ކުޅިވަރުގެ ދާއިރާ އިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް މަރްހޫމް ސައްޔިދު ހަސަންގެ ހަނދާނަށް އަދި އޭނާގެ ބޭބެ ސައްޔިދު އަލީ އަށް ސަރުކާރުން ރޭ ދީފި އެވެ.
މިއީ 1979 ވަނަ އަހަރު ސަރުކާރުން ދޭން ފެށި މި އިނާމް އެއް އަހަރެއްގައި، އަމުދުން އެއް ދާއިރާއަކުން އެއްބަނޑުއެއްބަފާ ދެބޭފުޅަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަހަވާރަވި ސައްޔިދު ހަސަން އަށް ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ކުޅުމުގެ ރޮނގުން، ޝަރަފްވެރިކަމުގެ އިނާމް ދެއްވަން ގައުމީ އިނާމާ ބެހޭ ކޮމިޓީން ނިންމެވީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅިވަރު އެއް ކުޅުންތެރިޔަކީ ހަސަން ކަމަށްވެފައި އޭނާގެ ހިދުމަތް މިހާތަނަށް ވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެފައި ނުވުމާއި، އެ ކާމިޔާބީތަކަކީ ގައުމީ ފެންވަރެއްގައި ބަލައިގަތުން ހައްގު ކާމިޔާބީތަކެއް ކަމަށް ފެންނާތީ ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭން ވާދަކުރި ބައިނަލްއަގްވާމީ ފުރަތަމަ ކުޅިވަރު މުބާރާތް ކަމަށްވާ 1973 ވަނަ އަހަރުގެ ތުރީއޭ ގޭމްސްގައި ރާއްޖެ ތަމްސީލްކުރެއްވި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ވާދަނުކުރައްވާ ކުޅިވަރެއް އަދި ކާމިޔާބީ ނުހޯއްދަވާ ކުޅިވަރެއް 1970ގެ އަހަރުތަކުގެ ތެރޭގައި މާލޭގައި ބާއްވާފައެއްނުވެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ، ވޮލީބޯޅަ، ޓެނިސް، ޓޭބަލް ޓެނިސް، ކްރިކެޓް، ހޮކީ، ޗެސް، އަދި ބައިސްކަލް ރޭސް ހިމެނެ އެވެ.
ހަސަން ވަނީ މާލޭ ޓެނިސް ކްލަބް ފަހަތަށް ޖައްސައި 1976 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބުން ވާދަކުރި ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ. އޭނާ ކުޅުއްވި ކްލަބުތަކުން ގައުމީ ޓެނިސް މުބާރާތް ވިދިވިދިގެން ހަ އަހަރު، ޓީޓީ ޗެމްޕިއަންކަން ހަތަރު އަހަރު، ވޮލީ ޗެމްޕިއަންކަން ތިން އަހަރު އަދި ހޮކީ ޗެމްޕިއަންކަން ދެ އަހަރު ހޯދި އެވެ. ސައްޔިދު ޙަސަންގެ ކުޅިވަރުގެ ހަޔާތަށް ހުރަސްއެޅިގެންދިޔައީ، ބޯޓު ދަތުރުކުރެއްވުމަށްޓަކައި 1979 ވަނަ އަހަރު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ހިސާބުންނެވެ.
ހަސަންގެ ކާމިޔާބީތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން "މިހާރު" ނޫހުން ވަނީ "މިހާރު އެވޯޑްސް" ގެ ހާއްސަ އެވޯޑް ހަސަން އަށް މި އަހަރު ދެއްވައިފަ އެވެ.
"ސައްޔިދު ހަސަން އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ކަމުގައިވީ ނަމަވެސް، އެ ކާމިޔާބީތައް ދިވެހި ތާރީހުން ފަޑުވެގެނެއް ނުދާނެ އެވެ. އެކި ކުޅިވަރުތަކުގައި ސައްޔިދު ހަސަން ހޯއްދެވި ކާމިޔާބީތަކަކީ، އެކަމުގެ އަގު އަބަދުވެސް ވަޒަންކުރެވޭނެ ކާމިޔާބީއަކަށްވާން ޖެހޭނެކަން މިއަދުގެ ސަރުކާރުން ގަބޫލުކުރައްވައި، މިފަދަ ޝަރަފެއް ސައްޔިދު ހަސަންގެ ހަނދާނަށް އަރުވާކަން އެއީ ސައްޔިދު ހަސަންގެ އާއިލާއަށް އަދި ކުޅިވަރު ކުޅުންތެރިންނަށް ލިބޭ ވަރަށްބޮޑު އުފަލެއް ވެސް މެ އެވެ،" ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނެފައިވެ އެވެ.
ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ރޭ ހާސިލްކުރެއްވި ސައްޔިދު އަލީ އަކީ އޭނާގެ ކޮއްކޮ ފަދައިން ވަރަށް ގިނަ ކުޅިވަރުތަކެއްގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ކުރީގެ ކުޅުންތެރިޔެކެވެ. އަދި ފަހުން ކުޅިވަރު ހިންގުމާއި ކޯޗުކޮށްދިނުމުގައި މަސައްކަތްކުރެއްވި އެވެ. އޭނާ އަށް ސަރުކާރުން ވަނީ ކުޅިވަރުގެ ރޮނގުން 1995 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދީފަ އެވެ.
މާލޭ ޓެނިސް ކްލަބުގެ ޖާޒީގައި 1973 ވަނަ އަހަރު ވޮލީބޯޅައިން ކުޅިވަރު ހަޔާތް ފެށްޓެވި ސައްޔިދު އަލީ ވަނީ މެދުނުކެނޑި 16 އަހަރު ވޮލީބޯޅަ ކުޅުއްވައި ގައުމީ ޗެމްޕިއަންކަން 10 އަހަރު ހޯދައިފަ އެވެ. އަދި ފަހުން ގައުމީ ވޮލީބޯޅަ ޓީމާއި ޖޫނިއާ ޓީމުތަކަށް ކޯޗުކޮށްދެއްވި އެވެ. ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ މަގާމް ގިނަ އަހަރުތަކެއްގައި ހޯދި އިބްރާހީމް ނިޒާރަކީ ވެސް ސައްޔިދު އަލީ އުފެއްދެވި ކުޅުންތެރިޔެކެވެ.
އޭނާ 1976 ވަނަ އަހަރު ފެށްޓެވި ފުޓްބޯޅަ ކެރިއަރުގައި ލަޔަންސް ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ގައުމީ ޗެމްޕިއަންކަން ހޯއްދެވި އެވެ. އަދި ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ މެޑަލް ކަމަށްވާ، 1984 ވަނަ އަހަރުގެ ސާފް ގޭމްސް އިން ލޯ މެޑަލް ހޯދިއިރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓެވީ ވެސް އޭނާ އެވެ.
ފުޓްބޯޅަ ކޯޗިންގައި 1988 ވަނަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން އަދި ނިއު ރޭޑިއަންޓުން 1990 އާއި 1991 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދިއިރު އެސިސްޓަންޓް ކޯޗުކަން ކުރެއްވި އެވެ. އަދި ފަހުން ނިއު ރޭޑިއަންޓުގެ މެނޭޖަރުކަމާއި ވައިސް ޗެއާމަންކަން ކުރެއްވި އެވެ.
ސައްޔިދު އަލީ ވަނީ ވިކްޓްރީ އަށް 1974، 1975 އަދި 1976 ވަނަ އަހަރު ގައުމީ ޓެނިސް ޗެމްޕިއަންކަން ހޯދައި ދެއްވައި އަދި ސިންގަލްސް ޗެމްޕިއަންކަން ދެ ފަހަރު އަދި ޑަބަލްސް ޗެމްޕިއަންކަން ފަސް ފަހަރު ހޯއްދައިފަ އެވެ. މީގެ އިތުރުން އެތްލެޓިކްސް އާއި ބާސްކެޓްގައި ވެސް ގައުމީ ޗެމްޕިއަންކަން ހޯއްދަވާފައިވެ އެވެ.