ސެވިލް (ޖޫން 12) – ކޮވިޑް-19 ފެތުރެން ފެށުމުން މާޗު 10 ގައި މެދުކަނޑާލި ސްޕެނިޝް ލީގު، ރޭ އަލުން ފަށައި ކުޅުނު ފުރަތަމަ މެޗުން ރެއާލް ބެޓިސް އަތުން 2-0 އިން ސެވިއްޔާ މޮޅުވެއްޖެ އެވެ.

ސްޕެނިޝް ލީގަކީ، ހާލަތު ބަދަލުވާން ފެށުމާ އެކު ފެށި ޔޫރަޕުގެ ބޮޑު ދެ ވަނަ ލީގެވެ. ޖަރުމަން ލީގު ވަނީ މިދިޔަ މަހު ފަށައިފަ އެވެ. އިނގިރޭސި ލީގު ބުދަ ދުވަހު ފަށަން ނިންމާފައިވާއިރު އިޓާލިއަން ލީގު މި މަހު 20 ގައި ފަށާނެ އެވެ.

މިހާރުގެ އާއްމު އުސޫލުގެ މަތިން ރޭ ސްޕެނިޝް ލީގު ވެސް ފެށީ ސަޕޯޓަރުން ނުވައްދަ އެވެ. ސެވިލް އަށް ނިސްބަތްވާ ދެ ޓީމުގެ ޑާބީ މެޗު ރޭ އެހެންވެ ފެނިގެންދިޔައީ އެހެން ފަހަރުތަކާ ހިލާފަށް ފަޅުކޮށެވެ.

ސެވިއްޔާގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ކޯޗުން ވެސް ވަނީ އާ ގަވާއިދުގެ ދަށުން ފަސް ކުޅުންތެރިން ބަދަލުކޮށްފަ އެވެ. މެޗެއްގައި ތިން ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް އޮތްއޮތުން، ބަދަލުކޮށްފައިވަނީ ހާލަތަށް ބަލައި ވަގުތީ ގޮތުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދެ އެވެ. ސެވިއްޔާ އިން ލީޑު ނެގީ 56 ވަނަ މިނެޓުގައި އާޖެންޓީނާ ވިންގާ ލޫކަސް އޮކަމްޕޮސް ޕެނަލްޓީއަކުން ޖެހި ގޯލުންނެވެ. އަދި ސެވިއްޔާގެ ދެ ވަނަ ލަނޑު 62 ވަނަ މިނެޓުގައި ފެނާންޑޯ ޖެހީ ވެސް އޮކަމްޕޮސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މޮޅާ އެކު ސެވިއްޔާ އޮތީ 50 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އޮތީ 58 ޕޮއިންޓާ އެކު ބާސެލޯނާ އެވެ. އަދި ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ބެޓިސް އޮތީ 33 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.

ސްޕެނިޝް ލީގުގައި މިރޭ އޮންނާނީ ރާއްޖެ ގަޑިން 10:30 ގައި ގްރަނަޑާ އާއި ގެޓަފޭ ބައްދަލުކުރާ މެޗާއި މެންދަމު 1 ޖަހާއިރު ވެލެންސިއާ އާއި ލެވަންޓޭ ވާދަކުރާ މެޗެވެ. ބާސެލޯނާގެ ކުޅުން ފެންނާނީ މާދަމާރޭ 1 ޖަހާއިރު މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އަދި ރެއާލުގެ ފުރަތަމަ މެޗު އޮންނާނީ އާދީއްތަ ދުވަހުގެރޭ 22:30 ގައި އެއިބާއާ ދެކޮޅަށެވެ.