މި މަހުގެ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާއްސަ ހުއްދައެއް ދީފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯއީސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭއެފްސީ ހަދާފައިވާ ގައިޑްލައިންގެ ދަށުން މެޗުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށް، އެޗްޕީއޭ އާއި ޔޫތު މިނިސްޓްރީން ބޭއްވި މަޝްވަރާތަކަށް ފަހު ނިންމާފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ މެޗުތައް ކުރިއަށް ގެންދާނީ އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކާއި، ކޮވިޑްގެ ހާލަތުގަިއ މުބާރާތްތައް ކުރިއަށް ގެންދިއުމަށް އޭއެފްސީ ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މި މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް އިންޑިއާގެ ބެނަގަލޫރު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެެވެ.

އޭއެފްސީ ކަޕްގެ ސައުތު ޒޯންގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 އިން 20 އަށެވެ. ގުރޫޕް ސްޓޭޖުގެ ޖާގަ ކަށަވަރުކޮށްފައިވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިންތިހާ އަށް ގިނަވާތީ، އެ ގައުމުން ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ފިޔަވައި، އެހެން ފަރާތްތަކުން 14 ދުވަހު ކަރަންޓީވާ ގޮތަށް ވަނީ އުސޫލެއް ކަނޑައަޅައިފަ އެވެ. އެހެން ނަމަވެސް، އޭއެފްސީ ކަޕްގައި ވާދަކުރާ އިންޑިއާގެ ދެ ކްލަބު ކަމަށްވާ ބެންގަލޫރު އާއި އޭޓީކޭ މޯހަން ބަގާން ރާއްޖެ އަންނާނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ބެންގަލޫރާއި އޭޓިކޭ މޯހަން ބަގާން ވަކިން ކޭމްކޮށް، "ބަބަލް"އެއްގައި އުޅޭތާ މިހާރު 8 މަސްވެއްޖެ އެވެ. އޭއެފްސީގެ ގައިޑްލައިންތަކުގައި ވާ ގޮތުން، މި މުބާރާތަށް އަންނަ ޓީމުތަކާއެކު ދަތުރުކުރެވޭނީ ޕީސީއާއެރް ޓެސްޓް ނެގަޓިވްވާ ކުޅުންތެރިންނާޢި އޮފިޝަލުންނަށެވެ. އަދި ރާއްޖެ އައިސް، ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން އިތުރު ޕީސީއާރް ޓެސްޓެއް ކުރާނެ އެވެ.

އޭއެފްސީގެ ގައިޑްލައިންގައިވާ ގޮތުން، މި މުބާރާތުގައި ރާއްޖޭން ވާދަކުރާ ޓީމުތައް ވެސް ކޭމްޕްކުރަންޖެހެ އެވެ. އަދި ކޭމްޕަށް ވަނުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދައި، ނެގެޓިވް ނަތީޖާއަކާއެކު ނޫނީ، އެއްވެސް ކުޅުންތެރިއެއް ނުވަތަ އޮފިޝަލަކަށް ކޭމްޕަކަށް ނުވަދެވޭނެ އެވެ. އަދި މުބާރާތުގެ މެޗުތައް ފެށުމުގެ ކުރިން، އަދި އޭއެފްސީން ބޭނުންވެއްޖެ ހާލަތެއްގައި މެޗުތަކުގެ ތެރެއިން ވެސް ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ޕީސީއާރް ޓެސްޓް ހަދަންޖެހެ އެވެ.

މި މުބާރާތަށް އަންނަ ޓީމުތަކާއި، ރާއްޖެ ތަމްސީލުކުރާ ޓީމުތައް ވެސް ކޭމްޕަށް ވަންނަ ގޮތަށް، ބޭރަށް ނުކުމެވޭނީ ޓްރެއިނިންތަކަށާއި މެޗުތަކަށެވެ.