ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ކްލަބް އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ހަމަޖެއްސުމާ އެކު، އެކަމުގެ ޝުކުރު އޭނާ އީގަލްސް އަށް އަދާކޮށްފި އެވެ.
މިދިޔަ އަހަރުން ފެށިގެން އީގަލްސްގެ ގޯލު ބަލަހައްޓަމުން އަންނަ ސުޖަން ވަނީ މީގެ ކުރިން ލަންކާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ސީނިއާ ޓީމުގެ ކެޕްޓަންކަން ސުޖަން އަށް ދިނީ އެ ޓީމާ ދާދި ފަހުން ހަވާލުވި ކުރީގެ ޑިފެންޑަރު ޑަޑްލީ ސްޓެއިންވޯލް އެވެ.
"މިއީ އަހަރެން ރާއްޖޭގައި ކުޅޭ ދެ ވަނަ އަހަރު. އީގަލްސް އިން އަހަންނަށް ދިން ފުރުސަތަށް އަހަރެން ޝުކުރުވެރިވަން. ރާއްޖޭގައި ކުޅެން ފެށި ފަހުން އަހަންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. އަހަރެންގެ ކުޅުން ރަނގަޅުވުމުގެ ނަތީޖާއަކީ ޓީމުގެ ކެޕްޓަނަކަށް އަހަރެން ނެގުން،" ލަންކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސުޖަން ބުންޏެވެ.
އޭނާ ބުނީ ލަންކާ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަންނަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ލަންކާގެ ގިނަ ކުޅުންތެރިން ގައުމުން ބޭރުގައި ކުޅެފިނަމަ ގައުމީ ޓީމަށް އޭގެ ފައިދާކުރާނެ ކަމަށެވެ.
"ރާޢްޖޭގައި އަހަންނަށް ލިބޭ އަހަރަކު 30 ވަރަކަށް މެޗު ކުޅެން. މިއިން ކޮންމެ މެޗަކީ ވެސް ގައުމުން ބޭރުން ލިބޭ ތަޖުރިބާއެއް. އަހަންނަން މި ލިބޭ ކުރިއެރުމުގެ ބޮޑު ބަޔަކީ ގިނަ މެޗުތަކެއް ކުޅެން ލިބުން. ލަންކާގެ ގިނަ ކުޅުންތެރިން ގައުމުން ބޭރުގައި ކުޅެ ބައިނަލްއަގްވާމީ ފެންވަރުގައި ތަޖުރިބާ ހޯދަން އެބަޖެހޭ،" ސުޖަން ބުންޏެވެ.
އީގަލްސްގައި ސުޖަން ޓްރެއިން ކުރަމުން އަންނަނީ ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލްރަހީމް އެވެ.
ލަންކާ ކޯޗު ސްޓެއިންވޯލް ބުނީ ރާއްޖޭގައި ކުޅެން ފެށި ފަހުން ސުޖަންގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށާއި އޭނާ އަށް ކެޕްޓަންކަން ދިނީ ލީޑަރެއްގެ ކޮލިޓީ ހުރުމުން ކަމަށެވެ.
ސުޖަންގެ ކެޕްޓަންކަމުގެ ދަށުން ލަންކާ ކުޅުނު ފުރަތަމަ މެޗުން ވަނީ ރަށުން ބޭރުގައި 4-0 އިން ކެމްބޯޑިއާ ބަލިކޮށްފަ އެވެ. އެއީ ފަރިތަކުރުމުގެ ގޮތުން ކުޅުނު މެޗެކެވެ. އޭގެ ފަހުން ރަސްމީކޮށް މި ދެ ޓީމު ކުޅުނު މެޗުން ކެމްބޯޑިއާ ވަނީ 4-0 އިން ލަންކާ ބަލިކޮށްފަ އެވެ.
އަންނަ މަހު ދެ ވަނަ ދުވަހު ފަށާ އޭއެފްސީ ސޮލިޑާރިޓީ ކަޕުގައި ވާދަކުރާ ލަންކާ ޓީމު ގޮވައިގެން ނުކުންނާނީ ސުޖަން އެވެ. މެލޭޝިއާގައި އޮންނަ މި މުބާރާތުގައި ލަންކާ އޮތީ މާކާއު އާއި މޮންގޯލިއާ އަދި ލާއޮސްއާ އެކު ގްރޫޕް ބީގަ އެވެ.
ލަންކާގެ ގޯލްކީޕަރުން ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި މޮޅަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓުން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު މޮޅު ކުޅުމެއް ދެއްކި ސަދުން ދެވިންދާ ހިމެނެ އެވެ. އޭނާ ވެސް ވަނީ ލަންކާގެ ކެޕްޓަންކަންކޮށްފަ އެވެ.