ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ޓީސީ ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ އީގަލްސް ހޯދައިފި

ޓީސީގެ ނިޒާމް (ވ) ކައިރިން އީގަލްސްގެ ޒާދު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

18 ނޮވެމްބަރ 2016 - 18:49

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އޭގައި މިއަދު ކުޅުނު މެޗުން 2-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް އީގަލްސް އިން ހޯދައިފި އެވެ.

އީގަލްސް ސެމީން ފުރުސަތު ހޯދީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ޓީސީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނީ އަންނަ ހޯމަ ދުވަހު ނިއު އާއި ޓީސީ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އެއްވަރުވެއްޖެނަމަ ސެމީ އަށް ދާނީ ޓީސީ އެވެ.

މިއަދުގެ މެޗަށް ޓީސީން ނުކުތީ އަނިޔާގެ ސަބަބުން ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ)ގެ ބަދަލުގައި ނާއިޒު ހަސަން (ދާދު) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

އީގަލްސް އިން ލީޑު ނެގީ މެޗުގެ ނުވަ ވަނަ މިނިޓްގައި ރިސްޓޭ ނައުމޯވް ޖެހި ލަނޑުންނެވެ. ޓީސީގެ ޑިފެންޑަރު މުހައްމަދު އިންޝާދް އަތުން ގެއްލުނު ބޯޅައެއް ހޯދުމަށް ފަހު އީގަލްސްގެ މުސްތަފާ ސެޑިކް އަރިމަތިން ނަގައިދިން ހުރަހަކުން ރިސްޓޭ މި ލަނޑު ޖެހީ ބޮލުންނެވެ. އެ ބޯޅަ ފޮނުވާލިއިިރު ރިސްޓޭ ހުރީ ޓީސީ އޭރިއާ ތެރޭގައި ހުސްކޮށެވެ.

އީގަލްސް އިން ލަނޑު ޖެހުމާ އެކު ޓީސީން ކުޅުން ރަނގަޅުކޮށް އެޓޭކް ގިނަ ކުރަން ފެށި އެވެ. އެގޮތުން މެޗުގެ 13 ވަނަ މިނިޓްގައި އީގަލްސް އޭރިއާ ތެރެއިން ޓީސީގެ އަހުމަދު ނިޒާމް (ނިޒާމްބެ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަސް މިނިޓް ފަހުން ނިޒާމްބެ ދިން ބޯޅަ އަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ކީޕަރު ސުޖަން އަތުގައި ޖެހިފައި ގޯލަށް ވަންނަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ އަށް އެއްވަރުކޮށްދިނީ މެޗުގެ 23 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ އެވެ. އޭރިއާ ބޭރު ރޮނގު ކައިރިން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އަތުގައި ޖެހި ދަނޑީގައި ވެސް ޖެހިފަ އެވެ. މިއީ މި ސީޒަނުގައި ސެންޓޭ ކާމިޔާބުކުރި 33 ވަނަ ލަނޑެވެ.

އޭގެ ތިން މިނިޓް ފަހުން ޓީސީ އަށް ލިބުނު ކޯނަރަކުން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާ ބޭރުން ޓީސީގެ ބިދޭސީ ޑިފެންޑަރު ކުޑޫސް ކެލާނީ ފޮނުވާލި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ޓީސީގެ އަލީ ނާފިއު (ކަޅޭ) އަށް ލިބުމުގެ ކުރިން އީގަލްސް ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސްގެ ސެޑިކާއި އިބްރާހިމް މުބީން (މުއްކި) ވަނީ ދެ ހަަމަލާއެއް ފޮނުވާލައިފަ އެވެ. ސެޑިކް ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އޭރިއާ ތެރެއިން މުއްކި ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން ޓީސީ ކީޕަރު މުހައްމަދު އިމްރާން ވަނީ ފަސޭހަކަމާ އެކު ނަގައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ޓީސީން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ 49 ވަނަ މިނިޓްގައި އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބޯޅަ އީގަލްސް ޑިފެންޑަރަކު ފައިގައި ޖެހިފައި ގޯލުގެ ކަނަށް އަމާޒުވުމުގެ ކުރިން ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

މި ހާފްގައި ދެ ޓީމުގެ މެދުތެރެއިން ވެސް ގިނަ ގޯސްތަކެއް ފެނުނެވެ. ބޯޅަ ހިފަހައްޓައިގެން ދެ ޓީމަށް ކުޅެން އުނދަގޫވިއިރު، ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަން އުނދަގޫވި އެވެ. އީގަލްސްގެ ކުޅުން ރަނގަޅުވީ މެޗުގެ 62 ވަނަ މިނިޓްގައި އަބްދުﷲ ސަމީހްގެ ބަދަލުގައި އަހުމަދު ރިޒުވާން (ރިޒޭ) ކުޅެން އެރުވުމުންނެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި މުއްކި އެވެ. ރިޒޭ ދިން ބޯޅައެއް ޓީސީ އޭރިއާ ތެރެއިން ހޯދުމަށް ފަހު ސެޑިކް ހުސްކޮށްލާފައި ދިނީ މުއްކި އަށެވެ. މުއްކި ވަނީ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 78 ވަނަ މިނިޓްގައި ޓީސީގެ އިބްރާހިމް ވަހީދު (އިއްބެ) އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ބޯޅަ އޭނާ އަށް ލިބުމުގެ ކުރިން ކީޕަރު ސުޖަން ވަނީ އެ ބޯޅަ ބޭރުކޮށްލައިފަ އެވެ.

އީގަލްސް އަށް ތިން ވަނަ ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ރިޒޭ އަށެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ހަސަން ރާއިފް (ހަންނަ) ކުޅުންތެރިޔަކު ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިން ރިޒޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އީގަލްސް އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި އެ ޓީމުގެ މުއްކި އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. މުއްކި އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ފުރަތަމަ ރީނދޫ ކާޑަށް ފަހު ރެފްރީ މުހައްމަދު ޖާވިޒްއާ ދިމާއަށް އެއްޗެއް ބުނުމުން ނެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ސ. ފޭދޫ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454