ގަދަރު ކުރި މީހުން، އެކަމު މިމީހުންގެ ދައުރުގައި އެފް އޭ އެމް އަށް ހަދާލި ގޮތުން މިހާރު އައްޔަމެންނަށް ވަރަށް ނަފްރަތުކުރަން، ތީ ދިވެހި ފުޓުބޯޅައިގެ ހަލާކު
ޑރ ވާަންޗޯ
29 June 2025
ފިލްމް ނިމޭނީ ވަރަށްސަޅިކޮން، ކުއްވެރިޔާ ކުއްވެރިވާނެ އެކަމަކު މައްސަލަ ހުށައަޅާފައިވާ އިޖުރާއަތު ގޯސްވެގެން ދޫކޮށްލާނެ. އަތުލި ފްލެޓްގެ ބަދަލާއެކު މުއްސަނދި ދިރިއުޅުން ފެށިގެންދާނެ. ....... އާފްޓަރއޯލް އިޓަސްނޮޓްއަ ރިހާކުރުފުޅި!!!!!
ސުހާނާ
30 June 2025
"ކުއްވެެރިޔާ ކުއްވެެރިވާނެ" މިގޮތަކަށް ނޫން ދިވެހިބަހުގައި ލިޔަން އޮންނަނީ. "ކުށްވެރިޔާ ކުށްވެރިވާނެ" (އަލިފުސުކުން ލިޔުނު ތަންތަނުގައި ށަވިޔަނިސުކުން) މިގޮތަށް ލިޔަންޖެހޭނީ. "ކުށް - ކުށެއް" މިގޮތަށް ބަދަލުވާތީ ށަވިޔަނިސުކުން ލިޔަންޖެހެނީ. އަލިފުސުކުނާއި ށަވިޔަނިސުކުން ކުރެވޭ ގޮތްތައް ދަސްކުރޭ.
އަހުމަދުބޭ
29 June 2025
މިވާއެއް ނުވާއެއް މިހާރު އެބައިނގޭ؟ މިހާރު މިދައްކަނީ އެންމެ 10 ޑޮލަރ ވާހަކަ، މީގެކުރިން ދެއްކީ 1 މިލިއަންޑޮލަރ އަށް އެޕާރޓްމެންޓް ގަތްވާހަކަ
ޣަނީބައި
29 June 2025
އާޙިރުގަ ނިމޭނީ އޭނަ އަލިފަކަށް ވެގެން.
މުހަންމަދުބޭ
29 June 2025
ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އެހެން ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. ހަބަރުގަ އޮތް މިބައިވެސް ކިޔާލީމަ ވާނުވާ އެނގޭނެ.
އަލިބެގެ ބޭބެ
29 June 2025
ނިމޭ އިރު ކުއްވެރިވާނީ ދިވެހި ރައްޔިތުުން.
ލެއްގިކޮމިޝަނަރ
29 June 2025
ވާނުވާ ނޭންގެންޏާ ކޮމެންޓްނުކޮށް މަޑުމަޑުން ހުރެބަލަ. ކާކުތަބުނީ ވާނުވާ ނޭންގޭހާލުގަ ކޮމެންޓްކުރާށޭ. އެގޭ މީހުން ކޮމެންޓްކުރާނެ. އެކޮމެންޓްތައް ކިޔާލާފަ މަޑުމަޑުން ހުރީމަ ނިމުނީ. 100 ވަރަކަށް ދައުވާގެ ތެރެއިން މިޔަދު ކުރިއަށް އަދި އެދިޔައީ 1 ދައުވާ. ތިބުނާ 1މިލިއަން ޑޮލަރުގެ ދައުވާވެސް ކުރިއަށްދާނެ.
ލެއްގި
30 June 2025
ލެއްގިކޮމިޝަނަރ ހާދަ ރުޅިގަދަވީ! ކެކެ
މާލު
30 June 2025
ލެއްގި ކޮމިޝަނަރަކީ މިތާ ކޮމެންޓްކުރާ އެންމެންގެ ބަފަޔޯ، އެހެންވެ އެހާ ރުޅިގަދަވެގެން އެއުޅެނީ،...ލެއްގި
ސުހާނާ
30 June 2025
ހަމައެކަނި ލެއްގި ކޮމިޝަނަރެއް ނޫން ރުޅިގަދަވާނީ. އެހެން މީހުންވެސް ރުޅިގަދަވާނެ، ގަމާރުން ތަނެއްދޮރެއް ނޭނގޭއިރު ކޮމެންޓް ކުރަންޏާ.