މި ސީޒަނަށް ފަހު ބަޔާން މިޔުނިކުގެ ކޯޗްކަން ދޫކޮށްލަން، ހަންސީ ފްލިކް ނިންމައިފި އެވެ.

މިދިޔަ ސީޒަނުގައި ބަޔާންއާ އެކު ކޮންޓްރެކްޓް ހެދި ފްލިކުގެ ކޮންޓްރެކްޓް ހަމަވާން ދެ އަހަރު އަދި އެބައޮތެވެ. ވުލްފްސްބާގުގެ މައްޗަށް ރޭ ހޯދި މޮޅަށް ފަހު، ފްލިކް ބުނީ، ބަޔާން ދޫކޮށްލަން އޭނާ ނިންމާފައިވާކަން ކުލަބަށް އަންގާފައި ވާނެ ކަމަށެވެ.

މިދިޔަ ސީޒަންގައި އޭނާ ވަނީ، ބަޔާނަށް ސީޒަނުގެ ތިން ތަށި ކާމިޔާބު ކޮށްދީފަ އެވެ. ޕީއެސްޖީ ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ފަހުން އުފުލާލި ޓީމު މި ސީޒަންގައި ކުއާޓާ ފައިނަލުން ކެޓީ ޕީއެސްޖީ އަތުން ބަލިވުމުންނެވެ.

ޖަރުމަނުގެ ކުރީގެ އެސިސްޓެންޓް ކޯޗް، ގައުމީ ޓީމާ ހަވާލު ވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ޖޫން/ޖުލައި ގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރަތަށް ފަހު ޖަރުމަންގެ ކޯޗުކަން ދޫކޮށްލަން މިހާރުގެ ކޯޗު ޔޯކިމް ލޯ ވަނީ ނިންމައިފަ އެވެ. އެއަށް ފަހު ޖަރުމަނުގެ ޓީމާ ފްލިކް ހަވާލު ވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ކުރިމަގުގައި ނިންމާނެ ވަކި ގޮތެއް އަހަރެން އަދި ނުނިންމަން،" ބަޔާންގެ މަގާމުން ވަކި ވަނީ ޖަރުމަންގެ ކޯޗް ކަމާ ހަވާލުވާންތޯ ނޫސްވެރިން ސުވާލު ކުރުމުން ފްލިކް ބުންޏެވެ. "ޖަރުމަން އެފްއޭގެ ހުށަހެޅުމަކީ ކޮންމެ ކޯޗަކު ވެސް އެކަމާ މެދު ވިސްނާނެ ކަމެއް. ނަމަވެސް މި ނިންމުމަކީ އެކަމާ ގުޅޭ ނިންމުމެއް ނޫން."

ބަޔާންގެ ކޯޗުގެ މަގާމަށް ދެން ގެންނާނެ ކަމަށް ބެލެވެނީ، ރެޑްބުލް ލައިޕްޒިގުގެ ކޯޗް ހޫލިއަން ނާގެލްސްމަން އެވެ.