ޓައިގާ ވުޑްސް ޝިކާގޯގައި ގޯލްފް ކޯސްތަކެއް ތަރައްގީކުރަނީ

ގޮލްފް ކުޅެން ޝައުގުވެރިވާ އެންމެންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ޝިކާކޯގައި ގޮލްފް ކޯސްތަކެއް ތަރައްގީކުރަން، މަޝްހޫރު ގޯލްފް ތަރި ޓައިގާ ވުޑްސް ނިންމައިފި އެވެ.


މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ކާމިޔާބު ގޯލްފް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވުޑްސް، 43، ގެ ޓީޖީއާރް ޑިޒައިންގެ ފަރާތުންނެވެ. އެގޮތުން ޝިކާގޯގެ ދެ ސަރަހެއްގައި ގޯލްފް ކޯސްތަކެއް ހަދަން ވަނީ ނިންމައިފަ އެވެ.

މީގެ ތެރެއިން އެކަތި ހާއްސަ ވާނީ އާއިލާތަކަށް ގޮލްފް ކުޅެވޭ ކަހަލަ ތަނަކަށެވެ. އަދި އަނެއް ގޮލްފް ކޯހަކީ ޕްރޮފެޝަނަލްކޮށް، ގޯލްފް ކުޅެން ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން 18-ހޯލްއާ އެކު ތަރައްގީ ކުރާ ހުރިހާ ވަސީލަތްތައް އެކުލެވޭ ފުރިހަމަ ގޯލްފް ކޯހަކަށެވެ.

މި މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، މިކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ވެސް ޝިކާކޯ ޕާކް ޑިސްޓްރިކްޓްގެ ކަމިޝާޒް ބޯޑުން މިދިޔަ މަހުގެ ތެރޭގައި ވަނީ ދީފަ އެވެ.

މިކަމާ ބެހޭ ގޮތުން ޝިކާގޯގެ ޕާކްސް ގޮލްފް އެލައިންސަށް ދިން އިންޓަވިއުއްގައި ޓައިގާ ބުނީ އަމާޒަކީ ހުރިހާ އެންމެނަށް ވެސް ގޮލްފް ކުޅުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

ޓައިގާގެ އިންޓަވިއު.

އޭނާ ފާހަގަކުރި ގޮތުގައި މި ފުރުސަތު ފަހިކޮށް ދީފި ނަމަ، ކުރިއަށް އޮތް ތަނުގައި މޮޅެތި ކުޅުންތެރިންތަކެއް ފަސޭހައިން އުފެދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

"މިހާރު ކޮންމެވެސް ގޮލްފް ކުލަބަކާ ގުޅިގެން މި ކުޅިވަރު ދަސްކުރެވެން ވެސް އޮތީ. އެކަމަކު ހުރިހާ އެންމެންނަށް ވެސް ހުޅުވާލެވިފައި އޮންނަ ފުރުސަތެއްގެ ތެރެއިން ގޯލްފް ކުޅުމުގެ ތަމްރީނުތަކެއް ލިބޭ ގޮތްވެއްޖެ ނަމަ އެއީ ގިނަ ކުޅުންތެރިން އުފެދުމަށް ވެސް ބާރަކަށް ވާނެ،" 14 ފަހަރަށް ގޯލްފް ޗެމްޕިއަންކަން ހޯދާފައިވާ ވުޑްސް ބުންޏެވެ.