25 އެޕްރީލް 2021 - 08:25
ފެބްރުއަރީ މަހު އެކްސިޑެންޓުވި އެމެރިކާގެ ގޯލްފް ތަރި ޓައިގާ ވުޑްސް އަސާގެ އެހީގައި ހިނގަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ދައްކާލައިފި އެވެ.
ފެބްރުއަރީ މަހުގެ 23 ގައި ހިނގި ކާރު އެކްސިޑެންޓްގައި، އުމުރުން 45 އަހަރުގެ ވުޑްސް އަށް އެންމެ ބޮޑަށް އަނިޔާވީ ކަނާތު ފަޔަށެވެ. އެ ފައިގެ އޮޕަރޭޝަނަކަށް ފަހު، މިހާރު ވުޑްސް ވަނީ ތެދުވެ ހިނގަން ފަށައިފަ އެވެ.
މިއީ އެކްސިޑަންޓްވި ފަހުން ފޭނުންނަށް އަމިއްލަ އަށް ވުޑްސް ޚަބަރެއްވި ފުރަތަމަ ފަހަރެވެ. ޕެޓް ކުއްތާ ވެސް ކައިރީގައި ހުއްޓިގެން އިންނަ މަންޒަރު ފެންނަ ފޮޓޯއާ އެކު ބުނީ އޭނާ އަވަހަށް ރަނގަޅުވަމުން އައުމުގެ އެއް ސިއްރަކީ ވެސް ކުއްތާ ކަމަށެވެ.
ވުޑްސް ކުރިން ވެސް ތިން އެކްސިޑެންޓެއް ވި އެވެ. އެ އެކްސިޑެންޓްތަކާ ގުޅިގެން އޭނާގެ މައްޗަށް އެކި ދައުވާތައް ވެސް ކުރި އެވެ. އެކަމަކު ލޮސް އެންޖެލްސް ފުލުހުން ބުނީ މި ފަހަރު އެކަނި ދުއްވި ކާރު އެކްސިޑެންޓްވި ހާދިސާއާ ގުޅިގެން ވުޑްސްއާ ދެކޮޅަށް ކުރެވޭނެ ބޮޑު ދައުވާތަކެއް ނެތް ކަމަށެވެ.
މި ފަހަރުގެ އެކްސިޑެންޓްގައި ވެސް ކަނާތު ފަޔަށް ގެއްލުންވި އިރު، މީގެ ކުރިން ވެސް އޭނާގެ ކަނާތު ފަޔަށް ލިބިފައިވާ އަނިޔާތަކުން ރަނގަޅުވާން ތިން އޮޕަރޭޝަނެއް ކޮށްފައިވެ އެވެ. އަދި ބުރަކަށީގެ އޮޕަރޭޝަންތަކެއް 2014 އިން 2017 އާ ދެމެދުކޮށްފައިވެ އެވެ.
މި ފަހަރުގެ އެކްސިޑެންޓްގައި ވުޑްސް އަށް މި ލިބުނު އަނިޔާގެ ސަބަބުން ވުޑްސް އަށް ދެން އެނބުރި އައިސް އެންމެ މަތީ ލެވަލްގައި ގޮލްފް ކުޅުން ވާނީ ވަރަށް ބޮޑު އުނދަގުލަކަށް ކަމަށް ގޮލްފްގެ ތަޖުރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy