25 ޑިސެމްބަރ 2025 - 22:11
ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފްގެ ކޯޗުކަމާ ހަވާލުވި ފަހުން ޓީސީން ފެންނަ ބަދަލަށް އިތުރު ބޮޅެއް މިއަދު އިތުރުކޮށް ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވިރު ކުޅުނު މެޗު ޓީސީން ކާމިޔާބު ކުރީ 3-1 ންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުން ޔޫވީން ކާމިޔާބު ކުރީ 4-1 ންނެވެ.
ނަތީޖާ ބަދަލުކޮށްލައި ޓީސީން މެޗު ކާމިޔާބުކޮށް އެ ޓީމު ވަނީ ތާވަލުގެ ހަތްވަނަ އަށް ޖެހިލާފަ އެވެ. ކުރިން އެ ޓީމު އޮތީ ލީގުގެ އެންމެ ފުލުގައި، 10 ވަނައިގަ އެވެ. މިހާރު އެ ޓީމަށް ނުވަ ޕޮއިންޓް އެބައޮތެވެ.
މެޗުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓްގައި ޓީސީ އަށް ޖަހައި ދިނީ ގާނާގެ ފޯވާޑް ޕްރިންސް ބޯޑޫ އެވެ. ޔޫވީގެ އޭރިއާގެ ބޭރުން އޭނާ އަށް ލިބުނު ބޯޅަ ހުއްޓުވަން، އޭރިއާގެ ރޮނގާ ހަމައަށް ނުކުމެ ހުރި ޔޫވީގެ ކީޕަރު މިސްރުގެ އަލީ އާދިލް މުސްތޮފާ އަލީގެ ގައިގައި ޖެހިފައި ބޯޅަ ރީބައުންސްވި އެވެ. އެކަމަކު ޔޫވީގެ އެހެން ކުޅުންތެރިޔަކަށް އެ ބޯޅަ ލިބުމުގެ ކުރިން ޕްރިންސް އެ ބޯޅަ ހޯދައި ހުހަށް އޮތް ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ޓީސިގެ ދެވަނަ ލަނޑު ވެސް ޖެހީ ޕްރިންސެވެ. އެ ޓީމުން ނެގި ކޯނަރުގައި އޭރިއާގެ މެދުގައި ގޯލްގެ މެދަށް ފޮނުވާލި ބޯޅަ ފަސޭހަކަމާ އެކު ވަދެގެން ދިޔަ އެވެ.
ޓީސީގެ ތިންވަނަ ލަނޑު ހުސައިން ޝަރީފް މުހައްމަދު ވެސް ޖެހީ ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ. ނެގި ކޯނަރު ޝަރީފް ބޮލުން ވައްދާލީ ގޯލްގެ ނިއާޕޯސްޓް ދަނޑި ކައިރީގައި ހުރެފަ އެވެ.
ޔޫވީގެ ހަމަ އެކަނި ލަނޑު ޖެހީ މިސްރުގެ މުހައްމަދު ސާމިރެވެ.
އާތީ އާ އެކު ޓީސީން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. އެ ޓީމުން ކުރިން ކުޅުނު މެޗުގައި މާޒިޔާއާ ދެކޮޅަށް ފަހު ވަގުތު އެއްވަރު ކުރި އެވެ. މާޒިޔާގެ މޮޅުވުމުގެ ރޭހަށް ނިމުން ގެނައީ ޓީސީންނެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy