ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޕްރެޒިޑެންޓްސް ކަޕުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައި ޔޫވީން މުބާރާތް ނިންމައިލައިފި އެވެ.
މިއަދުގެ މެޗާ ހަމައަށް އައިރު، މޮޅެއް ނުހޯދި އޮތް ދެޓީމުގެ ތެރެއިން އެއް ޓީމަކީ ޔޫވީ އެވެ. އަނެއް ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އޭގެ ތެރެއިން ވެސް މިއަދުގެ މެޗާ ހަމައަށް އައިރު ޔޫވީ އޮތީ ތާވަލުގެ އެންމެ ފުލުގަ އެވެ.
މިދިޔަ ހަފުތާގައި ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ޓީސީން އިތުބާރު ހޯދިިނަމަވެސް މިއަދުގެ މެޗުގައި އެޓީމަށް އެކަމެއް ނުދެއްކުނެވެ. މެޗުގެ ފުރަތަމަ ހާފު ވެސް ޔޫވީން ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކު އެވެ.
އެޓީމުގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓްގައި ޖެހީ އަލީ ހައިޝަމް (ޗުމްޕް) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އަލީ ހަމްދާން ވަނީ 39 ވަނަ މިނެޓްގައި ޔޫވީގެ ދެވަނަ ލަނޑު ޖަހައިފަ އެވެ.
ޔޫވީ އާއި ޓީސީ ވެސް ބިނާ ވެފައި ވަނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. އެކަމަކު ޔޫވީ އަށް އޮތް އެޑްވާންޓޭޖަކީ އެ ޓީމުގައި ބިދޭސީ ކުޅުންތެރިން ތިބުމެވެ. ޓީސީ މުބާރާތް ނިންމާލީ ބިދޭސީ ކުޅުންތެރިޔެއްގެ އެހީއާ ނުލަ އެވެ. އެކަމަކު އެ ޓީމުން ހަ ޕޮއިންޓް ހޯދި އެވެ.
މިއަދުގެ މެޗުގައި ޔޫވީ މޮޅުކޮށް ދިނުމުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިންގެ ހިއްސާ ބޮޑެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ މިދިޔަ ސީޒަންގައި ވެސް އެޓީމަށް ކުޅުނު އަނަޓޮލީ ވްލަސިޗޭވް އެވެ. އަދި ކޯޗް އިހްސާ އަބްދުލް ގަނީ (ސާންތީ) ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މިލޯސް ކޮވަސެވިޗް އަށް ފުރުސަތު ދީފަ އެވެ.
ޔޫވީގެ ތިންވަނަ ލަނޑު 61 ވަނަ މިނެޓްގައި ޖެހީ އަހްމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. އަނަޓޮލީ ލަނޑު ޖެހީ 84 ވަނަ މިނެޓްގަ އެވެ. ޓީސީގެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ފޯވާޑް އަހްމަދު ޒައުލް އެވެ.
ޔޫވީގެ މޮޅާއެކު އެޓީމުން ވަނީ ހަތަރު ޕޮއިންޓް ހޯދައި، ތާވަލުގެ ފުލުން ސަލާމަތް ވެފަ އެވެ. އެޓީމުން ވަނީ ޖުމުލަ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. މިހާރު ފުލުގައި އޮތް ދަ ގްރާންޑޭއިން މިރޭ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ.