ކުޅިވަރު

އޭއެފްސީ ކަޕް: ފަހު ވަގުތު ޗެންނާއީން މާޒިޔާއާ އެއްވަރުކޮށްފި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގެ އައި ލީގު ޗެމްޕިއަން ޗެންނާއީ ސިޓީ އެފްސީން ވަގުތު ވައްދާލި ގޯލާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުކޮށްފި އެވެ.

މި މުބާރާތުގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އިން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް 5-1 އިން ބަލިކޮށްފަ އެވެ.

ކޮލިފައިން ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއަން ސުޕަ ލީގުގެ ގަދަބާރު ބެންގަލޫރު އެފްސީ ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި މާޒިޔާ މިރޭގެ މެޗަށް ނުކުތްއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަަބަބުން އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕެލަނިޗް ސަސްޕެންޑްވެފައިވުމެވެ.

ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މިރޭގެ މެޗު ފަށައިގެން 11 މިނިޓް ތެރޭ ޗެންނާއީ އަށް ލީޑުނަގައިދިނީ ސްޕެއިނުގެ ފޯވާޑް އަޑޯލްފޯ އަރައުހޯ (ފީޓޯ) އެވެ. ކުރިން ސްޕެއިނުގެ ހުއެސްކާ އަށް ކުޅުނު ފީޓޯ މި ގޯލު ޖެހީ މާޒިޔާގެ ޑިފެންޑަރު އަފްގާނިސްތާންގެ މުހައްމަދު ޝަރީފް ކައިިރިން ނައްޓާފައި ގޮސް ގޯލުގެ ހަނި އޭންގަލުންނެވެ. އެ ބޯޅަ ހުއްޓުވަން މާޒިޔާގެ ގޯލުގައި ހުރި ޒުވާން ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ޗެންނާއީ ލީޑުނެގިތާ މާ ގިނައިރެއް ނުވެ މާޒިޔާ އަށް އެއްވަރުކޮށްދޭން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި މޫސާ ޔާމީން (ޔާމްބެ) ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އެ ދެ ބޯޅަ ވެސް ހުއްޓުވީ ޗެއްނާއީ ގޯލުގައި ހުރި ސްޕެއިނުގެ ގޯލްކީޕަރު ނޯޒެޓް ސަންޓާނާ އެވެ.

ލިބުނު އަނިޔާއެއްގެ ސަބަބުން މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގެ މެދުތެރޭގައި ޔާމްބެގެ ބަދަލުގައި މުޖުތާޒް މުހައްމަދު (މުޖޭ) ކުޅެން އަރުވައިފަ އެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި ނާއިޒު ހަސަން (ދާދު) ހުރީ ކުޅުމާ ދުރުގަ އެވެ. މީގެ ތެރެއިން އަސަދުﷲ އަށް ވަނީ ކަކުލަށް ލިބުނު ސީރިއަަސް އަނިޔާއަކާ އެކު މަދުވެގެން ހަ މަހަށް ކުޅުމާ ދުރުގައި މަޑުކުރަން ޖެހިފަ އެވެ.

ކައުންޓަ އެޓޭކުގައި މާޒިޔާ އިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ވަގުތެއްގައި ޗެންނާއީ ފަހަތުން ހެދި ގޯހެއްގެ ސަބަބުން ނަތީޖާ ހަމަހަމަވުމާ ގާތަށް ދިޔަ އެވެ. އެ ގޮތުން މެޗުގެ 31 ވަނަ މިނިޓްގައި ޗެންނާއީގެ ކެޕްޓަން ސްޕެއިނުގެ ރޮބާޓޯ އެސްލާވާ ފަހަތަށް ޖައްސާލި ބޯޅަ ކީޕަރަށް ނުލިބި ގޮސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި ނުކުމެ ތަފާތު ރޫހެއްގައި ކުޅެ މާޒިޔާ އިން ނަތީޖާ އަނބުރާލި އެވެ. އެ ޓީމުން އެކަން ހާސިލްކުރީ ތިން މިނިޓް ތެރޭގައި ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން މެޗުގެ 64 ވަނަ މިނިޓްގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ހިލޭޖެހުމަކުން ނަގައިދިން ބޯޅައަކުން އެއްވަރުކޮށްދިނީ ޓީމުގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ. އިރޭ މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ ދެ މިނިޓް ފަހުން ކައުންޓަ އެޓޭކުގައި އޭރިއާ ތެރެއިން ހުސެއިން ނިހާން (ނިހާޓް) ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ފޭދޫ އިއްބެ ވަނީ މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ.

މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްކީޕަރުގެ އަތަށެވެ.

މެޗުން މާޒިޔާ މޮޅުވާން ދަނިކޮށް މަންޒަރު ބަދަލުވީ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ޗެންނާއީ އިން އެއްވަރުކުރުމުންނެވެ. މި ލަނޑު ޖެހީ ފީޓޯ އެވެ. އޭރިއާ ބޭރުން ޗެންނާއީގެ ވިޖޭ ޖެހި ބޯޅައެއް ކީޕަރު ހުސެން އަތުގައި ޖެހިފައި ލިބުމުން ފީޓޯ ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުން މޮޅުވާން ޗެންނާއީގެ ވިޖޭ އަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ މަހު 14 އާއި 15 ވަނަ ދުވަހު އެވެ. ދެ މެޗު ވެސް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ މެޗުގައި 14 ވަނަ ދުވަހު މާޒިޔާ ކުޅޭނީ ބަޝުންދުރާއާ އެވެ. އަދި 15 ވަނަ ދުވަހު ޓީސީ ބައްދަލުކުރާނީ ޗެންނާއީއާ އެވެ. މިއީ އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ.

3 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 30%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބާ

12 March 2020

މާޒިއާއަށް ތިކަންވާނީ، ޓީސީގެ އެފެންވަރަކާ ހިތްވަރެއްނެތް. ޓީސީން ދަނގަޑޭއަށް މާބޮޑަށް ބަރޯސާވީ، އޭނަ ހުރީމަ ވާނެކަމަށް ނިންމީ؛ ހީކުރީ އޭނަ މިހާރުވެސް ދެތިން ޑިފެންޑަރުން ކަޓުވާފަ ލަނޑެއް ޖަހާފާނެކަމަށް، އޭނަގެ ރެޕިއުޓޭޝަނުގެ ސަބަބުން އިދިކޮޅު ޖެހިލުންވާނެ ކަމަށް، ކުޅުން ބެލިމީހަކަށް ފެންނާނެ ދަނގަޑޭ މިހާރު ކުޅެނީ އެގޮތަކަށްނުން، އާދައިގެ މިޑިފިލްޑަރެއްގޮތަށް. ކޮންފިޑެންސްވެސް ނެތީކަންނޭގޭ ޕެނަލްޓީޖަހަންވެސް ނުދިއައެއްނުން.

The name is already taken The name is available. Register?

ނަޖުމުއްދީން

12 March 2020

މިދުވަސްކޮޅު ސަކަރާތްޖަހާންހަދާނެކަމެއްނެތް.

The name is already taken The name is available. Register?

ާއަހުމޭ

12 March 2020

މާޒިޔާ ކުޅުން ވ.މޮޅު. ވ.އޯގަނައިޒް. ކާމިޔާބައް އެދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454