04 ޖުލައި 2020 - 12:19
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް ކުޅެދީފައިވާ 109 މެޗު ބަލައިގަނެ ފީފާ އިން އޭނާ، އެ އެސޯސިއޭޝަނުގެ ސެންޗަރީ ކްލަބުގައި ހިމަނައިފަ އެވެ.
އިމްރާނަކީ، 100 ނުވަތަ އެއަށް ވުރެ ގިނަ 'އޭ" ފެންވަރުގެ ބައިނަލްއަގްވާމީ މެޗު ގައުމީ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިން ލިސްޓްކުރެވޭ ފީފާ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ.
މިދިޔަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި އިމްރާނުގެ ނަން އިތުރުކޮށްފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ފީފާ އިން އާއްމުކުރި އަޕްޑޭޓެޑް ލިސްޓުގަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ޓްރެއިނަރުގެ މި ކާމިޔާބަށް، އެފްއޭއެމުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް 17 އަހަރު ބެލެހެއްޓި އިމްރާން، 39، ބުނީ ފީފާ ސެންޗަރީ ކްލަބުގައި ހިމެނުމަކީ ދިވެހި ފުޓްބޯޅަ އަށް އަދި އޭނާ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ދެކޭ ކަމަށާއި އޭނާ ދިން އެހީއާއި ތާއީދަށް އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ.
އިމްރާންގެ ރިޓަޔާމަންޓް މެޗުގައި ދަގަނޑޭ އޭނާ ގައިގައި ބައްދާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ލިސްޓުގައި ދެން ހިމެނޭ ދެކުނު އޭޝިއާގެ ކުޅުންތެރިޔަކީ، އިންޑިއާ ގައުމީ ޓީމަށް 115 މެޗު ކުޅެފައިވާ ފޯވާޑް ސުނިލް ޗެތުރީ އެވެ.
މި ލިސްޓަށް އެރުމާ އެންމެ ގާތުގައި ހުރި ދިވެހި ކުޅުންތެރިޔަކީ ގައުމީ ޓީމަށް 80 މެޗު ކުޅެދީފައިވާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ގައުމީ ޓީމުން 2018 ވަނަ އަހަރުގެ މާޗު މަހު އޭނާ ސަސްޕެންޑްކޮށް އޭގެ ފަހުން ފުރުސަތު ނުދީ ދޮޅު އަހަރެއްހާ ދުވަސްވުމުން، މެޗުތަކެއް ގެއްލުނެވެ. އެކަމަކު އަދި ވެސް އޭނާ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
މިއީ ކަނޑައެޅިފައިވާ އަދަދަށް މެޗު ކުޅެފައިވާ ކޮންމެ ކުޅުންތެރިޔަކު ވެސް، ވަކި ތަރުތީބެއް ނެތި ހިމެނޭ ލިސްޓެކެވެ. މީގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔަކީ 184 މެޗު ކުޅެފައިވާ މިސްރުގެ އަހުމަދު ހަސަން އެވެ.
ޖިއަންލުއިޖީ ބުފޮން (އިޓަލީ) – 176 މެޗު
ސާޖިއޯ ރާމޯސް (ސްޕެއިން) – 170 މެޗު
އިކާ ކަސިޔަސް (ސްޕެއިން) 167 މެޗު
ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) – 164 މެޗު
ހަވިއޭ ޒެނެއްޓީ (އާޖެންޓީނާ) - 143 މެޗު
ލިއޮނަލް މެސީ (އާޖެންޓީނާ) - 138 މެޗު
މިރޮސްލާވް ކްލޯސާ (ޖަރުމަން) – 137 މެޗު
ފަބިއޯ ކަނަވާރޯ (އިޓަލީ) - 136 މެޗު
ޒަވީ ހެނާންޑޭޒް (ސްޕެއިން) - 133 މެޗު
ޕައޮލޯ މަލްޑިނީ (އިޓަލީ) 126 މެޗު
ޒަލަޓާން އިބްރަހިމޮވިޗް (ސްވިޑަން) - 116 މެޗު
ޑޭވިޑް ބެކަމް (އިންގްލެންޑް) – 115 މެޗު
ޒައިނުއްދީން ޒިދާން (ފްރާންސް) – 108 މެޗު
ފީފާ އިން ބަލައިގަންނަ މެޗުތަކަކީ ވޯލްޑް ކަޕާއި އެ މުބާރާތުގެ ކޮލިފައިން އާއި ސަރަހައްދީ މުބާރާތްތަކާއި އޭގެ ކޮލިފައިން އާއި ސީނިއާ ގައުމީ ޓީމުތަކުގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ މެޗުތަކާއި އޮލިމްޕިކްސް އާއި އޭގެ ކޮލިފައިން މެޗުތަކެވެ.
ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން މިދިޔަ އަހަރު ގައުމީ އިނާމް ހާސިލްކުރި އިމްރާން 1999 ވަނަ އަހަރު ކެރިއަރު ފަށައި އެންމެ ފުރަތަމަ ވެސް ފާހަގަކުރެވުނީ 2000 ވަނަ އަހަރު ގައުމީ ޓީމުންނެވެ. އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި، އެ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ސީރިއާ އާއި ރާއްޖެ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަދި އެ އަހަރު މާލޭގައި އޮތް ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ރާއްޖެ ހޯދިއިރު އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.
ގައުމީ ޓީމަށް 2003، 2005، 2008، 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެ އިމްރަން ވަނީ 2008 ވަނަ އަހަރު ރާއްޖެ އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އަދި 2003 އާއި 2009 ގައި ދެ ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރު ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ކުޅެފައިވާތީ އޭނާ ވެފައި ވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަށެވެ.
އިމްރާނަށް 2000 ވަނަ އަހަރު ސީރިއާ މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމް ދެނީ.
އިމްރާން ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ. އޭނާ ވަނީ ގައުމީ ޓީމުގެ ވައިސް ކެޕްޓަންކޮށް އަދި 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.
އީގަލްސް އިން ފެށި ކްލަބް ކެރިއަރުގައި ވިކްޓްރީ، ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، މާޒިޔާ އަށް ކުޅުނު އިމްރާން މިހާރު ކުޅެނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. މީގެ ތެރެއިން އެންމެ ކާމިޔާބީ ވިކްޓްރީ އާއި ނިއުގައި ހޭދަކުރި ދުވަސްތަކެވެ. ވިކްޓްރީއާ އެކު 2002 ވަނަ އަހަރު ގައުމީ ތަށި މިލްކުކުރިއިރު 2014 ވަނަ އަހަރު ނިއުއާ އެކު ވެސް އެ ޝަރަފް ހޯދި އެވެ. އަދި ނިއު އިން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ. އެ އަހަރު އޭނާ ގޯލުގައި ހުރެ ލަނޑެއް ޖަހައި ހާއްސަ ޝަރަފެއް ވެސް ހޯދި އެވެ.
އިމްރާން ގައުމީ ޓީމަށް 100 މެޗު ކުޅެދިނުމުން އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ގެ ދައުރުގައި ވަނީ އެކަމުގެ އަގުވަޒަންކޮށްފަ އެވެ. އަދި ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ވަނީ އިމްރާން ގައުމީ ޓީމަށް ހުއްޓާލުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއާ ގުޅިގެން 2018 ވަނަ ހާއްސަ މެޗެއް ބާއްވައިފަ އެވެ. އިމްރާން ބޭނުން ކުޅުންތެރިން ހިމަނައިގެން ކުޅުނު ޓީމަކާ ދެކޮޅަށް އެ މެޗުގައި އަނެއްކޮޅުން ނުކުތީ އެފްއޭއެމްގެ ޓީމެކެވެ. ޓީމަށް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޑެންމާކުގެ ޕީޓާ ޝުމައިކަލް އަދި ސްޕެއިނުގެ މިޝޭލް ސަލްގާޑޯ ވެސް ކުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންބަނޑާ
04 July 2020
ކިހާ ސަޅި ، މިގޮތައް ދިވެހި ބާސްކެޓް ގަ ކުޅުން ތެރިނަ ގެ އަގުވަޒަން ކުރާނަ މަ ، އަ މިއްލަ އެދު މައިގެން ނޫޅެ
ރަދީފްްއޮފިޝިއަލް
04 July 2020
މަރުހަބާ މައި ނަމްބަރ ވަން ފޭން
އިންމާ
04 July 2020
އިމްރާން ދިވެހި ގައުމީޓީމަށް 109 މެޗު ކުޅެފައިވަނީ 17 އަހަރުގެ މުއްދަތެއްގަ. އެއީ އެމުއްދަތުގަ މަދުމެޗެއް ފިޔަވާ އެހެންހުރިހާ މެޗެއް ކުޅުމަށްފަހު. މިލިސްޓްގަ އެބަތިބި 10 އަހަރަށްވުރެ މަދު ދުވަސްވަރަކަށް ކުޅެފަ 109 މެޗު ހަމަކޮށްފަހުރި މީހުންވެސް. މިކަމުން އެނގޭކަމަކީ ގައުމީޓީމަށް މެޗުކުޅުމުގެ ފުރުސަތު އަދިވެސް ވަރަށް މަދުކަން. ހަގީގަތުގަ ކުޅެންޖެހޭވަރަށް ފުރުސަތު ލިބުނުނަމަ އިމްރާން 200 މެޗާއި ގާތްކުރާނެ.
ހާމަ333
04 July 2020
ޕީޓަރ ޝުމައިކަލް އެމެޗުގައި ކުޅުނުތަ? އަހަރެން ނުދެކެން ކުޅުނުތަނެއް...އިމްރާނަށް މަރްހަބާ...އެފަދަ ކުޅުންތެރިން އުފެދޭނީ ލީގު އަތޮޅުތެރެއަށް ފުޅާކޮށްގެން
ފުންއަސަރު
04 July 2020
މަރްހަބާ އިމްރާން! ވަރަށް ވަރަށް އުފާވެއްޖެ ތިފަދަ މަގާމަކަށް ދަތުރު ކުރެވުނީމަ!
ނިއުމާ
04 July 2020
މަގޭ 1 ވަނަ ފެވަރިޓް ކްލަބް ރެއާލްގެ ރާމޯސް (ޕެނަލްޓީ) ލިސްޓްގެ 2 ވަނަ މަގާމްގަ އޮތުން އެއީ ލިބޭ އުފަލެއް.
ރަދީފްްއޮފިޝިއަލް
04 July 2020
ސޮރީ ނުބައި އެކައުންޓަކުން ލޮގިން ވެގެން ކޮމެންޓް ކޮށްލެވުނީ.. ހެހެހެ