ބޮލީވުޑްގެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ.
04 މެއި 2022 - 09:30
ބޮލީވުޑްގެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އަށް އެކްސިޑެންޓެއްގައި އަނިޔާވެއްޖެ އެވެ. ތަނުޝްރީ، އޭނާގެ އިންސްޓަގްރާމުގައި ބުނެފައިވާ ގޮތުގައި އެކްސިޑެންޓުވީ އޭނާގެ ކާރުގެ ބްރޭކް ފެއިލްވެގެންނެވެ.
އެ ހާދިސާގައި އޭނާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ފޮޓޯތައް ވެސް ހިއްސާކުރި އެވެ. އަދި ސަމާސާ ކޮށްލުމުގެ ގޮތުން އޭނާ ބުނީ، ފައިގެ ތަނެއް ބިންދައިގެން ނުދިޔައީ ތަންކޮޅެއް ފަލަވެ މަސް ގިނަވުމުގެ ސަބަބުން ކަމަށެވެ.
މިއީ އޭނާގެ ހަޔާތުގައި ދިމާވި ފުރަތަމަ އެކްސިޑެންޓް ކަމަށް ވެސް ބުންޏެވެ.
ތަނުޝްރީ ބޮލީވުޑުން ގެއްލުނީ މާ ރަނގަޅު ފުރުސަތުތަކެއް ނުލިބި މީގެ 11 ވަރަކަށް އަހަރު ކުރިންނެވެ. އަދި 2004 ގެ މިސް އިންޑިއާ ކަން ވެސް ހޯދި ތަނުޝްރީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ "އެޕާޓްމަންޓް" އެވެ. އޭނާ ބޮލީވުޑަށް ނުކުތީ ފިލްމު "އާޝިގް ބަނާޔާ އާޕްނޭ" އިން އިމްރާން ހާޝިމީއާ އެކު 2005 ގަ އެވެ. އޭގެ ފަހުން ތަނުޝްރީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޗޮކްލެޓް: ޑީޕް ޑާކް ސީކްރެޓް"، "ދޯލް" އަދި "ގުޑް ބޯއި، ބޭޑް ބޯއި" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy