މިޔުނިކް (28 އޭޕްރިލް) - ކޯޗަކު، ކްލަބު ބަދަލުކުރި އެންމެ ބޮޑު ޓްރާންސްފާ ފީއަށް ހޫލިއަން ނާގެލްސްމަން ބަޔާން މިޔުނިކަށް ބަދަލު ވެއްޖެ އެވެ.

ރެޑްބުލް ލައިޕްޒިގްއާ އެކު ހަދާފައި ކޮންޓްރެކްޓް ހަމަވާން ބާކީ ދެ އަހަރު އޮއްވައި، ބަޔާނުން ނާގެލްސްމަން ގެންދަނީ، ޓްރާންސްފާ ފީގެ ގޮތުގައި ލައިޕްޒިގްއަށް 20 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ. އިތުރު ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޔޫރޯވެސް ދޭނެ އެވެ.

ކޯޗަކު ކްލަބު ބަދަލު ކުރުމަށް މީގެ ކުރިން އެންމެ އަގު ބޮޑު ޓްރާންސްފާއެއް ހެދީ، 2011 ގައި ޕޯޓޯއިން ޗެލްސީ އަށް ބަދަލުވި އަންޑްރޭ ވިލަސް ބޮއެސް އެވެ. ޕޯޓޯގެ ކޮންޓްރެކްޓްގައި ހުއްޓައި އޭނާ ގެންނަން ޗެލްސީން 15 މިލިއަން ޔޫރޯ ހޭދަކުރި އެވެ.

ޖުލައި މަހު އެއް ވަނަ ދުވަހު ބަޔާންގެ މަސައްކަތްތަކާ ރަސްމީކޮށް ހަވާލުވާ، ނާގެލްސްމަން، 33، އާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެ ޓީމުން ސޮއިކުރާނެ އެވެ. ނާގެލްސްމަންގެ ކޯޗުކަމުގެ ދަށުން މިދިޔަ ސިޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ލައިޕްޒިގް ދަތުރުކުރި އެވެ.

ބަޔާންގެ ކޯޗް ކަމުގެ މަގާމުގައި ހުރި ހަންސީ ފްލިކް ވަނީ މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން ނިންމައިފަ އެވެ. މިދިޔަ ސީޒަންގެ ތިން މުބާރާތް ބަޔާނަށް ކާމިޔާބުކޮށް ދިން ނަމަވެސް އޭނާއަށް މި ސީޒަންގައި ހޯދެން އޮތީ ބުންޑެސް ލީގާ އެކަންޏެވެ.