ކުޅިވަރު

ބޮޑު މޮޅަކާއެކު ޔޫވީ ހިންދެމިލައިފި

ލަނޑު ޖެހުމަށް ފަހު ޔޫވީގެ ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އެފްއޭއެމް

18 އެޕްރީލް 2021 - 02:29

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 5-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، ޔުނއިޓެޑް ވިކްޓަރީ (ޔޫވީ) ދިވެހި ޕްރިމިއާ ލީގުގައި ހިންދެމިލައިފި އެވެ.

ޖެހިޖެހިގެން ދެ މެޗުން ލިބުނު މޮޅާއެކު ތަވާލުގެ ފުލުން އަރައިގަތުމަށް ޔޫވީއަށް ވަނީ ބޮޑު އުންމީދެއް ލިބިފަ އެވެ. އެ ޓީމު މޮޅުވި ދެ މެޗުގަައި މޮޅުވެފައި ވަނީ ގިނަ ގޯލްތަކެއްވެސް ޖަހައިގެންނެވެ. މިދިޔަ ހަފުތާގައި ދަ ގްރާންޑޭ ސްޕޯޓްސް އަތުން ޔޫވީ މޮޅުވީ 4-1 އިންނެވެ. މިއީ ލީގުގައި ޔޫވީ މޮޅުވި ފުރަތަމަ މެޗެވެ.

މެޗުން ތިން ޕޮއިންޓް ހޯދައި ޔޫވީން ވަނީ ހަތް ވަނައިގައި އޮތް ސަސް އާ ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. ސަސްއަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ޔޫވީއަށް ނުވަ ޕޮއިންޓެވެ.

ސަސްގެ މައްޗަށް ހޯދި މޮޅު، ޔޫވީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ސިފަ ކުރީ، ލީގުގެ ގަދަ ހައެއްގެ ރޭހުގެ ތެރެއަށް ވަނުމަށް، ޔޫވީއަށް ހުޅުވުނު ތަނަވަސް ފުރުސަތެއްގެ ގޮތުގަ އެވެ.

"ކުޑަ ފުރުސަތެއް ނޫން ބޮޑު ފުރުސަތެއް ކުޅުންތެރިން މި ހުޅުވާލަ ދިނީ. މިއީ ކުޅުންތެރިން ވަރަށް ބުރަ މަސައްކަތަކުން ހޯދި ހަމަ ބޮޑު ކާމިޔާބެއް." މެޗަށް ފަހު ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ.

މެޗުގައި ލީގު ނެގީވެސް ޔޫވީންނެވެ. އެ ޓީމުގެ ލަނޑު ޔޫކްރޭންގެ ފޯވަޑް ސިލިޗް ކާމިޔާބު ކުރީ، ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ލީޑު ނެގިތާދެ މިނެޓް ފަހުން ޔޫވީން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 30 ވަނަ މިނެޓްގައި އިސްމާއީލް އީސާ ނަގައިދިން ކޯނަރު އަހްމަދު ރަޝީދު (އައްމަޑޭ) ބޮލުން ވައްދާލީ ގޯލުގެ ތެރެއަށެވެ.

ޔޫވީން ދެ ވަނަ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން، ސަސްގެ މިޑްފީލްޑަރު އަހްމަދު ހަމީދު ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ. ހަމީދު ލަނޑު ޖެހީ ޖަޕާންގެ މިޑްފީލްޑަރު ޔެސޫކޭ މޮހުރީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޔެސޫކޭ މަސައްކަތް ކުރީ އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލާ ދިމާލަށް ފޮނުވާލާށެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު ނާޖިހް ފައިގައި ޖެހިފައި ރީބައުންސްވި އެވެ. ރީބައުންސްވި ބޯޅަ ހޯދައި ޔުސޫކޭ އެ ބޯޅަ ގޯލު ކުރިމައްޗަށް ނަގައިދިން އިރު ހަމީދު ހުރީ ގޯލުގެ ބުޑުގަ އެވެ. ގޯލު ދަނޑި ކައިރިގައި ހުރެ ހަމީދު ވަނީ ގޯލުގެ ތެރެއަށް ފަސޭހަކަމާއެކު ބޯޅަ ވައްދާލާފަ އެވެ.

ފުރަތަމަ ހާފު ނިމުގެ ކުރިން، ޔޫވީ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ރީހާން މުހައްމަދާއި އީސަގެ ކޮމްބިނޭޝަން މި ލަނޑުން ފެނިގެން ދިޔަ އެވެ. އޭރިއާގެ ބޭރުން އީސައަށް ލިބުނު ބޯޅަ އޭނާ ދިނީ އޭރިއާގެ އަރިމަތީގައި ހުރި ރީހާން އަށެވެ. ބޯޅަ ދިނުމަށް ފަހު އީސަ ވަނީ އޭރިއާގެ ތެރެއަށެވެ. ސަސްގެ ޑިފެންޑަރުންގެ އެތުރިގެން ތިއްބައި، ރީހާން ވަނީ ބޯޅަ ގޯލު ކުރިމައްޗަށް ނަގައި ދިފަ އެވެ. އެއް އެ ބޯޅަ އަށް އަރައި، އެއް ފަހަރުން އީސަ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ދެ ވަނަ ހާފުގައި ނަތީޖާ ފުޅާ ކުރަން އިތުރު ފުރުސަތުތައް ޔޫވީއަށް ލިބިގެން ދިޔަ އެވެ. މެޗުގެ 81 ވަނަ މިނެޓްގައި އަލީ ހައިޝަމް (ޗުމްޕު) ޔޫވީގެ ހަތަރު ވަނަ ލަނޑު ޖެހުމުގެ ކުރިން ވެސް އޭނާ އަށް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފަ އެވެ. ޗުމްޕު ޔޫވީގެ ހަތަރު ވަނަ ލަނޑު ކާމިޔަބު ކުރީ މޫސާ އަޒީމް ހަސަން ނަގައިދިން ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ޔޫވީގެ ފަސް ވަނަ ލަނޑު އީސަ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.

ކުޅުންތެރިންގެ ކިބައިން ފެންނަން ޖެހޭ "އެޓިޓިއުޑް" ސަސްގެ ކުޅުންތެރިންގެ ކިބައިން ފެނިގެން ނުދާކަން ފާހަގަކޮށް، ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ސަސްގެ ކޯޗް މުހައްމަދު ޝިޔާޒު މޯހަން ބުނީ، ސަސްގެ ލަނޑާއެކު ޓީމަށް ހިތްވަރެއް ލިބުނު ނަމަވެސް އެކަން އެގޮތުގައި ނުހިފެހެއްޓުނު ކަމަށެވެ.

މޯހަން ބުނީ އޭނާގެ ޓީމަށް ކުރިމަތިވީ ވަރަށް ބޮޑު ބައްޔެއް ކަމަށެވެ. މެޗު އަތުން ދޫވެގެން ދިޔައީ ބައިކޮޅަށް ލަނޑު ވަނުމާއެކު، ދެން އެކަމުން އަރައިގަތުމަށްޓަކައި ނެރެން ޖެހޭ ހިތްވަރު ކުޅުންތެރިންގެ ފަރާތުން ނުފެނުމުން ކަމަށް އޭނާ ބުންޏެވެ.

"ފެނިގެން ދިޔައީ ކުޅުންތެރިންގެ ހިތްވަރު ނެތް ތަން. މިރޭ މި ފެނުނު އެޓިޓިޔުޑް މި ކުޅުންތެރިންގެ ފަރާތުން ކުރިއަށް ހުރި މެޗުތަކުގައި ފެންނަ ކަމަށް ވެއްޖެއްޔާމު ރެލިގޭޝަން ކުޅުން ތައްޔާރު ވާން ޖެހޭނީ." މޯހަން ބުންޏެވެ.

ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ދަ ގްރާންޑޭ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454