މެންޗެސްޓާ (އޮކްޓޯބަރު 11) - މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗަކީ އާދައިގެ މެޗެއް ނޫން ކަމަށް ޔުނައިޓެޑަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ހުއާން މަޓާ ބުނެފި އެވެ.

މި ސީޒަނުގައި ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެރޭގަ އެވެ. އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ދެ ކްލަބްގެ ކުރިމަތިލުމަކީ ޒަމާނުއްސުރެ ޕްރިމިއާ ލީގުގައި ވާދަވެރިކަން ބޮޑު މެޗެެކެވެ.

"ޔުނައިޓެޑަށް ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސް ޓީމު އޮތީ ވަރުގަދަ ކޮށްފައި. ސީޒަނުގެ މިހާތަނަށް ޔުނައިޓެޑްގެ ކުޅުން އެންމެ ރަނގަޅެއް ނޫން. އެކަމަކު ލިވަޕޫލް އޮތީ ރަނގަޅު ފޯމެއްގައި. އެ ޓީމާ ދެކޮޅަށް އެންފީލްޑްގައި ކުޅޭ މެޗަކީ ޔުނައިޓެޑަށް ވަރަށް ރަނގަޅު ޓެސްޓެއް،" މަޓާ ބުންޏެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ދަނޑުގައި ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. މަޓާ ބުނީ މި ފަހަރު ވެސް ބޭނުންވަނީ އެ ކާމިޔާބީ ތަކުރާރު ކުރުމަށް ކަމަށެވެ.

"މިިދިޔަ ދެ އަހަރު އަހަރެމެން މޮޅުވީ. އެއީ މެޗުގެ ކުރިން އޮތް ހިތްވަރެއް. އެކަމަކު ކްލޮޕްއާ އެކު ލިވަޕޫލް މި ސީޒަނުގައި ތަފާތުކޮށް ފެންނަނީ. މިއީ މިދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެއް،" މަޓާ ބުންޏެވެ.

"މިއީ ތާރީހަށް ބެލިޔަސް ވަރަށް ކާމިޔާބު ދެ ޓީމު. ވާދަވެރިކަން ވެސް ވަރަށް ބޮޑު. މިއީ އިންގްލެންޑްގެ އިތުރުން މުޅި ޔޫރަޕްގައި ވެސް ބޮޑު މެޗެއް،"

މި ދެ ޓީމު އެންމެ ފަހުން ބަދަލުކުރީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގަ އެވެ. ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ލިވަޕޫލް ދަނޑުގައި ކުޅެ ޔުނައިޓެޑް ބަލިވީ 2-0 އިންނެވެ.