ލަންޑަން (ނޮވެމްބަރު 9) - ލެސްޓާ ސިޓީގައި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި އާސެނަލް ވިޔަސް އަދި އެ ނޫން ވެސް ބޮޑު ކްލަބަކާ ގުޅުމުގެ ޝައުގުވެރިކަމެއް މި ވަގުތު ނެތް ކަމަށް ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
މި އަހަރު ފެބްރުއަރީ މަހު ލެސްޓާ ކޯޗުކަމާ ހަވާލުވެ ރޮޖާސް އަންނަނީ އެ ޓީމުގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކުރަމުންނެވެ. ލެސްޓާގައި ރޮޖާސް ހުރި މުއްދަތުގައި އެ ޓީމަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުނީ ހަމައެކަނި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލް އެވެ.
ޗެލްސީ ޔޫތު ކޯޗެއްގެ ގޮތުގައި ކޯޗިންގެ ތެރެއަށް އައި އުމުރުން 46 އަހަރުގެ ރޮޖާސް ވަނީ މީގެ ކުރިން ލިވަޕޫލަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާ އެ ޓީމުން ވަކިކުރީ 2015 ވަނަ އަހަރު އެވެ. ލެސްޓާ ގޮވައިގެން މި ސީޒަނުގައި މިހާތަނަށް ރޮޖާސް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާއިރު، އެ ޓީމު އޮތީ ލީގުގެ ތިން ވަނައިގަ އެވެ.
ފާއިތުވި ދުވަސްތަކުގައި ރޮޖާސްއާ އާސެނަލާ ގުޅުވައިގެން އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ރޮޖާސް ވަނީ އެކަން ދޮގުކޮށްފަ އެވެ.
"ރަނގަޅު މަސައްކަތެއް ޓީމެއްގައި ހުރެ ކުރާނަމަ އެހެން ޓީމުތަކާ ގުޅުވައިގެން މީޑިއާގައި ވާހަކަ ދައްކާނެ. މީހުން އަހަރެން ބޮޑު ކްލަބަކަށް ގެންދާ ވާހަކަ ދައްކާނެ. އެކަމަކު ހަގީގަތަކީ އަހަރެން މި ވަގުތު މި ހުރީ ވެސް ބޮޑު ކްލަބެއްގައި. މި ވަގުތު މި ޓީމުގައި މި ހުރީ އަހަރެން ބޭނުންވާ ކުޅުންތެރިން. މި ޓީމުގައި ކޮންމެ މިނިޓެއް މިހޭދަކުރަނީ ވެސް ހިތްހަމަޖެހިގެން ހުރެ. ދެން ވަކި ދާނެ ކްލަބެއް މި ވަގުތު ނެތް،" ރޮޖާސް ބުންޏެވެ.
ލެސްޓާއާ ހަވާލުވުމުގެ ކުރިން ސެލްޓިކްގެ ކޯޗަކަށް ހުރިއިރު ރޮޖާސް ވަނީ ލިވަޕޫލުގައި އޭނާ ކުރަން ޖެހުނު ހިތި ތަޖުރިބާތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ރޮޖާސް އޭރު ބުނީ ބޮޑެތި ކްލަބްތަކުގައި ނަތީޖާ ނެރުމުގެ ޕްރެޝަރު އޮންނަ ގޮތުން އެންމެ ބޭނުންވާ ގޮތަށް މަސައްކަތްކުރަން އުނދަގޫ ކަމަށެވެ. ރޮޖާސް ވަނީ ލިވަޕޫލާ އެކު ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ މި ވަގުތު މައްސަލަތަކެއްގެ ތެރޭގައި އޮތް އާސެނަލާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.