ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ޓީސީ ބަލިކޮށް ސަސް ހަ ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސަސް ކުޅުނު މެޗެއްގެ ތެރެއިން އައިހަމް ބޯޅަ ފޮނުވާލަނީ: މިރޭގެ މެޗުގައި ސަސް މޮޅުކޮށްދިން ގޯލު ޖެހީ އައިހަމް.-- ފޮޓޯ: މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 އިން ކުރިހޯދައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގުގެ ހަ ވަނަ އަށް ޖެހިލައިފި އެވެ.

މިއީ ސަސްގެ ކޯޗުކަމާ މިދިޔަ ޖެނުއަރީ މަހު މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މޯހަން ހަވާލުވެ ސަސް ކުޅުނު ފުރަތަމަ ތިން މެޗުން މޮޅެއް ނުލިބެ އެވެ. މީގެ ކުރިން ސަސް މޮޅުވި ހަމައެކަނި މެޗަކީ ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުންނެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މޯހަން އެވެ. ލީގުގައި ހޯދި ދެ ވަނަ މޮޅާ އެކު ސަސް ހަ ވަނަ އަށް އެރީ 10 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

ސަސްގެ ކޯޗު މޯހަން ބުނީ ބޭނުންވި ވަރުގެ ކުޅުމެއް ނުދެއްކުނު ކަމުގައި ވިޔަސް މި މެޗުން ލިބުނު ތިން ޕޮއިންޓް މި ވަގުތަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށެވެ.

"ބޭނުންވި ފެންވަރަށް ނުކުޅެވުނު ކަމުގައި ވިޔަސް މިއަދު ހަގީގަތުގައި ތިން ޕޮއިންޓް ވަރަށް މުހިއްމު ދުވަހަކަށް ވެގެން އަަރައިތިބީ އެ ޕްރެޝަރު ވެސް ވަރަށް ބޮޑަށް އިން. ފުރަތަމަ 10 މިނިޓަށް ފަހު އެކަން ވަރަށް ބޮޑަށް ފެނިގެން ވެސް ދިޔަ. ދެން ގޯލު ޖެހި ފަހުން އަނެއްކާ އެކަން ފެނިގެންދިޔަ. ލިބުނު ޗާންސްތައް ފުރަތަމަ ގޯލަކަށް ހަދާލެވުނުނަމަ ވަރަށް ހިތްހަމަޖެހުނިސް. އެކަމަކު ޖުމްލަކޮށް މި މޮޅަށް ހިތްހަމަޖެހޭ،" މޯހަން ބުންޏެވެ.

ސަސް އިން ވަނީ އީގަލްސް އަތުން ބަލިވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްވިޑަންގެ ފޯވާޑް ޝްކޮޑްރަން މަހޯލީ އަށް މިރޭގެ މެޗުން ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އަނެއްކޮޅުން މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ސަސްއާ ގުޅުނު މުޖުތާޒް މުހައްމަދު (މުޖޭ) ވަނީ ސަސް ޖޯޒީގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުމެފަ އެވެ. ޓީސީން މެޗު ފެށީ ޓްރާންސްފާ މާކެޓްގައި ސޮއިކުރި ޓްރިންޑާޑް އެންޑް ޓޮބޭގޯ ފޯވާޑް ސެމިއުލް ކޯޑެލް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެދު ތެރޭގައި ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި ދެ ޓީމުން ވެސް ދިޔައީ ލިބޭ ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބެން ފެށީ ފުރަތަމަ 20 މިނިޓަށް ފަހު އެވެ.

ފުރަތަމަ ފުރުސަތު ލިބުނީ މެޗުގެ 26 ވަނަ މިނިޓްގައި ސަސް އަށެވެ. ޖާގަ ހުސްކޮށްލާފައި މަހޯލީ އޭރިއާތެރެއިން އެ ޓީމުގެ އަހުމަދު ހަމީދު (އައްމަޑޭ) އަށް ދިން ބޯޅަ އޭރިއާތެރޭގައި ހުސްކޮށްހުރި އެ ޓީމުގެ މޮރޮކޯ މިޑްފީލްޑަރު އަޖްނާނޭ މުހައްމަދަށް ދޭން މަސައްކަތްކުރި ނަމަވެސް ޓީސީ ޑިފެންޑަރުން ވަނީ އެ އެޓޭކް ހުއްޓުވައިފަ އެވެ.

ޓީސީގެ ސެއިން ވިންސެންޓް ފޯވާޑް މެލްކޮމް ކެސިއަސް ސްޓެވާޓް މެޗުގެ 29 ވަނަ މިނިޓްގައި ފޮނުވާލި ބާރު ބޯޅަ ސަސްގެ އުޒްބެކިސްތާން ކީޕަރު މިރުޒޮހިދު ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ޓީސީ އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ސަސްގެ މުހައްމަދު ޖެހި ޝޮޓް ޓީސީގެ އަޒަރުބައިޖާން ކީޕަރު އާޒާދު ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި މަހޯލީ ޖެހި ބޯޅަ ވެސް އާޒާދު ވަނީ ހުއްޓުވައިފަ އެވެ.

ދެ ވަނަ ހާފްގައި ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ. މި ހާފްގެ ކުރީކޮޅުގައި ކެސިއަސް ފޮނުވާލި ބޯޅަ ކީޕަރު މިރްޒޮހިދު މަތަކުރިއިރު، ސަސްގެ މުހައްމަދު ޖެހި ޝޮޓެއް ކީޕަރު އާޒާދު ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ 74 ވަނަ މިނިޓްގައި ޓީސީން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް އޭރިއާތެރެއިން ސަސްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ މިނިޓެއް ފަހުން ސަސް އިން ވަނީ ލަނޑު ޖަހައިފަ އެވެ. މި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އައިހަމް އަހުމަދު އެވެ. ކުރިން ޓީސީ އަށް ކުޅުނު އައިހަމް ވަނީ ގޯލު ޖެހުމަށް ފަހު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އުފާފާޅުކުރުމުގެ ތެރޭގައި އައިހަމް ޖޯޒީ ބޭލުމުން އޭނާ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ޓީސީ އަށް އެއްވަރުކޮށްދޭން މެޗުގެ 80 ވަނަ މިނިޓްގައި ކެސިއަސް ނެގި ހުރަހަކުން އައްޒާމް ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ގޯލަށް ވަނުމުގެ ކުރިން ސަސްގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ޓީސީގެ އަލީ ޝާމިސް (ތޮއްޕޭ) އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ސަސްގެ އައިހަމް އަށް ކުރި ފައުލަކަށެވެ. ތޮއްޕޭ އަށް ކާޑު ދެއްކި ފަހުން ޓީސީގެ މެލްކޮމް އަށް އަނިޔާވެގެން އޭނާ ބާލަން ޖެހުނުއިރު ޓީސީގެ ތިން ބަދަލު އޮތީ ހަމަވެފަ އެވެ. އެހެންވެ މެޗު ނިންމާލިއިރު ދަނޑުމަތީގައި ޓީސީގެ ދެ ކުޅުންތެރިއަކު މަދެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ ވަރަށް އުނދަގޫ ހާލަތެއްގައި ކުޅުނު މެޗެއް ކަމަށާއި ހަގީގަތުގައި ޕްރެކްޓިސް މެޗުތަކެއް ވެސް ނުލިބި ސީދާ މެޗަށް ނުކުންނަން ޖެހުމުން އޭގެ އަސަރު ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ.

"މިހާ ބޮޑު ބްރޭކަކަށް ފަހު އެއްވެސް ޓްރެއިނިން މެޗެއް ނުކުޅެ ވަރަށް ދަތި ހާލެއްގައި ޓްރެއިން ކުރަން ވެސް ޖެހުނީ. ޓްރެއިން ކޮށްފައި ނުކުމެ ހީކުރި ވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅެފި. ދެން ނަތީޖާ އަދި ކޮންމެ ގޮތަކަށް ދިޔަސް. ދެން އޮތީ ދެން އޮތް މެޗަށް މަސައްކަތްކުރުން،" ނިޒާމްބެ ބުންޏެވެ. "އަސްލުގައި ވިން (މޮޅެއް) ނެގޭނެ މެޗެއް މިއީ. މި ބުނާހެން ވަރަށް ބޮޑު ޗޭންޖެއް ގެނެސްފައި ވަރަށް ބޮޑު ބަދަލެއް ސްޓާޓިން ލައިނަން ވެސް ގެނެސްގެން މި ކުޅުނީ. ދެން ޕްރެކްޓިސް މެޗެއް ވެސް ނުކުޅެ އަނެއްހެން ބުނާނަމަ ފުރަތަމަ ފްރެންޑްލީ އެއް ކަަހަލަ ގޮތަކަށް ކުޅެން ޖެހުނީ،"

ނިޒާމްބެ ބުނީ ޓީސީގެ މި ސީޒަނަށް ބެލިޔަސް މަދުވާ ކަމަކީ ލަނޑު ޖެހުން ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަށް މަސައްކަތްކުރާނެ ކަމަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454