ބާސެލޯނާ މެޗެއްގެ ތެރެއިން ކޫމަން (ކ) އާއި މެސީ.-- ފޮޓޯ: އޭއެފްޕީ
13 ޖެނުއަރީ 2021 - 09:50
ބާސެލޯނާ (ޖެނުއަރީ 13) - ބާސެލޯނާގެ ކޯޗުގެ މަގާމުގައި ދެމިހުންނަން ކުރަންޖެހޭނެ އެންމެ މުހިއްމު ކަމަކީ އެ ޓީމަށް މުބާރާތްތައް ކާމިޔާބުކޮށްދިނުން ކަމަށާއި އެކަން ނުކުރެވޭނެމަަ މަގާމު ދިފާއުކުރެވޭނެ ކަމަށް ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ކަޕުގެ ފުރަތަމަ ސެމީ ފައިނަލުގައި ބާސެލޯނާ މިރޭ ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޫމަން ބުނީ ބާސެލޯނާ އިން އަބަދުވެސް އިސްކަންދޭންޖެހޭނީ މުބާރާތް ކާމިޔާބުކުރަން ކަމަށާއި އެ ގޮތުން މިހާލަތަށް ބަލާއިރު ވެސް އެކަން މުހިއްމު ކަމަށެވެ.
"މި ވަގުތަށް ތަށްޓެއް ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އަހަރެމެން ރަނގަޅު މިސްރާބެއްގައި އޮތްކަން ސާބިތުކޮށްދިނުން. އަނެއްކޮޅުން މިހާރު މި ޓީމުގެ ކޮންފިޑެންސަށް ވެސް ވަރަށް މުހިއްމު ތަށްޓެއް ހޯދުން،" ކޫމަން ބުންޏެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާގެ ކޯޗުކަމުން އާނެސްޓޯ ވަލްވޭޑޭ ވަކިކުރީ ސުޕަ ކަޕްގެ ނާކާމިޔާބީ އަށް ފަހު އެވެ. ދެން ހަވާލުވި ކީކޭ ސެޓިއެން ވަކިކުރި ޗެމްޕިއަންސް ލީގުން ކަޓައި ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުންނެވެ.
"އަހަންނަށް އެނގޭ މި ކްލަބްގެ ޑިމާންޑްތައް ހުންނާނެކަން. ތަށި ނުހޯދައި ބާސެލޯނާގައި ނުހުރެވޭނެ. މި މަގާމު ދެމެހެއްޓޭނީ ކާމިޔާބު ހޯދައިގެން،" ކުރިން ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން ކޫމަން ބުންޏެވެ.
އެންމެ ފަހުން ކުޅުނު މެޗުތަކުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ކަމަށާއި އެހެން ނަމަވެސް އެއީ މެޗުތަކެއް ގެއްލޭނެވަރުގެ އިންޖަރީތަކެއް ނޫން ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.
ކޫމަން ބުނީ ފަހަކަށް އައިސް މެސީ ދައްކަމުން އަންނަ ކުޅުމާ އެކު މުޅި ޓީމުގެ ރޫހު ވެސް ރަނގަޅުވެފައިވާ ކަމަށެވެ.
ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި ބާސެލޯނާ އާއި ސޮސިއެޑާޑް މިރޭ ކުޅޭއިރު، ދެ ވަނަ ސެމީގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ނުކުންނާނީ ބިލްބާއޯއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ. ސްޕެނިޝް ސުޕަ ކަޕް މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި ކުޅުނު ނަމަވެސް އެ ގައުމުގައި ސަޕޯޓަރުން ވައްދައިގެން ކުޅެވޭނެ މާހައުލެއް ނެތުމުންނާއި ދަތުރުފަތުރުކޮށްގެން މި ވަގުތު މެޗުތައް ކުޅެން ކްލަބްތަކުން ނޭދޭތީ މި ފަހަރުގެ ސްޕެނިޝް ސުޕަ ކަޕްގެ މެޗުތައް ކުޅޭނީ ސްޕެއިނުގަ އެވެ. މި ފަހަރުގެ ސުޕަ ކަޕްގައި ކުޅެނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ރެއާލް މެޑްރިޑާއި ރަނަރަޕް ބާސެލޯނާގެ އިތުރުން މިދިޔަ ފަހަރުގެ ކޮޕަ ޑެލް ރޭ ފައިނަލުން ފުރުސަތު ހޯދި ރެއާލް ސޮސިއެޑާޑާއި އެތުލެޓިކް ބިލްބާއޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy