ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލަންޖެހި، ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށަން މިހާތަނަށް ކުރި މަސައްކަތުގައި އެކަށީގެންވާ ޖަވާބެއް ނުލިބޭތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި، ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ހުއްޓިފައި މި އޮތް މުއްދަތުގެ ސަބަބުން ކުޅުންތެރިންނަށް ވާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ވަނީ އެދިފަ އެވެ.

އެޗްޕީއޭގެ އެންގުމަށް ފުރަތަމަ ޑިވިޝަން ކުޅުން ހުއްޓާލަން ޖެހުނީ މި މަހު ތިން ވަނަ ދުވަހު އެވެ. ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާރާތަކަށް ވާއިރު އެ މުބާރާތަށް ފުރުސަތު ދޭން ފުޓްބޯޅަ ކްލަބްތަކުގެ އިތުރުން ކުޅުންތެރިން ވަނީ އެޗްޕީއޭގައި އެދިފަ އެވެ. އެކަމަކު ހުކުރު ދުވަހު އެޗްޕީއޭ އިން އާންމުކުރި އާ އުސޫލުތަކުގެ ތެރެއިން ވެސް ދިވެހި ލީގު ފެށޭނެ ލުޔެއް ނުލިބުނެވެ. ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ބުނީ އަދި ލީގު ފަށަން ހުއްދަ ދެވެން ނެތް ކަމަށެވެ.

މިދިޔަ އަހަރު ކޮވިޑް-19ގެ ނުރައްކާ އެންމެ ފުރަތަމަ ރާއްޖެ އަށް ބޮޑުވާން ފެށުމުން މިދިޔަ ސީޒަން ވަނީ އަވަހަށް ނިންމާލައިފަ އެވެ. އެއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. މި ސީޒަން އެންމެ ފުރަތަމަ ޖޫން މަހު ފަށަން ތާވަލުކުރި ނަމަވެސް ފެށޭގޮތްވީ ޑިސެމްބަރު މަހުގަ އެވެ. އޮކްޓޫބަރު މަހު ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ޕްރެކްޓިސް ކުރަން ފުރުސަތު ލިބުނީ ފުޓްބޯޅަ ފަށަން އެޗްޕީއޭގެ ހުއްދަ ނުލިބޭތީ ކަންބޮޑުވުންތައް ހިފައިގެން ފުޓްބޯޅަ ކޯޗުން ރައީސްއާ ބައްދަލުކުރަން މަސައްކަތް ފަށާފައިވަނިކޮށެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު 30 ވަނަ ދުވަހު މާލޭގައި ރާއްޖޭގެ ގައުމީ ޓީމުން ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު ވަނީ ޝެޑިއުލްކޮށްފަ އެވެ. ލީގު މި ގޮތަށް މެދުކަނޑާލާފައި އޮތުމުން އެ މެޗަށް ތައްޔާރުވާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަސަރުކުރާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ވެސް ވަނީ ބުނެފަ އެވެ.

އަލުން ފުޓްބޯޅަ ކުޅެން ފެށިތާ ހަތަރު މަސް ވެސް ނުވަނީސް ލީގު ހުއްޓާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އަށް ވެސް ގޯސް އަސަރުކުރާނެ ކަމަށް ފުރަތަމަ ޑިވިޝަނުގެ ކޯޗުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އަކީ މި ވަގުތު ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ވިސްނައިގެން ދޫކޮށްލެވޭނެ ކަމަކަށް ވުރެން ބޮޑަށް މީހުންގެ ދިިރިއުޅުމަށް އާމްދަނީ ހޯދަން ކުރާ މަސައްކަތެއް ކަމަށް ބަލަންޖެހޭ ކަމަށާއި އެ ގޮތަށް ބަލާއިރު ފުޓްބޯޅަ ކުރިއަށްދާން ގޮތެއް ހޯދައިދޭން ޖެހޭނެ ކަމަށް ކްލަބްތަކުން ގަބޫލުކުރެ އެވެ.