މަޝްހޫރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް.-- ފޮޓޯ: އޭއެފްޕީ
25 ފެބުރުއަރީ 2021 - 10:42
ލޮސް އެންޖެލެސް (ފެބްރުއަރީ 25) - މިދިޔަ އަންގާރަ ދުވަހު ހިނގި ކާރު އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވި އެމެރިކާގެ ގޮލްފް ލެޖެންޑް ޓައިގާ ވުޑްސްގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އެކަމަކު ދެން އޭނާ އަށް އެންމެ މަތީ ލެވަލްގައި ގޮލްފް ނުކުޅެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 45 އަހަރުގެ ވުޑްސް އެކަނި ދުއްވި ކާރު އެކްސިޑެންޓުވެ، އެންމެ ބޮޑަށް އަނިޔާވެފައިވަނީ އޭނާގެ ކަނާތު ފަޔަށެވެ. އިއްޔެ ވަނީ ވުޑްސްގެ އެ ފައިގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.
މީގެ ކުރިން ވެސް ވުޑްސް ވަނީ ތިން އެކްސިޑެންޓެއް ވެފަ އެވެ. އެ ފަހަރުތަކުގައި އޭނާގެ މައްޗަށް އެކި ދައުވާތައް ކޮށްފައިވެ އެވެ. އެކަމަކު ލޮސް އެންޖެލްސް ފުލުހުން ބުނީ މި ފަހަރުގެ އެކްސިޑެންޓުގައި ވުޑްސްއާ ދެކޮޅަށް ކުރެވޭނެ ބޮޑު ދައުވާތަކެއް ފެނިފައިނުވާ ކަމަށެވެ.
ޓައިގާ ވުޑްސްގެ ކާރު އެކްސިޑެންޓްވެފައި.-- ފޮޓޯ: އޭއެފްޕީ
ރިޕޯޓްތައް ބުނާ ގޮތުން ވުޑްސް އަށް އަލުން އެނބުރި ކުޅުމަށް އާދެވޭނެކަން އެނގޭނީ ފަޔަށް ލިބިފައިވާ އަނިޔާ އިން ރިކަވާވެވޭ މިންވަރަށް ބެލުމަށް ފަހު އެވެ. މީގެ ކުރިން ވެސް ވުޑްސް ވަނީ އޭނާގެ ކަނާތު ފަޔަށް ލިބިފައިވާ އަނިޔާތަކުން ރަނގަޅުވާން ތިން އޮޕަރޭޝަނެއް ކޮށްފަ އެވެ. ބުރަކަށީގެ އޮޕަރޭޝަންތަކެއް 2014 އިން 2017 އާ ދެމެދުގައި ކުރި ވުޑްސް 2019 ވަނަ އަހަރު ވަނީ ގޮލްފްގެ މާސްޓާސް ކާމިޔާބުކޮށްފަ އެވެ. މިއީ 2008 ވަނަ އަހަރަށް ފަހު އޭނާގެ ފުރަތަމަ މާސްޓާސް އެވެ.
މި ފަހަރުގެ އެކްސިޑެންޓްގައި ވުޑްސް އަށް މި ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ދެން އެނބުރި އައިސް އެންމެ މަތީ ލެވަލްގައި ގޮލްފް ކުޅުން ވާނީ ވަރަށް ބޮޑު އުނދަގުލަކަށް ކަމަށް ގޮލްފްގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy