މި ފަހަރުގެ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީން އަންނަނީ ރަނގަޅު ކުޅުމެއް ދައްކައި ތަފާތު ނަތީޖާތަކެއް ނެރެމުންނެވެ. ގައުމީ މުބާރާތުގައި ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ފަހަރަށް މިރޭ ވާދަކުރާއިރު، މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މުބާރާތް ކަމަށްވާ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ ހަތަރު ވަނަ ހޯދީ ވެސް އެ ޓީމުންނެވެ. ގައުމީ މުބާރާތުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާނީ ސ. ފޭދޫއާ އެވެ.

މި ސީޒަނާ ޔުނައިޓެޑް ވިކްޓަރީން ކުރިމަތިލީ ރާއްޖޭގެ ފުޓްބޯޅައިގައި މާ މަޝްހޫރު ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޓީމަށް ގެނެސްފައިވަނީ ފެންވަރު ރަނގަޅު ހަތަރު ބިދޭސީ ކުޅުންތެރިންގެ އިތުރުން ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިންނެވެ. ޔުނައިޓެޑް ވިކްޓަރީ ސްކޮޑަށް ބަލާއިރު އެ ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅުނު ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި ކުރިން ނިއު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާ އަށް ވެސް ކުޅުނު ހުސެއިން ޝިމާޒް (ކޮކީ) އާއި ވިޔަންސާ އާއި ވީބީ އަށް ކުރިން ކުޅުނު ހުސެއިން ޝުއައިބު ހިމެނެ އެވެ. ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ކުރިން ނިއު އާއި ޓީސީ އަށް ކުޅުނު ރަފީނިއާ އާއި ސީރިއާ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފާއި މި ސީޒަނުގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސީރިއާގެ ފޯވާޑް ކެރިކް އަންދްރޭ ހިމެނެ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކީ ކުރިން އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އާއި ވިކްޓަރީ އަށް ކޯޗުކޮށްދީފައިވާ އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ އަހުމަދު އާތިފް (އާތީ) އެވެ.

ޔުނައިޓެޑް ވިކްޓަރީ - މުހިއްމު މެޗުތަކުގައި ނަތީޖާ ނެރުނު

މި ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ މުހިއްމު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ކުރީގެ ޗެމްޕިއަން މާޒިޔާ ކަޓުވާލުމުގެ އިތުރުން އުރީދޫ ދިިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުން ހިމެނެ އެވެ. އޭގެ އިތުރުން ވެސް މި ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ މުހިއްމު މެޗުތަކުގައި ލީގުގެ ކުރީގައި އޮތް ޓީމުތަކަށް ޕްރެޝަރު ކޮށްފަ އެވެ.

އީގަލްސްގެ ޝިފާން (ކ) ކައިރިން ޔުނައިޓެޑް ވިކްޓަރީގެ ކޮކީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އީގަލްސްގެ ޝިފާން (ކ) ކައިރިން ޔުނައިޓެޑް ވިކްޓަރީގެ ކޮކީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ޓީމުތަކުގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީ އަށް ބަލިނުކުރެވި އޮތީ ދެ ޓީމެވެ. އެއީ އީގަލްސް އާއި ނިއު ރޭޑިއަންޓް އެވެ. ބާކީ އޮތް ފަސް ޓީމު އަތުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އީގަލްސްއާ ދެކޮޅަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ނިއުއާ ދެކޮޅަށް ލީގުގައި ކުޅުނު ތިން މެޗުގެ އިތުރުން އެފްއޭ ކަޕްގެ ތިން ވަނަ ހޮވާ މެޗުން ވެސްވީ ބައްޔެވެ.

ބިދޭސީ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފާ ޓީމު

ސީޒަނުގައި މިހާތަނަށް ބިދޭސީ ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެންނަ ޓީމަކީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ ކެރިކް އަކީ މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ބިދޭސީ ކުޅުންތެރިޔާ އެވެ. ކީޕަރު އަލް ޔޫސުފަކީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ނެގުމަށް ފަހު ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ބިދޭސީ ކީޕަރެވެ. އޭނާ ވަނީ ސީރިއާ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޔުނައިޓަޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއާ އަށް ހޮވުނު ޔުނައިޓެޑް ވިކްޓަރީގެ އަންދްރޭ (ވ)އާ އިނާމް ހަވާލުކުރަނީ.. ފޮޓޯ: ނިޝާން އަލީ/މިހާރު
ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޔުނައިޓަޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއާ އަށް ހޮވުނު ޔުނައިޓެޑް ވިކްޓަރީގެ އަންދްރޭ (ވ)އާ އިނާމް ހަވާލުކުރަނީ.. ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ ސީޒަނުގައި ޓީސީން ލީގުގެ ދެ ވަނަ ހޯދިއިރު ދެއްކި މޮޅު ކުޅުން ބްރެޒިލްގެ މިޑްފީލްޑަރު ރަފީނިއާ އަންނަނީ މި ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީގައި ވެސް ތަކުރާރު ކުރަމުންނެވެ. އަނެއް ބިދޭސީ މިޑްފީލްޑަރު ވުކޮބްރަޓް ޑޯޑީ އަންނަނީ ބައެއް މެޗުތަކުގައި ޔުނައިޓެޑް ވިކްޓަރީގެ އެންމެ ފަހަތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ގައުމީ މުބާރާތުގެ ފުރަތަމަ މެޗަށް މިރޭ ނުކުންނައިރު ސީޒަނުގެ މިހާތަނަށް ބެލިޔަސް މިއީ ޔުނައިޓެޑް ވިކްޓަރީ އަށް ކާމިޔާބު އަހަރެކެވެ. އެއީ ލީގުގެ ގަދަ ބާރުތައް ފަހަތަށް ޖައްސާލުމަށް ފަހު ހަތަރު ވަނަ ޖެހިޖެހިގެން ދެ މުބާރާތުގައި ހޯދާފައިވާތީ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ބީގައި މިރޭ ފޭދޫ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ. ފޭދޫ ކުޅުނު ފުރަތަމަ މެޗުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން 2-1 އިން ބަލިވެފަ އެވެ.