ރެއާލްގެ ކޯޗް ޒިދާން. އޭނާ ވަނީ މީޑިއާއިން ފަތުރާ ވާހަކަ ދޮގު ކޮށްފަ
17 މެއި 2021 - 12:50
ބިލްބާއޯ (17 މެއި) - ރެއާލް މެޑްރިޑް ދޫކޮށްލަން ބޭނުންވާ ވާހަކަ ކުޅުންތެރިންގެ ގާތު އޭނާ ބުނި ކަމަށް މީޑިއާއިން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް، އެ ކްލަބުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ހޮނިހިރު ދުވަހު މީޑިއާތަކުގައި ފެތުރިގެން ދިޔަ ވާހަކަ އަކީ، މި ސީޒަނަށް ފަހު ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ޒިދާން އެ ޓީމުގެ ކުޅުންތެރިންގެ ގާތު ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ރޭ އެތުލެޓިކް ކްލަބު ބިލްބާއޯ އަތުން މޮޅުވި މެޗަށް ފަހު ޒިދާން ބުނީ ސީޒަންގެ މިހާހިސާބަށް ދާއިރު ކްލަބު ދޫކޮށްލާ ވާހަކަ ކުޅުންތެރިން ގާތު އޭނާ ނުބުނާނެ ކަމަށެވެ.
ރޭ ސެލްޓަ ވީގޯ އާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވުމުން، ލީގުގެ ޓައިޓަލް ރޭހުން އެ ޓީމަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. މިހާރު ލީގު ހޯދުމުގެ ރޭހުގައި އޮތީ މެޑްރިޑްގެ ދެ ކްލަބެވެ. އޮސަސޫނާ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް އެތުލެޓިކޯ މެޑްރިޑް ވަނީ ތާވަލުގެ އެއް ވަނައިގައި ދަމަހައްޓައިފަ އެވެ. އަންނަ ހޮނިހިރު ދުވަހު ރެއާލް ވަޔަޑޮލިޑް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެތުލެޓިކޯއަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ރެއާލް އަށް ލީގު ލިބޭނީ ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އެތުލެޓިކޯއަށް މޮޅު ނުވެވިއްޖެނަމަ އެވެ.
"ސީޒަންގެ މިހާ މުހިންމު ހިސާބަކަށް އާދެވިފައި ވަނިކޮށް އަދި އަހަރެމެންގެ ހުރިހާ ހަކަތައެއް މިކަމަށް ހުސްކޮށްފައި ވަނިކޮށް އަހަރެމެން ކިހިނެއް ކުޅުންތެރިން ކައިރީ ބުނާނީ އަހަރެމެން މިއުޅެނީ ކްލަބު ދޫކޮށްލާށޭ،" ޒިދާން ބުންޏެވެ.
"ކަލޭމެން [މީޑިއާއިން] ބޭރުގައި ތިބެގެން ކަލޭމެން ބޭނުން ވާހަކައެއް ދެއްކިދާނެ. އަހަރެންގެ ކުޅުންތެރިން ގާތު އަހަރެން ކްލަބު ދޫކޮށްލާ ވާހަކައެއް ނުބުނާނެ. އަހަރެން މިހުރީ އެންމެ ފަހު މެޗަށް ފޯކަސްކޮށްގެން. އިތުރު އެއްވެސް ކަމަކާ ނުވިސްނަން. އަބަދު އަބަދު އަހަރެންގެ ކުރިމަގާ ބެހޭގޮތުން ވާހަކައެއް ނުދެއްކޭނެ."
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޒިދާން، ކްލަބު ދޫކޮށްލާތީ މެޑްރިޑުން ވަނީ މަގާމު ރިޕްލޭސް ކުރަން ތިން ކޯޗުން ޝޯޓްލިސްޓް ކޮށްފަ އެވެ. އެއީ ރެއާލްގެ ބީ ޓީމުގެ ކޯޗް ރައުލް ގޮންޒާލޭޒް އާއި ޔުވެންޓަސްގެ ކުރިގެ ކޯޗް މެކްސް އެލެގްރީ އާއި ޖަރުމަންގެ ކޯޗް ޔޯކިމް ލޯ އެވެ.
ބީ ޓީމުން ރޭ ކުޅުނު ޕްލޭއޮފް މެޗަށް ފަހު ރައުލް ބުނީ، އޭނާގެ ގެއަކީ ރެއާލް މެޑްރިޑް ކަމަށާއި ކުރިމަގު ބިނާ ކުރަން ބޭނުން ވަނީ އެ ކްލަބާ އެކުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy