ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ލޮކްޑައުން އަކަށް ދިއުމާ އެކު ބަންދުވި ބޭރު މީހުންގެ ތެރޭގައި ކްލަބް އީގަލްސް އަށް ކުޅޭ ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ހިމެނެ އެވެ. ލިބުނު ފުރުސަތެއްގައި މީގެ ދެ ދުވަސް ކުރިން އޭނާ ވަނީ ލަންކާ އަށް ގޮސްފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަވަހަށް ކެންސަލްކުރަން އެފްއޭއެމުން ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. ސީޒަަން ކެންސަލްކުރުމާ އެކު ސުޖަން އަށް ރާއްޖޭގައި ދެ މަސް ދުވަހު ހުންނަން ޖެހުނުއިރު، އޭނާގެ ކަންތައްތަކާ ހަވާލުވެހުރި ކްލަބް އީގަލްސް އިން ކަންތައްތައް ރަނގަޅަށް ކޮށްދިންކަން އޭނާ ފާހަގަކުރި އެވެ.
ލޮކްޑައުންގައި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކަންތައްތައް ފުރިހަމަކުރަން ހުރިހާ އެންމެނަށް އުނދަގޫވާނެ އެވެ. އެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ލަންކާ މީހުންނަށް ވެސް އުނދަގޫތަކެއް ހުރިކަން ސުޖަން ވަނީ ފާހަގަކޮށްފަ އެވެ. އެ މީހުންގެ ތެރެއިން އެއް ބައި މީހުން ވަޒީފާ ގެއްލުމުގެ ބިރަށް އެނބުރި ގައުމަށް ދާން ބޭނުންނުވާނެކަމަށް ވެސް ސުޖަން ވަނީ ބުނެފަ އެވެ.
މިދިޔަ ދެ މަސް ދުވަހު ސުޖަން އެންމެ އިންތިޒާރުކުރި ދުވަހަކީ އެނބުރި ގައުމަށް ދެވޭނެ ދުވަހަކަށެވެ. ނަސީބު ދިމާކުރި ގޮތުން މީގެ ދެ ދުވަސް ކުރިން ލަންކާ އަށް ދިޔަ ފްލައިޓެއްގައި އެނބުރި ގައުމަށް ދިއުމުގެ ފުރުސަތު ސުޖަން އަށް ލިބުނެވެ. ސުޖަން މިހާރު ހުރީ ލަންކާގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ބޭރު ގައުމުގެ މީހުންނަށް ހާއްސަ ކޮށްފައިވާ ކަރަންޓީނު ކޭމްޕްގަ އެވެ.
"މިހާރު އާމީ ކޭމްޕްގައި މިތިބީ ކަރަންޓީނުގައި. މިތަނުގައި 14 ދުވަސް ކަރަންޓީނު ފުރިހަމަފައި އާއިލާ ގާތަށް ދެވޭނީ. އަހަރެންނާ އެއް ފްލައިޓުން އައި މީހުންގެ ތެރެއިން އެންމެ މީހަކު ޕޮޒިޓިވްވިޔަސް އެ ދުވަހަކުން ފެށިގެން އަނެއްކާ 14 ދުވަސް ގުނަން ފަށާނެ. މިތަނުން އެނބުރި އާއިލާ ކައިރިއަށް ދެވުނަސް އަދިވެސް ޖެހޭ ގޭގައި 14 ދުވަސް ކަރަންޓީނުވާން،" ލަންކާގައި ހުރެ ސުޖަން "މިހާރަ"ށް ބުންޏެވެ.
ރާއްޖޭގައި ހޭދަވި މުއްދަތުގައި ކުރެވުނު ތަޖުރިބާ އަކީ ކޮވިޑް-19 އިން ސަލާމަތްވުމަށް ރާއްޖޭގައި މައުލޫމާތު ފޯރުކޮށްދެމުންދިޔަ މިންވަރު ރަނގަޅުވުންކަމަށް ސުޖަން ބުންޏެވެ. އަދި ލަންކާގެ ސަރުކާރުގެ އެއްބާރުލުމާ އެކު އެނބުރި ގައުމަށް ދެވޭގޮތް ފަހިވެގެންދިއުމަކީ ސުޖަން އަށް ކަރަންޓީނުގައި ހުންނައިރު ވެސް ލިބޭ އެންމެ ބޮޑު އުފަލެވެ.
ސުޖަންގެ އިތުރުން އީގަލްސް އަށް ކުޅޭ ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ) ވެސް ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ. އަދި ރެސްކިއު ފްލައިޓެއްގައި މާޒިޔާ އަށް ކުޅޭ އަފްގާނިސްތާންގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝަރީފް އާއި އޮވޭސް އަޒީޒީ ވެސް ވަނީ އެނބުރި ގޮސްފަ އެވެ. އެހެން ބިދޭސީ ކުޅުންތެރިން ވެސް ފުރުސަތު ލިބުނުހާ އަވަހަކަށް ފޮނުވާލަން އަންނަނީ މަސައްކަތްކުރަމުންނެވެ.
ލަންކާ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ސުޖަން އެންމެ ފުރަތަމަ ރާއްޖެ އައީ 2015 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން ގަވާއިދުން ކޮންމެ އަހަރެއްގައި އީގަލްސް އިން އޭނާ ރާއްޖެ ގެނެ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް ހޯދާފައިވާ ސުޖަން އަކީ އަހުލާގު ރަނގަޅު ކުޅުންތެރިޔެކެވެ. ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް (ސާފް ސުޒުކީ ކަޕް)ގައި ސުޖަން ވަނީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް މޮޅަށް ކުޅެފަ އެވެ.
އެކި ކުޅިވަރުތައް ކުޅެން ރާއްޖެ އަންނަ ލަންކާ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންނާއި ރާއްޖެއާ ދެމެދު ހާއްސަ ގާތްކަމެއް އުފެދެ އެވެ. ރާއްޖޭގެ ކުޅިވަރު ކުރިއެރުމުގައި ލަންކާގެ ހިއްސާ ވެސް ބޮޑެވެ. އެ ގޮތަށް ސުޖަން ކުރިއަރައިގެން ދިއުމުގައި ވެސް ރާއްޖޭގެ ހިއްސާ އޮތްކަން އަބަދުވެސް ހެޔޮހިތުން އޭނަ ގަބޫލުކުރެ އެވެ.
"ރާއްޖެ އަކީ އަހަރެންގެ ދެ ވަނަ ގެ. އަބަދުވެސް އެދެނީ ރާއްޖެ އަށް ބާއްޖަވެރިކަން،" ރާއްޖެއާ ބެހޭގޮތުން ޝުޖަންގެ ހިތުގައި އަބަދުވެސް އޮންނަ ޝުއޫރަކީ މި އެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1000 އިން މައްޗަށް އަރައިފަ އެވެ. ލަންކާ އިން މި ބަލި ޖެހުނު މީހުންގެ އަދަދު ރާއްޖެ އަށް ވުރެން މަދެވެ. އެންމެ ފަހުން އާންމުކުރި ރިޕޯޓްތަކުގައި ވާގޮތުން ލަންކާ މި ބައްޔަށް ޕޮޒިޓިވްވީ 935 މީހުންނެވެ.