ދިވެހި ޕްރިމިއާ ލީގު: ތިން ވަނަ ބުރުގައި އަށް ޓީމު ކުޅޭނެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުރިއަށް އޮތް ސީޒަން ރާވާފައިވަނީ މުބާރާތުގައި ވާދަކުރާ އަށް ޓީމު ވެސް ތިން ވަނަ ބުރު ކުޅޭ ގޮތަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.


މިދިޔަ ސީޒަނުގައި ގަވާއިދުގައި އޮތީ ތިން ވަނަ ބުރުގައި ކުޅޭނީ ނުވަ ޓީމުގެ މެދުގައި ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމު ކަމަށެވެ. އެކަމަކު ތިން ވަނަ ބުރު ކުޅުނީ ހަ ޓީމާ އެކު އެވެ. އެއީ ގައުމީ ޓީމަށް ވަގުތު ދިނުމަށާއި އެހެނިހެން ކަންކަމަށް ނެގި ބްރޭކްތަކުގެ ސަބަބުން ސީޒަން ދިގުލައި ގޮސްފައިވާތީ އެވެ. ލީގުގެ ފަހު ބުރަށް ވާނެ ގޮތެއް ނޭނގޭތީ އޭރު ގިނަ ޓީމުތަކެއްގެ ކޯޗުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް އިސްމާއިލް ރިޔާޒް ވިދާޅުވީ މިހާރު ރާވާފައިވަނީ ލީގުގެ އަށް ޓީމު ވެސް ތިން ބުރުގައި ކުޅޭ ގޮތަށް ކަމަށެވެ.

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމަކީ މާޒިޔާ، ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ފުރަަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތީ މާލީ މައްސަލަތަކާ އެހެނިހެން ގިނަ ކަންތައްތައް ފުރިހަމަނުވާތީ ސަސްޕެންޑްކޮށްފަ އެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް ސީޒަނުގައި ހަމައެކަނި ކުޅެފައިވަނީ ލީގު އެކަނި ކަމަށްވާތީ ބައެއް ކުޅުންތެރިންނާއި ކްލަބްތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެފްއޭއެމުން މި ސީޒަނަށް ކަލަންޑަރު ރާވާލާނީ ސީޒަންގެ ހުރިހާ މުބާރާތެއް ވެސް ބޭއްވޭ ގޮތަށް ކަަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. ރިޔާޒް ވިދާޅުވީ ލީގަށް ފަހު މި ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށްގެންދާ ގޮތަށް މިހާރު ކަލަންޑަރުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

މި އަހަރުގެ ސީޒަން ފަށަން އެފްއޭއެމުން އެންމެ ފުރަތަމަ މަސައްކަތްކުރީ ޖޫން މަހު އެވެ. އެކަމަކު ކޮވިޑް-19 ފެތުރިފައިވާތީ މުބާރާތް ފެށުން ޖެހުނީ ފަސްކުރާށެވެ. ސީޒަން ފަށަން ސިއްހީ މާހިރުންގެ ހުއްދަ ހޯދުމުގައި ދިމާވި ލަސްތަކާއި އެހެނިހެން ކަންކަން ފުރިހަމަކުރަން ނެގި ވަގުތުތަކާ އެކި ސަބަބުތަކާ ހުރެ އެންމެ ފަހުން ސީޒަން ފަށަން ލިބުނު ތާރީހަކީ އަންނަ މަހު އަށް ވަނަ ދުވަހެވެ. އެ ދުވަހު ކުޅޭނީ މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗެވެ.

އެފްއޭއެމް އިން ލީގު ފަށަން ނިންމާފައިވަނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ. ކްލަބްތަކުގެ ޕްރީ ސީޒަން ކުރިއަށްގެންދަން ފަސޭހަ އަކަށް ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން 13 ވަނަ ދުވަހު ދެ މެޗު އަދި 14 ވަނަ ދުވަހު ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ ދުވަހު މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ މެޗާއި ސަސް އާއި އީގަލްސް ބައްދަލުކުރާ މެޗު ކުޅޭ ގޮތަށް އޮތްއިރު، ދެ ވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ކުޅޭނީ ޓީސީ އާއި ދަ ގްރާންޑޭ އެެވެ. އަދި ދެ ވަނަ ދުވަހުގެ ފަހު މެޗުގައި ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.